ރެކޯޑް އަދަދަކަށް މިއަދު ކޮވިޑް-19 އަށް ރާއްޖެއިން މީހުން ޕޮޒިޓިވްވެފައިވާއިރު އެއާޕޯޓް ކްލަސްޓާއިން އިތުރު 48 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ. އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު އިތުރު ފަސް މީހަކު ޕޮޒިޓިވްވިއެވެ. އަދި 13 ވަނަ ދުވަހު ހަ މީހަކު 14 ވަނަ ދުވަހު ހަތް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. 15 ވަނަ ދުވަހުވެސް ތިން މީހަކު ޕޮޒިޓިވްވިއެވެ.
މިއަދު ޕޮޒިޓިވްވީ 110 މީހުންގެ ތެރޭގައި އެ ކްލަސްޓާގެ ގިނަ އަދަދެއްގެ ބަޔަކު ހިމެނެއެވެ. އެއީ އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުންދާ ބައެއް މީހުންނާއި އެއާޕޯޓްގައި މަސައްކަތް ކުރަމުންދާ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީގެ ބައެއް މުވައްޒިފުންގެ އިތުރުން ޗައިނާ ކޮމިއުނިކޭޝަން ކޮމްޕެނީގެ މުވައްޒިފުންތަކެކެވެ. އެޗްއީއޯސީން ބުނީ ޖުމްލަ 48 މީހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިއަދު ޕޮޒިޓިވްވީ ކުރިން މި ކްލަސްޓާއިން ޕޮޒިޓިވްވި 22 މީހުންނާއި ކޮންޓެކްޓްވެގެން ސާމްޕަލް ނެގި 136 މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ. އެއާޕޯޓަކީ މީގެ ކުރިންވެސް އެންމެ ގިނަ މުވައްޒިފުން ޕޮޒިޓިވްވީ އެއް ތަނެކެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 86 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 24 މީހުން ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 31 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 79 ބިދޭސީންނެވެ. މިއަދު ޓެސްޓް ކުރީ 1،828 ޓެސްޓެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 947 މީހުންނެވެ. މިހާތަނަށް 11،316 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. ކޮވިޑްގައި 45 މީހަކު ވަނީ މަރުވެފަ އެވެ. އެންމެ ފަހުން މީހަކު މަރުވީ މިއަދު އިރޮއްސުުނު ވަގުތުއެވެ. މިއީ މިދިޔަ 48 ގަޑިއިރުގެ ތެރޭގައި މި ބަލީގައި މަރުވި ތިން ވަނަ މީހާ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 59 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަތޮޅުތަކުން 10 ރަށެއްގައި 14 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 26 ރިސޯޓެއްގައި 52 ފަތުރުވެރިންނާއި 128 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ.