ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މަރިޔަމް މުނާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ހުސްވެފައިވާ މެންބަރެއްގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ ތިން ބޭފުޅެއްގެ ނަމެވެ.
ނަމަވެސް، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެ ނަންތައް ދިރާސާކުރެއްވުމަށްފަހު މިއަދު ތަޅުމަށް އިއްވި ރިޕޯޓުގައި ބުނެފައިވަނީ، އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ތައުލީމާއި ތަޖުރިބާއަށް ބަލާއިރު، އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ މުނާ ކަމަށް ކޮމިޓީން ކަނޑައަޅާފައިވާ ކަމަށެވެ.
މުނާއަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސް ހާސިލުކޮށްފައިވާ ބޭފުޅެކެވެ. އޭނާ އަކީ މެނޭޖްމެންޓް ދާއިރާއާއި ކަމާ ގުޅުންހުރި ދާއިރާތަކުން ރާއްޖެއިންނާއި ރާއްޖެއިން ބޭރު ގައުމުތަކުން އެކަށީގެންވާ މިންވަރެއްގެ ތަމްރީނުތަކެއް ލިބިފައިވާ ފަރާތެއްކަމަށް ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އަދި އޭނާ ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމާއި ނޭޝަނަލް ސެކިއުރިޓީގެ ޕަރމަނަންޓް ސެކެރެޓަރީ ކަމާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.
އެއާއެކު ކޮމިޓީގެ ހުށަހެޅުމާ އެއް ގޮތަށް އެޗްއާރުސީއެމަށް މުނާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފައިވަނީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުންނެވެ.
މިދިއަ ސެޕްޓެމްބަރު މަހު ވެސް މަޖިލީހުގެ ރުހުމާއެކު އެ ކޮމިޝަނަށް ތިން މެންބަރަކު ވަނީ އައްޔަނުކުރައްވައިފަ އެވެ.
މިގޮތުން، އައްޔަންކުރެއްވި ތިން ބޭފުޅުންނަކީ އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި، މުއުމިނާ ވަހީދު އަދި ޑރ. އަހްމަދު އަދުހަމް އަބްދުﷲ އެވެ.