ކުޅިވަރު

ފުޓްބޯޅަ ލެޖެންޑް މެރަޑޯނާ މަރުވެއްޖެ

ދުނިޔޭގެ އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރު ވެފައިވާ އާޖެންޓީނާގެ ލެޖެންޑް ޑިއެގޯ މެރަޑޯނާ މަރުވެއްޖެ އެވެ.

އުމުރުން 60 އަހަރުގައި މެރަޑޯނާ، މިއަދު މަރުވިއިރު މީގެ ދެ ހަފުތާ ކުރިން އޭނާ ވަނީ ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އޭނާ އެންމެ މަޝްހޫރުވީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ހޯދައިދިން ކެޕްޓަންގެ ގޮތުގަ އެވެ.

އެ މުބާރާތުގެ ކްއާޓާ ފައިނަލުގައި އިންގްލެންޑް ކޮޅަށް އޭނާ ޖެހި ދެ ގޯލަކީވެސް ވަރަށް ބޮޑަށް މަޝްހޫރުވި ދެ ގޯލެވެ. އޭނާގެ ފުރަތަމަ ގޯލް އިންގެލެންޑް ކޮޅަށް ފޮނުވާލީ އަތުން ބޯޅައިގައި ޕުޝްކޮށްލުމަށް ފަހު އެވެ. އެކަން ރެފްރީއަށް ފާހަގަ ނުވުމުން ގޯލެއް ކަމަށް ނިންމި އެވެ. ދެ ވަނަ ލަނޑު އޭނާ ޖެހީ އަމިއްލަ ޓީމުގެ ހާފުގެ ތެރެއިން ފެށި ބޯޅަ ހިފައިގެން އިންގެލްންޑްގެ ޕެނަލްޓީ އޭރިއާއަށް ހަމައަށް ދިޔައީ ގިނަ ކުޅުންތެރިން ކަޓުވާލުމަށް ފަހު އެވެ.

ކުލަބު ކެރިއާގައި މެރަޑޯނާ އެންމެ ބޮޑަށް ފާހަގަވީ، ނަޕޯލީންނެވެ. ނަޕޯލީން ފުރަތަމަ ފަހަރަށް އިޓާލިއަން ލީގް 1987 ގައި ކާމިޔާބު ކުރީ މެރަޑޯނާގެ ބޮޑު ހިއްސާއާއެކު އެވެ. އެ ސީޒަންގައި އިޓާލީން ކަޕްވެސް ނަޕޯލީއަށް ހޯދައިދިނެވެ. އަދި ދެ ވަނަ ފަހަރަށް ލީގް 1990 ގައި ކާމިޔާބު ކުރި އެވެ. އަދި ޖެހިގެން އައި ސީޒަންގައި ޔޫއެފާ ޗެމްޕިއަންކަން ނަޕޯލީއަށް ހޯދައިދިނެވެ. އެ ކުލަބަށް އޭނާ ހޯދައިދިން ކާމިޔާބު އަގު ވަޒަން ކުރުމުގެ ގޮތުން ނަޕޯލީން ވަނީ މެރަޑޯނާ ބޭނުން ކުރި 10 ނަންބަރު ޖޯޒީ އޭނާއަށް ހާއްސަ ކުރުމުގެ ގޮތުން އެހެން ކުޅުންތެރިޔަކަށް އެ ޖޯޒީ ބޭނުން ނުކުރެވޭ ގޮތް ހަދާފަ އެވެ.