ވާހަކަ

ކާޝް

(ބާރަވަނަ ބައި)

ކާޝް މަތިން ތިރިވި މަންޒަރު، ޒޫނާ ހިފަހެއްޓި ގުރޫޕަށް ވެސް ފެނުނެވެ. އެހެންވެ ކާރު ދުއްވާލިއެވެ. ކާރެއް ނޭރި ތިބީ ފަސް ވަރަކަށް މީހުންނެވެ. އެމީހުން ކާޝްއާ ކުރިމަތިލިއެވެ. ވަޅި ދިއްކުރަމުން ކާޝްއާ ދިމާއަށް ފުންމައިގަތެވެ. ފަސް މީހުން ކާޝް ވަށައިލިއެވެ. ކާޝް ވެސް ފަހަރަކު ފަރާތަކަށް އެނބުރެމުން އެމީހުންނާ ދިމާއަށް ބަލަމުން ދިޔައެވެ. ކުޑަކޮށް ގުދުވެލައިގެން އޮވެގެންނެވެ.

އެމީހުންގެ ތެރެއިން ފަހަތުގައި ހުރި މީހާ ފުންމައިގެން އަރަމުން ވަޅި މަޅައިލީ ކާޝްގެ ބުރަކަށްޓާ ދިމާއަށެވެ. ކާޝް ހުޝިޔާރުކަމާއެކު އެ ހަމަލާއިން ރެކުނެވެ. އެ މީހާ ގޮސް ގާތަކު މައްޗަށް ޖެހުނެވެ. ޖެހުނު ގޮތުން އޭނާގެ ވައަތުގެ މުލައްދަނޑިއާ ދިމާއަށް ވަޅި ހެރުނެވެ.

ކުރިމަތިންނާއި ފަހަތުން އެއްފަހަރާ ކާޝްއާ ދިމާއަށް ފުންމައިގަތެވެ. ކާޝް އެކަމަށް ހުޝިޔާރުވެ ހުރެ މައްޗަށް އެރިއެވެ. އެއާކު ހަތަރު މީހުން އެކަކު އަނެއްކަކު ގަޔަށް މެހުނެވެ. ދެ މީހަކު ގަހަށް ވަޅި ވެސް ހެރުނެވެ. އޭރު ކާޝް އޮތީ އެމީހުންނަށް ވުރެ ދެތިން ފޫޓު މަތީގައެވެ. ކުޑަކޮށް ގުދުވެލައިގެންފައި ކުރުކޮށްލައިގެންނެވެ. އެމީހުން މުޑި އެރިވަގުތު ބަލައި ހަތަރު މީހުންނަށް ހަމަލާދިނެވެ.

އޭރު ފުލުހުން އުޅަނދުގެ އަޑު ދުރުން ކައިރިވަމުން ދިޔަ އަޑު ވެސް އިވެމުން ދިޔައެވެ. ފަސް މީހުންނަށް ވެސް އެ އަޑު އިވުނެވެ. އެމީހުން ތެޅިގަތެވެ. ހަރަކާތްތައް އަވަސްވިއެވެ. އެމީހުން އުޅުނީ ފިލާށެވެ. ފުލުހުން އައުމުގެ ކުރީން ތަން ދޫކޮށް ދާށެވެ. އެމީހުން ތެދުވިއެވެ. ކާޝްއަށް އެ މަންޒަރު ފެނުނެވެ. ކާޝް އެމީހުންނާ ކުރިމަތިލިއެވެ. އެމީހުންގެ ވަށައިގެން ކާޝް އެނބުރެން ފެށިއެވެ. ވައިރޯޅިއެއްހާ ބާރު މިނުގައެވެ. މަންޒަރު ސިފަނުވާހާ ހަލިކަމާ އެކުގައެވެ. ހަލިކަމުން މީހާ ވަކިވާވަރު ނުވެއެވެ. އެހައި ވެސް ބާރަށް، އަވަހަށް އޭނާ ހަރަކާތްކުރަމުން ދިޔައެވެ. ފަސް މީހުންނަށް އެއްފަހަރާ އޭނާ ހަމަލާ ދެމުން ދިޔައެވެ. ކާޝްގެ އަވަސް ހަރަކާތްތަކާއެކު ފަސް މީހުން ބިމަށް ތިރިވަން ނެގީ މަދު ސިކުންތުކޮޅެކެވެ. އެމީހުންގެ އަތުގައި ހުރި ވަޅިތައް ހުރީ ފަސްވަރަކަށް ފޫޓު ދުރުގައި ބިންމަތީގައެވެ.

