ހަބަރު

އަކްރަމްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތެއް ނެތް

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނާއިބް ރައީސް އަހުމަދު އަކްރަމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމީ ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން ނޫން ކަމަށް އެ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އަކްރަމްއާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބެލި މައްސަލައަކުން އީސީގެ މެންބަރު ކަމުން ވަކި ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ. މި ނިންމުމާއެކު އަކްރަމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އަކްރަމްއާ ގުޅޭގޮތުން ބައެއް ތުހުމަތުތައް ކުރެވެމުންދަނިކޮށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރް ރޮޒައިނާ އާދަމް ވިދާޅުވީ އަކްރަމް ވަކިކުރަން ފޮނުވަން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމީ ސުލޫކީ މައްސަލައެއްގެ މައްޗަށް ކަމަށެވެ.

"މުވައްޒިފުންނާއި ވާހަކަ ދެއްކުމުގައި ކޮމިޝަންގެ މެންބަރެއް ހިފަހައްޓަން ޖެހޭ އަހުލާގީ މިންގަނޑު ހިފަހައްޓާފައި ނުވާ ކަމަށް ކޮމެޓީގެ މެންބަރުންނަށް ގަބޫލު ކުރެވިގެން،" ރޮޒައިނާ ވިދާޅުވިއެވެ.

މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ އަކްރަމް ރައީސް ސޯލިހަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި އަކްރަމް ވަނީ މަގާމުން އިސްތިއުފާ ދެއްވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގައި ދެމި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކޭތީ ކަމަަށެވެ.

"ނަމަވެސް އަޅުގަނޑުގެ މައްޗަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލައަކީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށައަޅާފައިވާ މައްސަލައެއް ކަމަށާ އެ މައްސަލާގައި ތުހުމަތު ކޮށްފައިވާ އެއްވެސް ކަމެއް އަޅުގަނޑުގެ ފަރާތުން ހިނގާފައިނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ. އަދި އެކަން ހިނގާދިޔަ ގޮތުގެ ތަފްސީލް މައުުލޫމާތު ހެއްކާއެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހިއްސާކޮށްފައިވާނެއެވެ،" އަކްރަމްގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އަކްރަމްއާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމްވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

އީސީގެ ރަައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އަކްރަމަކީ އިލެކްޝަންސް ކޮމިޝަނަށް ގެއްލިގެންދިޔަ އަގުހުރި، ގާބިލް އަދި ހިންގުންތެރި އެއް ކަމަށެވެ. އަކްރަމް އަކީ މުވައްޒިފުންނަށް ޖިންސީ ގޯނާކޮށް ފުރައްސާރަ ކޮށްފާނެ މީހެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ހިތްވަރު ގަދަ ކުރައްވާ. ދިރިއުޅުމުގައި އަޑި ގުޑަން އަންނާނެ،" ޝަރީފްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.