އަހުމަދު ޝިޔާމް

ރެޒިޑެންޓް ވިސާ: ދިވެހި ވިޔަފާރިތައް ވުޖޫދުން ފުހެވޭނެ

ސަރުކާރުން ކަނޑައަޅާ ވިޔަފާރިއަކަށް 250،000 އެމެރިކާ ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ރެޒިޑެންޓް ވިސާ ދޭގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރެއްވުމުން ޕީޕީއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައިވާ އިސްލާހުގެ ދަށުން، ރާއްޖޭގެ ބޭންކެއްގައި 250،000 އެމެރިކާ ޑޮލަރު ފަސް އަހަރުގެ މުއްދަތަކަށް ބަހައްޓާފައިވާ ފަރާތްތަކަށް، އެ މުއްދަތަށް ވިސާ ދޫކުރުމުގެ އިތުރުން، ސަރުކާރުން ކަނޑައަޅާ ރިއަލް އެސްޓޭޓް ނުވަތަ އެނޫން ވިޔަފާރިއަކަށް 250،000 ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޮންމެ ފަސް އަހަރަކުން އިންވެސްޓްމެންޓްގެ މުއްދަތުގައި ވިސާ ދޫކުރެވޭނެ އެވެ. މީގެ ކުރިން އޮންނަ ގޮތުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެނީ، މަދުވެގެން 50 މިލިއަން އެމެރިކާ ޑޮލަރު އިންވެސް ކުރާ ފަރާތްތަކަށެވެ.

މެންބަރު ޝިޔާމް ވިދާޅުވީ މި ބަދަލަކީ ދިވެހި ވިޔަފާރިތައް ވުޖޫދުން ފުހެލާ މީސްކޮޅު މިއަދު މަދު މި ގައުމުގެ ރައްޔިތުން އަމިއްލަ ފަސްގަނޑުގައި ބީރައްޓެހި ކުރުވާ ގުލާނު ކުރުވުމަށް ރައީސް ސޯލިހް ކުރެއްވި ކަމެއް ކަމަށެވެ. މީ ގައުމަށް ހެޔޮ އެދޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"މިއީ ގައުމުގެ އިސްތިގުލާލާ ސިޔާދަތު ގެއްލުވާލުން،" ރައީސް ސޯލިހަށް ޓެގްކޮށް ޝިޔާމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ކޯޕަރޭޓް ރެސިޑެންޓް ވިސާގެ އިތުރުން، މިޓީން ވިސާއެއް ދޫކުރެވޭ ގޮތަށް ވަނީ ގާނޫނު އިސްލާކޮށްފައި އެވެ. މީޓިންގް ވިސާ ދޫކުރެވޭނީ ކޮންފަރެންސްތަކާ މީޓިންތަކުގެ އިތުރުން ސަރުކާރުން ހުއްދަދީގެން ބާއްވާ އިވެންޓުތަކަށް އަންނަ ފަރާތްތަކަށެވެ.

މީގެ އިތުރުން، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން، ކައިވެނީގެ މުއްދަތުގައި ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނާއި، އެ ކައިވެނިން ދަރިއެއް ލިބިފައިވާ ބިދޭސީންގެ ތެރެއިން، ވަރިވެފައިވާ ނުވަތަ އޭނާ ކައިވެނިކޮށްގެން އުޅުނު މީހާ މަރުވެފައިވާ ހާލަތުގައި، އޭނާގެ ދަރިންނާއެކު ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ރެޒިޑެންޓް ވީޒާ ދޫކުރުމަށް ވަނީ ހިމަނައިފަ އެވެ. ސަރުކާރުން އިމިގްރޭޝަން ގާނޫނަށް އިސްލާހުތަކެއް ގެނެސްފައިވަނީ، އަންނަ އަހަރަށް އާމްދަނީ އިތުރުކުރުމަށް ރާއްޖޭގައި ޓޫރިޒަމް ރިއަލް އެސްޓޭޓް ވިޔަފާރިއަށް މަގުފަހި ކުރުމަށެވެ.