ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޓެކްސީތަކަށް ހާއްސަ ކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޕާޓިޝަން ނުޖަހާ ހިދުމަތް ދެމުންދާ ކަމަށް ކޮވިޑްގެ މައުލޫމާތު ދެއްވާ ތަރުޖަމާނު ޑރ. އާމިނަތު ނަޒްލާ ރަފީގް ވިދާޅު ވެއްޖެ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ޓެކްސީތަކަށް އެކުލަވާލާފައިވާ ގައިޑްލައިންގައި ޕަސިންޖަރުންގެ ސީޓާއި، ޑްރައިވަރުގެ ސީޓާ ދެމެދު ޕާޓިޝަނެއް ޖަހައި ވަކި ކޮށްފައި ހުންނަންޖެހެ އެވެ. އެކަމަކު ނަޒްލާ ވިދާޅުވީ އެ ގައިޑްލައިނާ އެއްގޮތަށް ގިނަ ފަރާތްތަކަކުން އަމަލު ނުކުރާ ކަމަށާއި އަދި ގަވާއިދާ ހިލާފަށް ހިދުމަތް ދޭ ކަމަށެވެ.
ގަވާއިދާ ހިލާފަށް ގިނަ ޓެކްސީ ދުއްވާ ހިދުމަތް ދޭ ކަމަށް އިންސްޕެކްޝަނުގައި ވެސް ފާހަގަ ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ މީގެ ކުރިން ޕާޓިޝަން ޖަހާފައިވާ ޓެކްސީތަކުން ވެސް ޕާޓިޝަން ނައްޓާލައިގެން ހިދުމަތް ފަށާފައިވާ ކަމަށާއި ސަބަބެއް ކަމަށް ބުނެފައި ވަނީ މާލޭ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދު މަދުވެފައިވުން ކަމަށެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި އެޗްޕީއޭގެ އެ ގައިޑްލައިނަށް ބަދަލެއް އައިސްފައި ނުވާއިރު ކޭސްތައް މަދުވިއޭ ބުނެ ގައިޑްލައިނާ ހިލާފްވުމަކީ ހުއްޖަތެއް ނޫނެވެ.