ލިވަޕޫލް

ލެސްޓާ ބަލިކޮށް ކްލޮޕްގެ ލިވަޕޫލަށް ރެކޯޑެއް

ލެސްޓާ ސިޓީގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޔާގަން ކްލޮޕްގެ ލިވަޕޫލުން ކުލަބުގެ ތާރީހީ ރެކޯޑެއް ހަދައިފި އެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތި ވެފައިވާއިރު ވެސް، ކޮލޮޕްގެ ޓީމުން އަމިއްލަ ދަނޑުގައި ރޭ ހޯދި މޮޅަކީ އެންފީލްޑްގައި ބަލި ނުވެ ފުރިހަމަ ކުރި 64 ވަނަ މެޗެވެ. އައީ ކުރިން ކުލަބުން 1978 އަދި 1981 ހަދާފައިވާ ރެކޯޑަށް ވުރެ އިތުރު ވުމެވެ.

މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑަކީ މެޗުގެ 21 ވަނަ މިނެޓްގައި ލެސްޓާގެ ޖޮނީ އީވަންސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ލިވަޕޫލުން ނެގި ކޯނަރު އީވަންސް ބޮލުން ދިފާއު ކުރަން އުޅުމުގެ ތެރޭގައި ބޯޅަ ވަނީ އޭނާގެ ޓީމުގެ އަމިއްލަ ގޯލަށެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު ޑިއޭގޯ ޖޯޓާ ކާމިޔާބު ކުރީ އެންޑީރޮބަޓްސަން ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއިންނެވެ. ލިވަޕޫލްގެ ތިން ވަނަ ލަނޑު ރޮބާޓޯ ފިރުމީނޯ ކާމިޔާބު ކުރީ، ޖޭމްސް މިލްނާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. އެވަޓަން އާއި ފުލަމް ކުޅުނު މެޗު، އެވަޓަން ކާމިޔާބު ކުރީ 3-2 ންނެވެ.

ލިވަޕޫލާއި އެއް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވެސް ލިބިފައި ވަނީ 20 ޕޮއިންޓެވެ. ސްޕާސްއަށް އެއް ވަނަ ލިބެނީ ފައިދާ ގޯލުން ކުރި ލިބުމުންނެވެ.