ހަބަރު

ދިރާގު ލައިފްސްޓައިލް އެޕުން އެހީވުމުގެ ފުރުސަތު

Nov 25, 2020

ދިރާގު ލައިފް ސްޓައިލް މޮބައިލް އެޕްލިކޭޝަން "ނައުއެމްވީ" އިން ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތް ތަކަށް އެހީވާން ފުރުސަތު ހުޅުވާލައިފި އެވެ.

ދިރާގުން ބުނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް "ނައުއެމްވީ" މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ އިތުރުން އެފަދަ ޖަމާއަތްތަކުން ބާއްވާ ފަންޑްރެއިޒިން ކެމްޕޭން ތަކަށް ފަސޭހަ ކަމާއެކު އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށެވެ.

މިހާރު ނައު އެމްވީ އެޕްގައި ހަތަރު އެންޖީއޯ އެއް ވަނީ ލިސްޓް ކޮށްފައި ވެއެވެ. މީގެން ކޮންމެ އެންޖީއޯއަކުން ވެސް ވަނީ ހާއްސަ ފަންޑްރައިޒާއެއް ހުޅުވާލާފަ އެވެ.

ނައު އެމްވީގެ ޑޮނޭޝަން ފީޗާއާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ދިރާގު މެނޭޖަރ ބިޒްނަސް ޑިވަލޮޕްމެންޓް އަހުމަދު ޝިނާއު އަބްދުލް ގާދިރު ވިދާޅުވީ މި ދަނޑިވަޅަކީ މިފަދަ ޖަމިއްޔާތަކަށް އެންމެންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ވަގުތެއް ކަމަށެވެ.

"ދިރާގު ނައުއެމްވީ އެޕް މެދުވެރިކޮށް އަޅުގަނޑުމެން ބޭނުންވީ އެންޖީއޯތަކާ އަމިއްލަ ފަރާތްތަކާ ގުޅުވާލައިދީ، އަމިއްލަ ފަރާތް ތަކުން، އެފަރާތްތައް ސަޕޯޓް ކުރަން ބޭނުންވާ ކަމަކަށް ނުވަތަ އެންޖީއޯ އަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސް ކޮށްދިނުމަށް. މީގެ އިތުރުން، އެންޖީއޯތަކުން ކުރާ މަސައްކަތްތަކީ ކޮބައިކަން ދެނެގަނެ، އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުންވާ އެންޖީއޯ ތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް ގާއިމް ކުރުމަށް،" ޝިނާއު ވިދާޅުވި އެވެ.

ނައުއެމްވީ މޮބައިލް އެޕަކީ ތަފާތު މުނިފޫހިފިލުވުމާއި ލައިފްސްޓައިލް ފީޗާސްތައް އެކުލެވޭ އެޕްލިކޭޝަނެކެވެ.