މެސީ

މެޗުގައި މެސީ ހަރަކާތްތައް މެރަޑޯނާ އާ ގުޅުވައިފި

އޮސަސޫނާ ގެ މައްޗަށް 4-0 ން ބާސެލޯނާ މޮޅުވި މެޗުގައި ކެޕްޓަން ލިއޮނެލް މެސީގެ ހަރަކާތްތައް މިދިޔަ ބުދަ ދުވަހު މަރުވި ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާގެ ހަނދާންތަކާ ގުޅުވައިލައިފި އެވެ.

ދުނިޔޭގެ އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ފާހަގަ ކުރެވުނު މެރަޑޯނާ މަރުވީ، ސިކުޑީގެ އޮޕަރޭޝަނެއް ކުރިތާ ދެ ހަފުތާ ފަހުން މިދިޔަ ބުދަ ދުވަހު ހާޓް އެޓޭކެއް ޖެހިގެންނެވެ. އާޖެންޓީނާގެ ލެޖެންޑް ވަނީ 1982 ން 1984 ށް ބާސާއަށް ކުޅެފަ އެވެ.

މެސީގެ ކެރިއާގެ ކުރީ ކޮޅު އޭނާ މަޝްހޫރުވީ "އާ މެރަޑޯނާ" ގެ ނަމުންނެވެ. މެސީގެ އާދަޔާ ހިލާފް ކެރިއާގައި އޭނާ ވަނީ މެރަޑޯނާގެ ކޯޗް ކަމުގެ ދަށުން ކުޅެފަ އެވެ.

އެ ދަނޑެއްގެ ނަން މެސީގެ ނަމަށް ނިސްބަތް ކުރަން ވާހަކަ ދެކެވެމުންދާ، ކޭމްޕް ނޯގައި ކުޅުނު މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މާޓިން ބްރައިތުވެއިޓް އެވެ. ނަމަވެސް ގޯލް ފެނުނު ގޮތުން އެ ލަނޑު ކާމިޔާބު ކުރީ މެސީ ކަމަށް ހީކުރެވުނެވެ. އެހެންނަމަވެސް ރިޕްލައިން ފެނުނީ މެސީގެ އޮތް ބޯޅައަށް ހިއްލާލި ތަނެވެ. އެއީ މެކްސިކޯގައި 1986 ގައި ބޭއްވި ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލުގައި އިންގްލެންޑް ކޮޅަށް މެރަޑޯނާ އަތުން ކާމިޔާބު ކުރި ލަނޑަށް ނިސްބަތް ކޮށް މެސީ ކުރި ކަމެއް ކަމަށް ބެލެވުނެވެ.

މެރަޑޯނާ އަތުން ޖެހި ލަނޑަށް ނިސްބަތްކޮށް މެސީ ގެނައި އިޝާރާތް

ބާސާގެ ދެ ވަނަ ލަނޑު މެޗުގެ 42 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެންޓްއާން ގްރީޒްމަން އެވެ. އޮސަސޫނާގެ ގޯލަށް އޮއްސާލާފައި ގްރީޒްމަން ފޮނުވާލި ލަނޑަކީ ބާސާގައި ގްރީޒްމަން ޖެހި އެންމެ މޮޅު ލަނޑެވެ. ބާސާގެ ތިން ވަނަ ؛ލަނޑު މެޗުގެ 57 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ފިލިޕޭ ކުޓީނިއޯ އެވެ.

ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ މެސީ އެވެ. އޭނާ ޖެހި ލަނޑަކީ އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ބޯޅަ އެކެވެ. ލަނޑު ޖެހުމަށް ފަހު މެސީ ވަނީ ޖޯޒީގެ ދަށުން ލާފައި ހުރި އާޖެންޓީނާގެ ކުލަބު ނިއުލްސް އޯލްޑް ބޯއީސްގެ ޖޯޒީ ދައްކާލާފަ އެވެ. މެރަޑޯނާވެސް ކުޅުނު އެ ކުލަބުގެ ޖޯޒީ ދައްކާލުމަށް ފަހު މެސީ ވަނީ، އެ ކުލަބުގައި ލަނޑު ޖެހުމަށް ފަހު މެރަޑޯނާ ދެއްކި ހަރަކާތް ތަކުރާރު ކޮށްފަ އެވެ. އެ ޖޯޒީގެ ފުރަގަހުގައި 10 ނަންބަރު ޖަހާފައިވުމުން އެ ޖޯޒީން ތަމްސީލު ކޮށްދެނީ ނިއުލްސް އޯލްޑް ބޯއީސްގައި މެރަޑޯނާވެސް ބޭނުން ކުރި ޖޯޒީގެ ގޮތުގަ އެވެ. އެ ކުލަބަކީ ބާސެލޯނާ އަށް ބަދަލުވުމގެ ކުރިން މެސީގެ ޔޫތު ކެރިއާވެސް ހޭދަ ކުރި ކުލަބެވެ.