ވިހި ވަނަ ގަރުނުގެ އެންމެ މޮޅު ގޯލް ޖަހަން ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާއަށް "އެހީ" ވެވުމުން ފަހުރުވެރިވާ ކަމަށް އެ މެޗުގެ ރެފްރީކަން ކުރި ޓީއުނީޝިއާގެ ރެފްރީ އަލީ ބިން ނާސިރު ބުނެފި އެވެ.
މެކްސިކޯގައި 1986 ގައި ބޭއްވި ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލުގައި އާޖެންޓީނާ އާއި އިންގްލެންޑް ކުޅުނު މެޗުގައި، އިންގްލެންޑް ކޮޅަށް މެރަޑޯނާ ޖެހި ދެ ވަނަ ލަނޑަކީ ނިމިދިޔަ ގަރުނުގެ އެންމެ މޮޅު ގޯލްގެ ގޮތުގައި ފީފާއިން ހޮވި ލަނޑެވެ.
އަމިއްލަ ހާފުގެ ތެރެއިން މެދުރޮނގާ ކައިރިންފެށި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާއަށް ހަމައަށް މެރަޑޯނާ ދިޔައީ އިންގްލެންޑްގެ ކުޅުންތެރިޔަކަށް ފަހު ކުޅުންތެރިޔަކު ކަޓުވަމުންނެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ވެއްޓިގެންފައި ބޯޅަ ގޯލްގެ ތެރެއަށް ވައްދާލި އެވެ.
މިހާރު އުމުރުން 76 އަހަރުގެ ރެފްރީ ވަނީ 34 އަހަރު ކުރީގެ ހަނދާންތައް އާ ކޮށްފަ އެވެ. ބީބީސީއަށް ދިން އިންޓަވިއުގައި ބިން ނަސީރު ބުނީ މެރަޑޯނާ ބޯޅަ ހިފައިގެން ކޮއްޓަމުން ދިޔައިރު އިނގިރޭސި ޓީމުގެ ކުޅުންތެރިން އޭނާއަށް ފައުލު ކޮށް ވައްޓާލުމަށް ތިން ފަހަރު މަސައްކަތް ކުރި ކަމަށެވެ.
"އެއިން ކޮންމެ ފަހަރަކު އަހަރެން ހަޅޭއްލަވައި ގަންނަން އެޑްވާންޓޭޖޭ ކަމަށް ބުނެ އޭނާ ޕެނަލްޓީ އޭރިއާ ހަމައަށް ދަންދެން އެގޮތުގައި،" ތާރީހީ އެ މެޗުގެ ހަނދާންތައް ބިން ނަސީރު އާ ކުރި އެވެ. "އަހަރެން މަންޒަރު ބަލަމުން ދިޔައީ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެގެން. އަހަރެން ހިތަށް އެރި ކިހިނެއްހޭ މި ކުޅުންތެރިޔާ [މެރަޑޯނާ] ތިން ޑިފެންޑަރު ނައްޓާލާފައި ދާނީ. އޭރު ބޯޅަ ހިފައިގެން ދުވެފައި އައިސް ގާތްގަނޑަކަށް 50 މިޓަރު ހުރަސް ކޮށްފި. އަހަރެން ހީކުރީ ޑިފެންޑަރު އޭނާއަށް ފައުލުކޮށް ވައްޓާލާނެ ކަމަށް. އަހަރެން ހުރީ އެހެން ވެދާނެ ކަމަށް ބަލައި ކަށިގަނޑު އަނަގަޔަށް ޖަހައިގެން ޕެނަލްޓީއަށް ކަށިގަނޑު ފުމެން ތައްޔާރު ވެގެން."
ބިން ނަސީރު ބުނީ، މެރަޑޯމާ އިތުރު ޑިފެންޑަރެއް ނައްޓާލައި އަދި ގޯލްކީޕަރު ވެސް ނައްޓާލައިފައި ގޮސް ގަރުނުގެ މޮޅު ގޯލޭ ކިޔާ ގޯލް ޖެހުމުން ހައިރާންވި ކަމަށެވެ.