ފަސް މީހުން ވެސް ހިރި ނުލެވިގެން ބިމަށް ގުޅަވިއެވެ. އެކި މީހުން އެކި ތަނުގައި އަތް އަޅަމުން ވޭންތަކަށް ކެތް ނުކުރެވިގެން އުޅޭ މަންޒަރު ފެންނަމުން ދިޔައެވެ. އޭރު ފުލުހުން އެތަނަށް ވަންނަނީއެވެ. ފުލުހުން ވަދެ ވަށައިގެންވާ މާހައުލަށް ބަލައިލިއެވެ. އޭރު ކާޝް އޮތީ ހައެއްކަ ފޫޓު މަތީގައެވެ. ތިރި ބަލައިގެންނެވެ. ކާޝް ހަރަކާތްކޮށްލިއެވެ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާށޭ ބުނާފަދަ ގޮތަކަށެވެ. އެއަށްފަހު އޭނާ މިސްރާބު ޖެހީ ޒޫނާ އަރުވައިގެން ދިޔަ ކާރުގެ މިސްރާބު ހުރި ދިމާއަށެވެ. ފުލުހުންގެ އިސް އޮފިސަލްގެ އިރުޝާދުގެ ދަށުން އެމީހުން ހައްޔަރު ކުރިއެވެ. އައިރީންއާއި މިކާޝް ފުލުހުންގެ އޮފިސަރާ ދިމާއަށް ހިނގައިގަތެވެ. ހަނީފު ވެސް އެ ދިމާއަށް މިސްރާބު ޖެހިއެވެ. ކަންވީގޮތާއި ޒޫނާއަށް ވީގޮތުގެ މައުލޫމާތު ފުލުހުންނަށް ހިއްސާކުރުމަށެވެ.

