ނ. މިލަދޫގައި މަސްތުވާތަކެތި ވިއްކަން އުޅުނު މީހަކު ހުއްޓުވުމުން، ހުއްޓުވި ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލި މީހާއަށް ދައުވާކޮށްފި އެވެ.
މަނަދޫގައި މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން އެރަށު ޕޮލިސް ޑެސްކްގައި މަސައްކަތްކުރާ ފުލުސް މީހާއަށް ފުރަތަމަ ދިނީ އިންޒާރެވެ. އޭގެ ފަހުން އެރޭ ދަންވަރު ފުލުސް މީހާގެ ސައިކަލްގައި ވަނީ ރޯކޮށްލައިފަ އެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ އެރަށު ފަތަގުމާގެ ޝުހާދު އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް މިމަހުގެ ހަ ވަނަ ދުވަހު އުފުލާފައި ވަނީ މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާ އެވެ. ދައުވާކޮށްފައި ވަނީ ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
މި ހާދިސާގެ ވިޑިއޯއެއް އާންމުވެފައިވާއިރު އެ ވީޑިއޯ އިން ފެންނަނީ ދެ މީހަކު ވެގެން ސައިކަލުގައި ރޯކޮށްލާ މަންޒަރެވެ. އެރަށު މާގަސްދޮށުގެ ގޯތޮތެރެއަށް ވަދެ އެކަކު އެއަށް ޕެޓްރޯލް ހަމެއް އޮއްސައިލުމުން އަނެކަކު އަލިފާން ރޯކުރާ މަންޒަރު ފެނެ އެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ތިން މީހަކު ހައްޔަރު ކުރި އެވެ. އެކަމަކު ދެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހެއްގެ ސައިކަލުއި ރޯކޮށްލި މައްސަލަ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފަ އެވެ.