"އަހަރެން ފަހުރުވެރި ވަން އަދި އެއީ އަހަންނަށް ލިބޭ ޝަރަފެއް ވެސް މެ މީހެއްގެ ހައިސިއްޔަތުން އަދި ރެފްރީއެއްގެ ހައިސިއްޔަތުން އެ ގޯލް ޖެހުމުގައި ކޮންމެވެސް ދައުރެއް އަދާ ކުރެވުމުން،" ބީބީސީއަށް ބިން ނަސީރު ކިޔައި ދިނެވެ. "އިންގެލެންޑްގެ ކުޅުންތެރިން މެރަޑޯނާ އަށް ކުރި ތިން ފައުލުގައި އަހަރެން ކަށިގަނޑު ފުމުނު ނަމަ އަހަރެމެންނަށް އާދަޔާ ހިލާފު އެ ލަނޑެއް ނުފެންނާނެ. އެހުރިހާ ހާލަތެއްގައި އެޑްވާންޓޭޖް އަހަންނަށް ދެވުމަކީ އަހަންނަށް ހާސިލު ކުރެވުނު އެންމެ ފަހުރުވެރި ކަންތައް."
އެ މެޗުގައި މެރަޑޯނާ ޖެހި ފުރަތަމަ ލަނޑަކީ، ޕެނަލްޓީ އޭރިއާގެ ތެރެއިން ފުންމައިގެން އަރައި އިންގެލެންޑްގެ ކީޕަރު ޕީޓާ ޝިލްޓޯން ބޯ މަތިން ގޯލްގެ ތެރެއަށް އަތުން ޖަހައި ފޮނުވާލި ބޯޅަ އެވެ.
ބިން ނަސީރު ބުނީ އެއީ ލަނޑެއް ކަމަށް ނުނިންމައި އޭނާއަށް ދެވޭނެ އެއްވެސް ހާލަތެއް ނެތް ކަމަށާއި އެ ލަނޑު ޖެހުމުގައި ޝިލްޓޯން އާއި މެރަޑޯނާ ހުރީ އޭނާއަށް ފުރަގަސް ދީގެން ކަމަށެވެ.
"އެމީހުން ތިބީ އަހަރެންގެ އެސިސްޓެންޓް ރެފްރީ ބަލްގޭރިއާގެ ބޮގްޑާން ޑޮކޯވްއަށް ކުރިމަތިލައިގެން،" މެރަޑޯނާ އަތުން ޖެހި ގޯލްގެ ވާހަކަ ބިން ނަސީރު ކިޔައި ދިނެވެ. "ފުރަތަމަ ކޮންމެވެސް ވަރަކަށް އަހަރެން ޖެހިލުންވި. އަހަރެން އަވަސް އަހަވަށް ޑޮކޯވްއަށް ބާލާލިން. އޭރު އޭނާ ހުރީ ގޯލެއް ކަމަށް ނިންމައި މެދުރޮނގާ ހަމައަށް ގޮސް. ހޭންޑްބޯލެއް ކަމަށް އޭނާ ނުނިންމާ."
"ފީފާއިން އަހަރެމެންނަށް ދީފައިވާ އިރުޝާދުތައް ވަރަށް ސާފް، އަހަރެމެންގެ އެހީތެރިޔަކު އަހަންނަށް ވުރެ ރަނގަޅު ޕޮޒިޝަންގައި ހުރި ނަމަ. އަހަރެން ޖެހޭނެ އެކަމަށް އިހުތިރާމް ކުރަން."
އުމުރުން 80 އަހަރުގައި ޖޫން 2017 ގައި ޑޮކޯވް ވަނީ މަރުވެފަ އެވެ. އޭނާ ކުރިން ބުނެފައި ވަނީ ގޯލަކާ މެދު ގޮތް ނިންމަން އެސިސްޓެންޓް ރެފްރީއަށް ފުރުސަތެއް ނޯންނަ ކަމަށެވެ.
ބިން ނަސީރު ބުނީ، އޭނާ އަށް ފަހުން ލިބުނު އެންމެ ބޮޑު އުފަލަކީ 2015 ވަނަ އަހަރު މެރަޑޯނާ އާ ބައްދަލުވެ، އޭނާ ސޮއިކޮށް 10 ނަންބަރު ޖޯޒީ ހަދިޔާއެއްގެ ގޮތުގައި ދިނުން ކަމަށެވެ.