ކާޝްގެ މިސްރާބު ހުރީ ބުރިޖާ ދިމާއަށެވެ. ތަންކޮޅެއް މައްޗަށް ކާޝް އެރިއެވެ. ބުރިޖު މަތީގައި ދުއްވަމުން ދިޔަ އުޅަނދުތައް ވަކިވާ ވަރަށެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ޒޫނާ އެރުވި، ކަޅުކުލައިގެ ކާރެވެ. ކާރުގެ ނަންބަރު ބޯޑަށް ބަލައިލަމުން ޔަގީންކޮށްލިއެވެ. އޭރު ކާރު އޮތީ ބުރިޖުގެ މެދެއްހާ ހިސާބުގައެވެ. ކާޝް މިސްރާބު ޖެހީ ސީދާ އެ ދިމާއަށެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ކާރާ އެއްހަމައަކަށް ކާޝްއަށް ދެވުނެވެ. ކާރު ދަތުރުކުރަމުން ދިޔައީ މާލެއާ ވީފަޅިންނެވެ. އެހެންވެ ކާޝްއަށް ވެސް ކާރުގެ ހަރަކާތައް ފަސޭހަކަމާއެކު ބަލައިލެވެއެވެ. ކާޝް ވެސް ކާރާ އެއްވަރަށް ދަތުރުކުރަމުން ދިޔައެވެ. އޭނާ ދަތުރުކުރަމުން ދިޔައީ ބުރިޖުގެ ބޭރު ކައިރިންނެވެ. ކާރު ދުއްވަން އިން މީހާއަށް ކާޝްގެ ހަރަކާތްތައް ފެނުނެވެ. އޭނާ ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. ހާސްވެ ކަންބޮޑުވާ ގޮތްވިއެވެ. އެހެންވެ ކުއްލިއަކަށް ކާރު ބުރެކި ޖެއްސުނެވެ. އެއާއެކު ކާރުގެ ފަހަތުން ބާރު ދުވެލީގައި އާ ކާރު އެ ކާރާ މުޑިއެރިއެވެ. އޭގެ ފަހަތުން އައި ކާރު ވެސް މުޑިއެރިއެވެ. އެއާއެކު މެދުތެރޭ ލޭނުގައި ދުއްވަމުން ދިޔަ ސައިކަލުގައި ވިއްސައިގެން ދިޔަކާރު ޖެހި ސައިކަލުތައް ކަހައިލިއެވެ. ސައިކަލު ތަކުގައި ޖެހި ފަހަތުން އައި ހުރިހާ ސައިކަލެއް ކޮންޓްރޯލް ނުކުރެވި އެގޮތް މިގޮތްވިއެވެ. ބުރިޖުގެ މެދެއްހާ ހިސާބުގައި މާލެއިން ހުޅުލެއަށް ދުއްވަން އޮތް ފަޅީގައި ބޮޑު އެކުސިޑެންޓެއް ހިނގައި އެކި ވަރުގެ އަނިޔާ އެކި މީހުންނަށް ލިބިގެން ދިޔައެވެ. ސައިކަލުތަކުގައި ތިބި މީހުން ކަހައިލައިގެން ދިޔަ ގޮތުން އަތްފައި މެށި، އެކި ތަންތަން ބިންދައިގެން ދިޔައެވެ. އުޅަނދުތަކަށް އެކިވަރުގެ ގެއްލުން ލިބުނެވެ.

ޒޫނާ އަރުވައިގެން ދުއްވަމުން ދިޔަ ކާރު ދުއްވަން އިން މީހާއަށް އެ ހުރިހާ މަންޒަރެއް ސާފުކޮށް ފެނުނެވެ. އޭނާގެ ސަބަބުން އެތައް ބަޔަކަށް ގެއްލުން ލިބިގެން ދިޔަކަން އެނގުމުން އޭނާ އުޅުނީ އަވަހަށް ފިލޭތޯއެވެ. މަންޒަރުގެ ތެރެއިން ފިލާށެވެ. އެހެންވެ މަޑުމަޑުން ކާރު ދުއްވާލެވޭތޯ ބެލިއެވެ. ކާރުގެ ކުރީބައި ބުރިޖުގެ ދަގަނޑު ތަކު ތެރެއަށް މެހިފައި ހުރިކަން އެނގުނީ ވެސް އެވަގުތުއެވެ. ކޮންމެ ގޮތަކުން ވެސް އޭނާ ބޭނުންވީ ފިލާށެވެ. ފުލުހުން އައުމުގެ ކުރީން އެތަނުން ދާށެވެ. އެހެންވެ ކާރު އިސްޓާޓުކޮށްލެވޭތޯ އުޅުނެވެ. ދެތިން ފަހަރަކު މަސައްކަތްކޮށްލިއެވެ. ކާރުން އިވެން ފެށީ ފާޑެއްގެ އަޑެކެވެ. އެގޮތް މިގޮތަށް ތަޅައިގަތުމުން ކާރު އިސްޓާޓުވިއެވެ. އޭރު އޭނާގެ ހިތްވަނީ އަވަސްވެފައެވެ.

