ޑިއެގޯ މެރަޑޯނާ

ނަޕޯލީ ސްޓޭޑިއަމް މެރަޑޯނާގެ ނަމަށް ނިސްބަތް ކޮށްފި

މިދިޔަ މަހު 25 ގައި ކުއްލި ގޮތެއްގައި މަރުވި، ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާގެ ނަމަށް ނިސްބަތްކޮށް އޭނާގެ ކުރީގެ ކުލަބު ނަޕޯލީގެ ސްޓޭޑިއަމްގެ ނަން ބަދަލު ކޮށްފި އެވެ.

މެރަޑޯނާ ވަނީ ހަތް އަހަރު ނަޕޯލީއަށް ކުޅެފަ އެވެ. އެ ކުލަބުގެ ތާރީހްގައި މިހާތަނަށް ހޯދި ސޭރީ އޭ ގެ ދެ ތަށިވެސް ހޯދާފައި ވަނީ މެރަޑޯނާ އެ ޓީމަށް ކުޅުނު އިރު އެވެ.

ކުރިން "ސެން ޕައޮލޯ" ސްޓޭޑިއަމްގެ ނަން ދީފައިވާ ދަނޑަށް މިހާރު ކިޔާ ނަމަކީ، "ޑިއޭގޯ އާމަންޑޯ މެރަޑޯނާ" ސްޓޭޑިއަމް އެވެ. އެހެން ނަމަވެސް އެ ނަން ރަސްމީ ވެގެންދާނީ ނޭޕަލްސްގެ ސިޓީ ކައުންސިލު އެ ނަމަށް ރުހުން ދިނުމުންނެވެ.

މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިން ކެޕްޓަން ނަޕޯލީއަށް ބަދަލުވީ ބާސެލޯނާގައި ހުރުމަށް ފަހު 1984 ގަ އެވެ. ސޭރިއާ 1987 އަދި 1990 ގެ ހޯދުމުގެ އިތުރަށް އިޓާލިއަން ކަޕާއި ޔޫއެފާ ކަޕް ނަޕޯލީއަށް ހޯދައި ދިނެވެ.

ނަޕޯލީގައި މެރަޑޯނާ ބޭނުން ކުރި، 10 ނަންބަރު ޖޯޒީ 2000 ވަނަ އަހަރުން ފެށިގެން އެ ކުލަބުން ވަނީ އެ ޓީމުގެ އެހެން ކުޅުންތެރިޔަކަށް ބޭނުން ނުކުރެވޭ ގޮތަށް އެ ނަންބަރު ރިޓަޔާ ކޮށްފަ އެވެ.