ލައިފްސްޓައިލް

ކިޔަވާ ނުދެވޭތީ ސްކޫލްގައި ދަނޑުވެރިކަން ކުރަނީ

އިންޑިޔާގެ ކަރުނާޓަކާގެ ސްކޫލެއްގައި އޮތް ހުސް ބިމުގައި ދަނޑުވެރިކަން ކުރަން ފަށައިފި އެވެ. އަދި އެ ސްކޫލްގެ ކްލާސްރޫމްތައް ދަނޑުހެއްދުމާ ބެހޭ ތަކެތި ބެހެއްޓުމަށާއި ވޯކްޝޮޕްގެ ގޮތުގައި ދަނީ ބޭނުން ކުރަމުންނެވެ.

ސްކޫލް މެނޭޖްމަންޓާއި ޓީޗަރުން މިހާރު ގެންދަނީ ސްކޫލް ތެރޭގައި އެކި ކަހަލަ މާމެލާމެއްޔާއި ތޮޅި، ބަށި، މިރުސް ފަދަ ތަކެތި ހައްދަމުންކަމަށް ދަ ހިންދޫ ނޫހުގައިވާ ރިޕޯޓެއްގައި ބުނެފައި ވެއެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ލޮކްޑައުންކޮށް ސްކޫލްގައި ކިޔަވާދިނުން ހުއްޓިފައި އޮންނަތާ އަށެއްކަ މަސް ދުވަސް ވެފައިވާއިރު އެ ސްކޫލްގައި މަސައްކަތްކުރި ޓީޗަރުންނާއި އެހެނިހެން މުވައްޒަފުންނަށް މުސާރަ ނުލިބި އެމީހުންގެ އަތްމަތި ވަނީ ވަރަށް ދަތިވެފަ އެވެ. ސްކޫލަށް ކުދިން ނުގެންނާތީ އެ ކުދިން އަތުން ފީ ނެގޭނެ ގޮތެއް ނުވެ މުސާރަ ވެރިންނަށް މުސާރަ ދެވޭނެ ގޮތެއް ވެސް ވަނީ ނެތިފަ އެވެ.

އެހެންވެ ފަޅުވެފައިވާ ސްކޫލް ގޯތި ތެރެ އެކަށީގެންވާ ރަނގަޅު ގޮތަކަށް ބޭނުންކުރަން ސްކޫލްގައި މަސައްކަތްކުރާ ފަރާތްތަކުން ނިންމީ އެވެ. ފައިސާ ނުލިބޭތީ ސްކޫލްގެ ޓީޗަރުންނާއި ވަރަށް ތައުލީމީ މީހުން ވެސް މިހާރު ވަރަށް އާދައިގެ ކުދި ކުދި މަސައްކަތްތައް ކުރަމުންދާ ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ. އެގޮތުން ބައެއް މީހުން މަގުމަތީގައި ތިބެ މޭވާ އާއި ތަރުކާރީ ފަދަ ތަކެތި ވެސް ވިއްކާ އުޅެ އެވެ.

ޓެމިލް ނާޑޫގެ ވެސް ބައެއް ސްކޫލްތަކުގައި މިހާރު އޯގަނިކް ފާމިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.