ކާޝްއަށް އެ މަންޒަރު ފެނުނެވެ. އޭނާ ގޮސް ތިރިކޮށްލީ ޒޫނާއިން ކާރުގެ މައްޗަށެވެ. ކާރު ދުއްވަން އުޅުނު މީހާއަށް އެކަން އިހުސާސްކުރެވުނެވެ. އޭނާއަށް ސިހުން ލިބުނެވެ. ކާޝް މަޑުމަޑުން ކާރުން ފައިބައި ކާރުގެ ކުރިމަތީގައި ހުއްޓިލިއެވެ. އެ މަންޒަރު ޒޫނާއަށް ވެސް ފެނުނެވެ. އޭނާއަށް ލުއި ގޮތަކަށް ހިނިތުން ވެވުނެވެ. ކުރިން ކާޝްގެ ވާހަކަ އަޑު އިވިފައި އޮތުމުންނެވެ. އޭނާއަށް ޔަގީންކުރީ ކާޝް އޭނާ ސަލާމަތް ކުރާނެކަމެވެ.

ކާޝް މަޑުމަޑުން ކާރާ ދިމާއަށް ހިނގައިގަތެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން އޭނާ ކުރިއަށް ޖެހިލިއެވެ. ކާރުގައި ދުއްވަން އިން މީހާ މޭތެޅިގަތެވެ. އޭނާ ހިތް އަވަސްވިއެވެ. އަތްފައި ތުރުތުރު އަޅައިގަތެވެ. ކުރިމަތިން ފެންނަން ހުރި ގޮތް ނޭނގޭ މީހާގެ ހަރަކާތްތަކުންނެވެ. އޭނާއަށް ވެސް ކިޔައިލެވުނީ މޭމަތީގައި ލިޔެފައިވާ އަކުރުތަކެވެ. ލަސްލަހުން އޭނާ އެ ނަން ކިޔައިލިއެވެ. އޭނާއަށް ސިހުން ލިބުނެވެ. ބިރުގަނެ ހާސްވާ ގޮތްވިއެވެ. އެހެންވެ އޭނާ ބޭނުންވީ ކާރުން ފައިބައިގެން ދުވެ ފިލާށެވެ.

ކާރުގެ ދޮރު ހުޅުވާލުމަށްފަހު އޭނާ ބޭރަށް ނުކުތެވެ. ކާޝްއާ ދިމާއަށް ބަލަމުންބަލަމުން އޭނާ ފަހަތަށް ދުއްވާގަތެވެ. ކާޝްއަށް އެ މަންޒަރު ފެނުނެނެވެ. އޭނާގެ ފަހަތުން ކާޝް ވެސް ހަރަކާތްކޮށްލިއެވެ. އޭނާ ފަހަތަށް ބަލައިލިއެވެ.

ކާޝްގެ ޚަބަރެއް ނުވުމުން އޭނާ ހުއްޓުނެވެ. އޭނާ ބަލައިލީ މައްޗަށެވެ. ވައިރޯޅިއެއް އޭނާގެ މޫނަށް އެޅުމުންނެވެ. އޭރު ކާޝް އޭނާގެ ބޯމަތިން ކުރިމައްޗަށް ތިރިވެލިއެވެ. އަނެއްކާ ވެސް އޭނާ ފަހަތަށް އެނބުރިލަމުން ދުއްވާގަތެވެ. ވެއްޓިފައިވާ ސައިކަލުތަކުގެ މަތިން އޭނާ ކުރިއަށް ދިޔައެވެ. ބުރިޖުގައި ދުވާމީހުންނަށް ހާއްސަކޮށްފައި އޮތް ލޭނަށް ފުންމާލުމަށް ޓަކައި ރޭލިން މައްޗަށް އޭނާ އެރިއެވެ. ކާޝްގެ ހަބަރެއް ވޭތޯ ބަލައިލިއެވެ. ކާޝްގެ ލިސާނެއް ނެތުމުން އޭނާ ލޭނު މައްޗަށް ފުންމާލިއެވެ. އޭނާ ދުއްވާގަތީ މާލެއާވީ ކޮޅަށެވެ.

