ވިޔަފާރި

ދިރާގުން ސައިބަ ސެކިއުރިޓީއާބެހޭ ވެބިނާ ބާއްވައިފި

Nov 23, 2020

ދިރާގުން، އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ބޭފުޅުންނަށް އަމާޒު ކޮށްގެން ސައިބަ ސެކިއުރިޓީއާ ބެހޭ ވެބިނާއެއް ބާއްވައިފި އެވެ.

ދިރާގު "އެއްވުން" ޕްލެޓްފޯމްގައި ބޭއްވި ވެބިނާގައި ކޮވިޑް 19 ފަދަ ބަލިމަޑުކަމެއްގެ ތެރޭގައި ސައިބަ ސެކުރިޓީއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ނުރައްކާތަކާ، މި ފަދަ ނުރައްކާތަކުން ކުންފުނިތަކާ މުވައްޒަފުން ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންތައްތައް ކިޔައިދިނުމަށް ކަމަަށެވެ.

މި ވެބިނާގެ ކީނޯޓް ދެއްވީ ޓެކް ދާއިރާގައި 20 އަހަރު ދުވަހުގެ ތަޖުރިބާ ހުރި އަދި މިހާރު އީގާޑިއަން ޕްރައިވެޓް ލިމިޓެޑް، ޑީސީއެސް ޕްރައިވެޓް ލިމިޓެޑް އަދި އައިއައިއެޗްޓީ ސްރީލަންކާގެ ޑިރެކްޓަރު އަދި ޑެލްޓާ ސްޕައިކް ޕްރައިވެޓް ލިމިޓެޑްގެ ކޯފައުންޑާ ކަމަށްވާ ޝިހާން އަނޮން އެވެ.

މި ވެބިނާގައި ސަބްޖެކްޓް އެކްސްޕާޓެއްގެ ގޮތުން ވާހަކަފުޅު ދެއްކެވީ 20 އަހަރަށް ވުރެ ގިނަ ދުވަހުގެ އައިޓީ ސިކިއުރިޓީ ތަޖުރިބާ ހުރި އަދި މިހާރު ފޯޓިނެޓްގެ ޕްރިންސިޕަލް ސިސްޓަމް އިންޖިނިއަރު ކްރިޝްނަން ރާޖަގޮޕްލަން އެވެ. އެ ބޭފުޅާގެ ވާހަކަފުޅުގައި އަލި އަޅުވައި ދެއްވީ ސައިބަ އެޓޭކްތަކަކީ މިއަދުގެ ދުނިޔޭގައި މެދު ނުކެނޑި 24 ގަޑިއިރު ހިނގަމުންދާ ކަމަށެވެ.

ދިރާގުން މި ވެބިނާގައި އެ ކުންފުނީގެ ސެކިއުރިޓީ އިންފޮމޭޝަން އެންޑް އިވެންޓް މެނޭޖްމެންޓް އަދި ބެކަޕް އެންޑް ރިކަވަރީ ސޮލިއުޝަން އާ ބެހޭ ގޮތުން މައުލޫމާތު ދީފައިވެ އެވެ. ދިރާގު ބެކަޕް އަދި ރިކަވަރީ އަކީ ޑިޒާސްޓާ ރިކަވަރީ އަދި ބިޒްނަސް ކޮންޓިނިއުޓީ އަށް ހާއްސަ ކޮށްގެން ފަރުމާކޮށްފައިވާ ހިދުމަތެކެވެ. އެގޮތުން، މި ހިދުމަތަކީ ކްލައުޑް ބޭސްޑް ބެކަޕް ހިދުމަތެކެވެ.

މި ވެބިނާގައި ދިރާގު ޑިރެކްޓަރު ކަސްޓަމާ ސޮލިއުޝަންސް މުސްތާގް އަހުމަދު ދީދީ ވިދާޅުވީ މި ވެބިނާ ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ އަޅުގަނޑުމެންގެ ވިޔަފާރި ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ސައިބަ ސެކުރިޓީގެ މުހިންމުކަމާ ސައިބަ ހަމަލާ ތަކުން ރައްކާތެރިވުމުގަށް ދުރާލާ ކުރެވޭނެ ކަންތަކުގެ މައުލޫމާތު ދިނުން ކަމަށެވެ.

ދިރާގުގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އާ އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް މި ޑިޖިޓަލް ޒަމާނުގައި ވިޔަވާރިތައް ފުރިހަމަ އަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދު ވެސް ދަނީ މަސައްކަތްކުރަމުންނެވެ.