ޗެމްޕިއަންސް ލީގް

ހެޓްރިކް ހަދަން ލިބުނު ޕެނަލްޓީ ފެނާންޑޭޒް ދޫކޮށްލައިފި

ޗެމްޕިއަންސް ލީގްގައި ތުރުކީގެ އިސްތަންބޫލް ބަޝްކްޝީއާ ދެކޮޅަށް ހެޓްރިކް ހަދަން ލިބުނު ފުރުސަތު މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑާ ބުރުނޯ ފެނާންޑޭޒް ދޫކޮށްލައިފި އެވެ.

އިސްތަންބޫލްގައި ބަޝްކްޝިއާ އަތުން ޔުނައިޓެޑް 2-1 ން ބަލިވި ނަމަވެސް، ރޭ އޯލްޑްޓްރަފާޑްގައި ކުޅުނު މެޗު ޔުނައިޓެޑް ކާމިޔާބު ކުރީ 4-1 ންނެވެ.

މެޗުގައި ޕޯޗްގަލްގެ މީޑްފީލްޑާ ފެނާންޑޭޒް ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހާފަ އެވެ. އޭނާގެ ފުރަތަމަ ލަނޑަކީ ތަފާތު މޮޅު ލަނޑެކެވެ. މެޗުގެ ހަތް ވަނަ މިނެޓްގައި ޔުނައިޓެޑުން ބަޝްކްޝިއާގެ ގޯލަށް އުފައްދަން އުޅުނު ހަމަލާ އެ ޓީމުގެ ޑިފެންސްގައި ޖެހިފައި ނުކުތުމުން، އޭރިއާގެ ބޭރުގައި ހުރެފައި ފެނާންޑޭޒް ބޯޅަ އުދުއްސާލާފައި ފޮނުވާލީ ގޯލްގެ އެތެރޭގެ މަތީ ދާގަނޑަށެވެ.

މެޗުގައި، ފެނާންޑޭޒްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 19 ވަނަ މިނެޓްގަ އެވެ. މެޗުގައި ފެނާންޑޭޒް އަށް ހެޓްރިކް ހަދަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ބަޝްކްޝިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ޔުނައިޓެޑްގެ މާކޯޝް ރަޝަފޯޑަށް ފައުލު ކުރުމުން ޕެނަލްޓީ ދިނެވެ.

ޔުނައިޓެޑްގައި އާންމުކޮށް ޕެނަލްޓީ ޖަހާ ކުޅުންތެރިޔަކީ ފެނާންޑޭޒް އެވެ. ޕެނަލްޓީން ގިނަ ލަނޑުތަކެއް ޖަހާތީ ފެނާންޑޭޒްއަށް އޮތް ފާޑު ކިޔުން ވެސް ބޮޑެވެ. މިދިޔަ ހޮނިހިރު ދުވަހު ވެސްޓްބްރޯމް އާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ޕެނަލްޓީ ކާމިޔާބު ކުރި ފެންނާޑޭޒް ވަނީ ޕެނަލްޓީ ޖެހުމުގެ ފުރުސަތު ރަޝްފޯޑަށް ދީފަ އެވެ.

އިންގްލެންޑްގެ ފޯވަޑް ވަނީ، ބަޝްކްޝިއާގެ ކީޕަރަށް މިސްރާބު އޮޅުވާލުމަށް ފަހު ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އޭނާގެ އުފާފާޅު ކުރުމުގައި ފެނާންޑޭޒަށް ޝުކުރު އަދާ ކުރާކަން ހާމަ ކުރި އެވެ.

"ޕްރިމިއާ ލީގްގައި އެންމެ ފަހުން ކުޅުނު މެޗަށް ފަހު އަހަރެން ބުނިން ރަޝްފާޑް ކައިރީގައި އޭނާއަށް ދެން ފަހަރަކުން ޕެނަލްޓީ ޖެހަން ދެވިދާނޭ،" މެޗަށް ފަހު ބީޓީ ސްޕޯޓްސްގައި ފެނާންޑޭޒް ވާހަކަ ދެއްކި އެވެ. "އަހަރެން އެކަން ހަނދާންވީ. އަދި އޭނާއަކީ މިފަހަރު ޗެމްޕިއަންސް ލީގްގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ. އެއީ އޭނާއަށް ވަރަށް މުހިންމު ކަމެއް އަދި އިތުރު ހިތްވަރަކަށް ވެސް ވާނެ. ޕެނަލްޓީ ޖަހަނީ ކާކުތޯ މުހިންމެއް ނޫން ޓީމުން ލަނޑު ކާމިޔާބު ކުރީމާ އަހަރެން ވެސް ލަނޑު ކާމިޔާބު ކުރިކަމަށް އަހަރެން ދެކެނީ."

ޔުނައިޓެޑްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ޑެނިއަލް ޖޭމްސް އެވެ، ބަޝްކްޝިއާގެ ލަނޑު ކާމިޔާބު ކުރީ ޑެނިޒް ޓުރުކް އެވެ.

މެޗުން މޮޅުވެ ޔުނައިޓެޑް ވަނީ ގުރޫޕްގެ އެއް ވަނަ މާގަމުގައި ހަމަޖިލާފަ އެވެ. ރޭ ޕީއެސްޖީ ވެސް ވަނީ، ރެޑްބުލް ލައިޕްޒިގްގެ މައްޗަށް 1-0 ން މޮޅުވެ ދެ ވަނަ ބުރަށް ދިއުމުގެ އުންމީދު ދަމހައްޓާފަ އެވެ. ޕީއެސްޖީގެ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ނޭމާ އެވެ.

ގުރޫޕް އީ ގައި ޗެލްސީން، ފްރާންސްގެ ރެން އާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހު މިނެޓްގައި އޮލިވާ ޖިރޫޑް ލަނޑު ކާމިޔާބުކޮށް ޗެލްސީ ދެވަނަ ބުރަށް ގެންގޮސް ދިނެވެ. ރަޝިއާގެ ކްރަސްނޯޑާ އާ ދެކޮޅަށް ކުޅުނު މެޗުވެސް ސެވިއްޔާ ކާމިޔާބު ކުރީ މުނީރު އަލް ހައްދާދީ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރި ލަނޑުންނެވެ.

ގުރޫޕް ޖީގައި ޑައިނަމޯ ކިއޭވް އާ ދެކޮޅަށް ބާސެލޯނާ ނުކުތީ ޒުވާން ޓީމަކާއެކު އެވެ. ކެޕްޓަން ލިއޮނެލް މެސީއަށް ރެސްޓް ދިނުމަށް ފަހު ކިއޭވްއަށް ދަތުރު ކުރި ބާސާގެ ޒުވާން ޓީމުން މެޗު ކާމިޔާބު ކުރީ 4-0 ންނެވެ. އެ ގުރޫޕްގައި ޔުވެންޓަސް ވަނީ ފްރެންސްވާރޯސް އާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހު ވަގުތުގައި ކާމިޔާބު ކޮށް ދެ ވަނަ ބުރުން ޖާގަ ހޯދާފަ އެވެ. ޔުވެންޓސް މޮޅުކޮށްދިން ލަނޑު އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރީ އަލްވާރޯ މޮރާޓާ އެވެ. ޔުވެންޓަސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ރޮނާލްޑޯ އެވެ.