އޭނާ ފަހަތަށް ބަލައިލިއެވެ. ކާޝް ފެނޭތޯއެވެ. ނަމަވެސް ކާޝްއެއް ނުފެނުނެވެ. ފުންނޭވާއެއް ދޫކޮށްލިއެވެ. ދުވުން މަޑުކޮށްލުމަށްފަހު އަވަސް ހިނގުމެއްގައި ހިނގައިގަތެވެ. ކޮންމެވެސް ވަރަކަށް ގުދުވެލަމުން، ދަގަނޑުތަކާ ނިވާވަމުން އޭނާ ކުރިއަށް ދިޔައެވެ. ބޮލާއި މޫނާއެކު ނިވާކޮށްލައިފައިވާ ކޯރިއެއް ފަދަ އެ މާސްކު ނަގައި އަތަށް ހެޔޮކޮށްލަމުން މޫނުމަތީގައި ހުރި ދާތަށް ފޮހެލިއެވެ. މަޑުމަޑުން ދެ އަތް މޫނުމަތިން ނެގިއެވެ. ސިއްސައިގެން ގޮސް ފަހަތަށް އެއްލޭ ގޮތްވިއެވެ. ކުރިމަތީގައި ހުރި މީހާ ފެނުމުންނެވެ. އެއީ ކާޝްއެވެ. ހަށިގަނޑުގެ ވަނާއާ އެއްގޮތަށް ގަޔަށް ފިޓުވެފައިވާ ހެދުމުގައި ކާޝް ފެންނަނީ ވަރަށް ތަފާތުކޮށްނެވެ. ދެއަތް ފުޅައިކޮށްލައިގެން ކާޝް ހުރީ އެ މަގުގެ މެދުގައެވެ.

އޭނާއަށް ގޮތް ހުސްވިއެވެ. ހާސްވާ ގޮތްވިއެވެ. ހަދާނެ ނަހަދާނެ ގޮތެއް ނޭނގި ތެޅިގަތެވެ. ކާޝް ކުރިއަށް ހިނގައިގަތެވެ. އެންމެފަހުން އޭނާގެ ބޮލަށް މޮޅު ހިޔާލެއް ވެރިވިއެވެ. އޭނާ އަވަސް އަވަހަށް ހަރަކާތްކޮށްލިއެވެ. ބުރިޖުގެ ބޭރު ފަރާތުގެ ދަގަނޑުތަކުގެ މައްޗަށް އަރައި މޫދަށް ފުންމާލިއެވެ. އެއީ ބުރިޖުގެ ސީދާ މެދެވެ. އެންމެ އުސް ހިސާބެވެ. އޭނާ މޫދުގައި ޖެހުނީ ސިކުންތު ކޮޅެއް ފަހުންނެވެ. ކާޝް އެ މަންޒަރަށް ބަލަން ހުރީ ބުރިޖުގެ ބޭރުގައި ވައިގެ ތެރޭގައެވެ.

ކާޝްއަށް ސިހުން ލިބުނީ ޒޫނާގެ ހަޅޭއްކުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ކާޝް ބަލައިލީ ފަހަތަށެވެ. އޭރު ޒޫނާއިން ކާރު ދުއްވާލަނީއެވެ. ކާރުގެ ބިއްލޫރިގަނޑު ހުރީ ތަޅައިގެން ގޮހެވެ. ޒޫނާ ހަޅޭއްލަވަމުން ކާޝްއަށް ގޮވަމުން ދިޔައެވެ. ސަލާމަތަށް އެދިއެވެ.

އޭރު ކާރުގެ ދުވެލި ބާރުކޮށްލިއެވެ. ކާޝް ވެސް ގެނައި ކުއްލި ހަރަކާތްތަކަކާއެކު ވައިގެ ތެރޭގައި އުދުހިގަތެވެ. އޭނާ މިސްރާބު ހުރީ ކާރާދިމާއަށެވެ. އަވަސް ހަރަކާތްތަކަކާއެކު ކާރާ އެއްވަރުކޮށްލިއެވެ. އޭނާ ގޮސް މަޑުކޮށްލީ ކާރުގެ ކުރިމައްޗަށެވެ. ވިއްސަކަށް ފޫޓު ދުރުގައެވެ. ކާރު ދުއްވަމުން ދިޔަ ލޭންގެ މެދުގައެވެ. ކާރު އެ ދިޔަ ބާރުމިނުގައި ގޮސް ކާޝްއާ ހަމަވަނީއެވެ. ކާރުގެ ދުވެލި މަޑުކުރުމުގެ ވިސްނުމެއް ދުއްވަން އިން މީހާ ނެތެވެ. އޭނާ ބޭނުންވީ ކާޝް ވިއްސާލުމަށްފަހު ކުރިއަށްދާށެވެ.

