ހަބަރު

ކޮމަންޑޫ އާއި މިލަންދޫން ޑުރަގާއެކު 3 މީހުން ހައްޔަރު ކޮށްފި

ށ. އަތޮޅުގެ ދެ ރަށެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކެއް ހިންގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

އެގޮތުން ފުލުހުން ބުނީ މިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް އާންމު ފަރާތަކުން އެ ރަށު ޕޮލިސް ސްޓޭޝަނަށް ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި 29 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިލަންދޫ އޮޑިހަރުގެއެއްގެ ތެރެއިން އެ ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދެވަނަ އޮޕަރޭޝަނެއް ހިންގީ އެއަތޮޅު ކޮމަންޑޫގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން، ކޮމަންޑޫގައި ހިންގި އޮޕަރޭޝަނަކީ ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔަ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަނުގައި 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އިއްޔެ ހިންގި މި އޮޕަރޭޝަނުގައި މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ސެލޯފިންކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.