މަތިމައްޗަށް ތިން ގޯނި ފައްތަރު ކުރުމަށް ފަހު އެއަށް ލާފައި މަގުމައްޗަށް އެއްލާލާފައި އޮތް ތުއްތު ކުއްޖެއް ސަލާމަތް ކޮށްފި އެވެ. އެ ގައުމުގެ އުއްތަރު ޕްރަދޭޝް ސްޓޭޓުގެ މީރަޓު ސިޓީގެ ރަށެއްގެ މަގުމައްޗަށް އެއްލާލާފައި އޮތް މި ކުއްޖާ ސަލާމަތްކުރީ އޭނާ ރޯ އަޑު އިވިގެން އެ ތަނަށް އެއްވި ބައެކެވެ.
ކުއްޖާ ނެގުމަށްފަހު ފުލުހުންނަށް ގުޅުމުން އައިސް ވަގުތުން ކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންގޮއްސަ އެވެ. އަދި ކުއްޖާގެ ސިއްހަތު މުޅިން ރަނގަޅު ކަމަށާއި އެއްވެސް މައްސަލައެއް ދިމާވެފައި ނެތް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކުއްޖާއަށް ފަރުވާ ދިން ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އެ ކުއްޖާ އުފަން ވެފައިވަނީ ދުވަސް ނުފުރަ އެވެ. ނަމަވެސް އިތުރު އެއްވެސް މައްސަލައެއް ކުއްޖާގެ ނެތެވެ.
މި ކުއްޖާގެ މައިންބަފައިން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަންހެން ދަރިންނަކީ އިންޑިޔާގެ ގިނަ އާއިލާތަކުން އެހާ ބޭނުންވާ ކުދިންނެއް ނޫނެވެ. ގިނަ މީހުން ވަނީ ފިރިހެން ދަރިންނެވެ. އެއީ އެ ގައުމުގެ ގިނަ ހިސާބުތަކުގައި ސަގާފަތް އޮންނަ ގޮތުން އަންހެން ދަރިން ބޮޑެތި ވުމުން ކައިވެނި ކުރަން ބޮޑެތި ޚަރަދުތައް ކުރަން ޖެހުމާއި ކައިވެނިކުރާ ފިރިހެންމީހާ އަށާއި އާއިލާއަށް އަގުބޮޑު އެއްޗެތި ގަނެދީ ޚަރަދުކުރަން ޖެހޭތީ އެވެ. އަދި ކައިވެނިކޮށްގެން ދިއުމަށްފަހު އެ ކުއްޖާ އާއި އާއިލާ އާ މާ ބޮޑު ގުޅުމެއް ނުބޭއްވޭތީ އެވެ.