ކާޝް ދެއަތް ދިމާކޮށްލީ ކާރާ ދިމާއަށެވެ. އެއާއެކު ކާޝްގެ ދެ އަތުން ނޭނގޭ އަލިކަމެއް ބޭރަށް ނުކުންނަމުން ދިޔައެވެ. އޭނާގެ ދެ އަތުން ނުކުންނަމުން ދިޔަ ފާހަގަ ނުކުރެވޭ ރާޅުބާނި ބޯޅައެއްފަދަ އެ ހަރަކާތްތައް ގޮސް ކާރާހަމައަށް ހުއްޓުނެވެ. އެހެންވެ ކާރުގެ ދުވެލި މައިތިރިވިއެވެ. ކުރިއަށް ގުޑައިނުލައި ހުއްޓިގެން ދިޔައެވެ.

ކާރު ދުއްވަން އިން މީހާއަށް މަންޒަރު ފެނިގެންދަނީ މުޅިން ތަފާތުކޮށްނެވެ. އޭނާއަށް ފެންނަމުން ދިޔައީ ކުރިމަތީން ދިއްލިފައިވާ ހުދު އަލިކަމެވެ. ބުރިޖުގެ މުޅި ސަރަހައްދުން ވަށައިގެން ދިއްލިފައިވަނީ ހުދު އަލިކަމުންނެވެ. ކާރު ހިފަހައްޓައިލައިފައިވަނީ ކުރިމަތީގައިވާ އެތެރެވަކި ނުވާ ބޮޑު ބޮތްކެއް ފަދަ ހުދު ބޯޅައިންނެވެ. ކާރުގެ ތެރެއިން ހަތަރު މީހުން ބޭރަށް ނުކުތެވެ. ގަދަކަމުން ޒޫނާ ވެސް ކާރުގެ ތެރެއިން ބޭރަށް ނެރުނެވެ.

ކާޝް ކުރިއަށް ޖެހިލިއެވެ. އޭނާގެ ދެ އަތުން ނުކުމެފައިވާ ފާހަގަ ނުވާ އެ ބޮކި ރާޅު ބާނިތަކާއެކު އޭނާގެ އަތުގެ ތެރެއަށް ފޭދިގެން ދިޔައެވެ. ކާރުން ނުކުތް ހަތަރު މީހުން ޒޫނާ ގޮވައިގެން މާލެއާ ވީކޮޅަށް ދުއްވާގަތެވެ. ކާޝް ދެ އަތް މުއްކަވާލިއެވެ. ކުއްލިއަކަށް ގެނައި ހަރަކާތްތަކަކާއެކު އޭނާ ދުއްވާގަތެވެ. ޒޫނާގެ ވަށައިގެން ތިބި ހަތަރު މީހުންނަށް ސިހުން ލިބުނެވެ.

ކާޝް އަވަސް ހަރަކާތްތަކަކާއެކު ލިބުނު ކުއްލި ސިހުމުގެ ސަބަބުން އެމީހުން ހުއްޓިގެން ދިޔައެވެ. ބުރު ނޭނގޭ ހަރަކާތްތަކާއެކު އެމީހުންނަށް ވާންފެށި ގޮތްތަކާއި ކުރިމަތިވަމުން ދިޔަ ހަމަލާތަކުން އެކި ދިމަދިމާއަށް ވިއްސައިގެން ދިޔައެވެ. އޭރު ޒޫނާ ހުރީ ވާނުވާ ނޭނގިއެވެ. ހަތަރު މީހުން ވިއްސައިގެން ގޮސް ބުރިޖު މައްޗަށް ތިރިވެގެން ދިޔައެވެ. ޒޫނާއަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ކުރިމަތީގައި ކާޝް ހުއްޓިލިއެވެ.

