ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބާތިލް ވޯޓުގެ އަދަދު ގިނަވެދާނެތީ ކައުންސިލް އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކައުންސިލް އިންތިހާބު އޮތީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކަމުގައިވާތީ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ފަށައި ބިލުގެ ހުރިހާ މަސައްކަތެއް މިއަދު ނިންމަން މަޖިލީހުގެ ރިޔާސަތުން ނިންމި އެވެ.
އެ ގޮތުގެ މަތިން މިއަދުގެ ޖަލްސާގައި ބިލު ބަލައިގަންނަން ވޯޓު ނެގި އެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 48 މެންބަރުންގެ އިއްތިފާގުން ބިލު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވި އެވެ. މުޅި މަޖިލީހުގެ ކޮމިޓީގައި ބަހުސް ކުރެއްވި ހުރިހާ މެންބަރުން ވެސް އެ ބިލަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި އެވެ.
މުޅި މަޖިލީހުގެ ކޮމިޓީގެ މަސައްކަތް ނިންމައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހި އެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ އިއްތިފާގުން އެ ރިޕޯޓް ފާސްކުރި އެވެ.
މަޖިލީހުން މިއަދު ފާސްކުރި އިސްލާހާ ގުޅިގެން އަންނަ ކައުންސިލް އިންތިހާބުގައި މަގާމަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނައިން ފާހަގަލާފައިވާނަމަ ބާތިލްވެގެން ދާނީ އެ ގޮތަށް ފާހަގަ ޖަހާފައިވާ މަގާމުގެ ވޯޓު އެކަންޏެވެ. ވޯޓު ކަރުދާހުގައި ހިމެނޭ މަގާމުތަކުގެ ތެރެއިން ހަމައަށް ފާހަގަ ޖަހާފައިވާ މަގާމެއްގެ ވޯޓެއް ގުނާނެ އެވެ.
މިހާރު ގާނޫނު ބުނާ ގޮތުން، އެއިން އެއް މަގާމެއްގެ ވޯޓެއްގައި ވެސް ފާހަގަ ޖަހަން ޖެހޭ އަދަދަށްވުރެ ގިނައިން ފާހަގަ ޖަހާފައިވާ ނަމަ މުޅި ވޯޓު ކަރުދާސް ބާތިލްވެގެން ދާނެ އެވެ. އެއިރުން އެ ކަރުދާހެއްގައި ހަމައަށް ފާހަގަ ޖަހާފައިވާ މަގާމެއްގެ ވޯޓު ވެސް ނުގުނާނެ އެވެ.
ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާއެކު ރަށު ކައުންސިލްތަކުގެ ރައީސް އާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަކީ އެ ކައުންސިލެއްގެ ހިމެނޭ އެންމެން ވޯޓު ލައިގެން ވަކިން އިންތިހާބު ކުރާ މަގާމެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ. އަދި ކައުންސިލްތަކުގެ 33 ޕަސެންޓް ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ.
އެހެންކަމުން ރަށްރަށުގައި ވޯޓުލާ މީހުން ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ މެންބަރު އަދި ކައުންސިލްގެ އަންހެން މެންބަރުގެ މަގާމަށް ވޯޓު ލާން ޖެހެ އެވެ. ސިޓީ ކައުންސިލްތަކުގައި މޭޔަރަށާއި ދާއިރާ މެންބަރާއެކު ދެ މަގާމަކަށް ވޯޓު ލާން ޖެހޭއިރު، ކުޅުދުއްފުށި ސިޓީން ހދ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް ވެސް ވޯޓު ލާން ޖެހެ އެވެ.
އެ ގޮތަށް އޮތް އިރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ އެ ހުރިހާ މަގާމަކަށް ވޯޓު ލުމަށް މަގާމުތަކުގެ ވޯޓު ކަރުދާސް ވަކިވަކިން ދޫކުރުގެ ބަދަލުގައި އެއް ކަރުދާހެއްގައި ހުރިހާ މަގާމަކަށް ވޯޓުލާ ގޮތަށެވެ. އެހެންކަމުން އެންމެ މަގާމެއްގެ ވޯޓު ބާތިލް ވެއްޖެނަމަ މުޅި ވޯޓު ކަރުދާސްގެ ވޯޓުތައް ބާތިލް ވާނެ އެވެ.
ކައުންސިލް އިންތިހާބުގެ ވޯޓު ބާތިލުވާ މާއްދާއަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރިއިރު، ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭން ވެސް ފެނުމާ ގުޅިގެން އެ އިންތިހާބު ފަސް ކުރަން ބައެއް މީހުން ދަނީ އެދެމުންނެވެ. އެކަމަކު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ވިސްނުން ހުރީ އިންތިހާބު ފަސްނުކުރުމަށެވެ.