"ތޭންކްސް ކާޝް،" ޒޫނާ ލަސްލަހުން ބުނެލިއެވެ. "ތޭންކްސް، ތޭންކްސް އަ ލޮޓް."

ޒޫނާ ދުއްވާ ގަތީ ކާޝްއާ ދިމާއަށެވެ. ކާޝް ދެ އަތް ހުޅުވާލައިގެން ހުރީއެވެ. ޒޫނާ ގޮސް ކާޝްގެ މޭތެރެއަށް ބޮނޑިވެލިއެވެ. ކާޝްގެ ގައިގައި ބާރުބާރަށް ބައްދައިލިއެވެ.

"ކާންޓް ބިލީވް ދިސް. ހޫ އާ ޔޫ؟" ޒޫނާ ހައިރާން ކަމާއެކު ބުނެލިއެވެ.

ކާޝް ކަނާއަތުން ޒޫނާ ވަށައިލިއެވެ. ޒޫނާ ކާޝްގެ ގައިގައި ބައްދާލިއެވެ. އެއާއެކު މައްޗަށް އެރިއެވެ. އޭރު ފުލުހުން ބުރިޖުގެ މެދާހަމާގައި ހަރަކާތްތެރިވާ މަންޒަރު ފެންނަމުން ދިޔައެވެ. ޒޫނާ ގޮވައިގެން ކާޝް ތިރިވެލީ ފުލުހުން ހަރަކާތްތެރިވަމުންދާ ހިސާބާ ވިއްސަކަށް ފޫޓު ދުރަށެވެ.

"ބަލައިގެން އުޅޭތި! ފުލުހުންނަށް ކަންވީ ގޮތް ކިޔައިދީ، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެ އުޅޭތި." ކާޝް ބުނެލިއެވެ.
"އޯހް، ދިވެއްސެއްތަ؟ ދިވެހިން ވެސް ވާހަކަދައްކަންތަ؟" ޒޫނާ ދެ ލޯ ބޮޑުވިއެވެ. "ކާކު؟ ކޮން ނަމެއްތަ ކިޔަނީ؟ ޕްލީޒް."
"ކާޝް." ލުއި ގޮތަކަށް ޖަވާބު ދިނުމަށްފަހު ކާޝް މައްޗަށް އެރިއެވެ.

އޭރު ދެތިން ފުލުހުން އެ ދިމާއަށް އަންނަ މަންޒަރު ފެނުނެވެ. ޒޫނާއަށް ހުރެވުނީއެވެ. ކާޝް ޖައްވުގެ ތެރެއަށް އަރައިގެން ދިޔަ މަންޒަރަށް ބަލާށެވެ. އަނގައިން ބަސް ހުސްވެފައި ހުންނަ ބީދައިންނެވެ. އޭރު ކާޝް މިސްރާބު ހުރީ އާޓިފިޝަލްއާ ދިމާއަށެވެ.

"ކިހިނެއްތޯވީ؟ ކާކުތޯ މައްޗަށް އެރީ؟" ފުލުހުން އެހިސާބަށް އައުމަށްފަހު ޒޫނާއަށް ސުވާލުކޮށްލިއެވެ.
"ކާޝް." ޒޫނާ ބޮލަށް ގޮތްވާން ފެށިއެވެ.

އޭނާ މޫނުމަތީން ކޮކާ ދުވާހެން ހީވުމުން ބޮލުގައި ދެ އަތުން ހިފަހައްޓައިލިއެވެ. ފުލުހުން އެކަން ދެނެގަތެވެ. ސިކުންތެއްގެ ތެރޭގައި ޒޫނާގެ ހޭނެތުނެވެ. ފުލުހުންގެ އަތްމައްޗަށް އޭނާ ދެމުނެވެ.
(ނުނިމޭ)