ވާހަކަ

ލޯބިން ބުނެލަން

(24 ނޮވެމްބަރ 2020 އާ ގުޅޭ)

"ހިނގާބަލަ މާދަމާ ސިސްއާއެކީ ޑަކްޓަރަށް ދައްކާލަން، ލޯކައިރި ވެސް ހަޑިވެއްޖެ... ބުނެބަލަ، ދާނަންތަ؟ ބައެއްފަހަރު ނުނިދުމަކީ ވެސް ބައްޔެއް، ނުނިދޭނަމަ ހަށިގަނޑަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ." މާހާ ވިސްނައިދޭ ފަދައިން އެތައް ވާހަކައެއް ކެންޒާއާ ދެއްކިއެވެ. އެ ކޮޓަރިއަށް ވަންނަން އައި މިފްރާހަށް ކުޑަކޮށް ހުޅުވިފައި ހުރި ދޮރުން ކެންޒާއާއެކު އެނދުގައި އިން މާހާ ފެނި ހުއްޓިލީއެވެ. ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ދޮރުގެ އެއްފަރާތުގައި މަޑުކޮށްލީ އެ މީހުން ދައްކާ ވާހަކައެއް އަޑު އެހުމަށެވެ. މާހާ ދާން އަހަންފެށުމުން ކެންޒާ އެންމެފަހުން ބޯޖަހާލިއެވެ.

މާހާ ދެން ވެސް އިތުރަށް ކެންޒާއާ ދެއްކި ހުރިހާ ވާހަކައެއް މިފްރާހު ހުރީ އަޑު އަހާށެވެ. އެ ކޮޓަރިން މާހާގެ ފިޔަވަޅުގެ އަޑުއިވުމުން އެއުޅެނީ ނުކުންނަންކަން މިފްރާހު ދެނެގަތެވެ. އެހެންވެ ދުރުގައި އަޅާޅި ދިގު ފިޔަވަޅާއެކު ފެންނަން ހުރި އޭނާގެ ކޮޓަރި ހުޅުވާލައި ނިކަން އަވަހަށް އެތެރެއަށް ދެމިގަނެއްޖެއެވެ.

ޖެހިގެން އައި ދުވަހު ހެނދުނުގެ ނާސްތާއިން ފެށިގެން ކެންޒާގެ ހަރަކާތްތަކަށް މިފްރާހު ސަމާލުވެ ހުރި ކަހަލައެވެ. އެހެން ދުވަސްދުވަހާ ހިލާފަށް އިރުއިރުކޮޅާ ގަޑިންވާއިރަށް މިފްރާހު ބަލާލައެވެ. މާހާ ބުނި ގަޑިއަށް ކެންޒާ ތައްޔާރުވަމުން ދަނިކޮށް އެ ކޮޓަރިއަށް މިފްރާހު އައިސް ވަނެވެ. ކެންޒާ ތައްޔާރުވަނީ ކީއްވެކަން އެނގިހުރެ ވެސް އޭނާ ނޭނގޭކަމަށް ހެދުނެވެ. ދެމީހުން އެކުގައި ތަނަކަށް ދާންވެފައި އޮތްކަން މިފްރާހު ބުނެލީ ކެންޒާއަށް ހަނދާންކޮށްދޭ ފަދައިންނެވެ. ކެންޒާއަށް ބަލާލެވުނީ ހައިރާންކަމާއެކުއެވެ. މިފްރާހު ކުރިން ނުބުނާކަން ކެންޒާއަށް ޔަގީންވާތީއެވެ. އެހެންވިޔަސް ކެންޒާ ވާހަކަދައްކާނޭ ފުރުޞަތެއް މިފްރާހު ނުދެއެވެ.

ފޯނުކޯލު ނިންމާލުމާއެކު ކޮޓަރިން ނުކުމެގެން އައި މާހާ ބައްދަލުކުރީ މަންމައާއެވެ. ކެންޒާ ގޮވައިގެން ބޭރަށްދާން އުޅޭކަން ބުނުމާއެކު ދެ މީހުން އެނބުރި އަންނާނީ މެންދުރުގެ ކެއުން ބޭރުން ނަގައިގެންކަން ވެސް ހާމަކުރިއެވެ. ރައުދާ ވާހަކަދެއްކީ ނިކަން އަވަހަށެވެ. މިފްރާހާއި ކެންޒާ ބޭރަށް ހިނގައްޖެކަމުގައި ރައުދާ ބުނުމުން މާހާއަށް ޤަބޫލުކުރަން ދަތިވިއެވެ. ކުޑަދަރިފުޅަށް އުނގަށް ލައިގެން އިން ސަނާ ވެސް މަންމަގެ ވާހަކައަށް އެއްބަސްވިއެވެ. އެތައް ސުވާލެއް ހިތުތެރޭ އުފެދިގެން އައި ނަމަވެސް މާހާ އެއްޗެކޭ ނުބުނެއެވެ. ކެންޒާގެ ކޮޓަރިއާއި މިފްރާހުގެ ކޮޓަރި ބެލުމަށްފަހު އޭނާ އެނބުރި ކޮޓަރިއަށް ދިޔައީއެވެ.

އެ ދުވަހަށްފަހު ކެންޒާއާއި މާހާ ވާހަކަދައްކާނޭ ފުރުޞަތެއް ނުލިބެއެވެ. ކެންޒާ އެކަހެރިވިޔަސް ދުރުގައި އޭނާ ފެންނަ ހިސާބުގައި މިފްރާހު ހުރެއެވެ. ކެންޒާއާ މެދު ކަންބޮޑުވުން ފާޅުކުރާ ކޮންމެ ފަހަރަކު މިފްރާހު ވާހަކައިން ހަމަޖައްސާލައެވެ. ނަމަވެސް މާހާ ކަންބޮޑުވާން ފަށައިފިއެވެ. އެންމެން ކެންޒާގެ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރާއިރު ވެސް ކެންޒާއަށް ކުޑަ ވެސް ބަދަލެއް ނާދެއެވެ. މަންމައާއި ބޭބެގެ ކުއްލި ވަކިވުމުގެ ހިތާމައިގަ އުޅޭ މީހަކަށްވުރެ ކެންޒާއެކޭ މުސީބާތެއް ކުރިމަތިވެފައި މީހަކޭ މާހާގެ ޟަމީރަށް ހީވާން ފަށައިފިއެވެ. ހަމައެއާއެކު މިފްރާހަށް އިތުބާރުކުރަން ވެސް މާހާ ބޭނުމެވެ. އެ ކޮއްކޮ ކެންޒާދެކެ ލޯބިވާވަރު އޭނާއަށް ފެނެއެވެ. ކެންޒާގެ ހިތާމަތައް ލުއިކޮށްދޭން މަސައްކަތް ކުރާކަން ވެސް އެނގެއެވެ. ބުރަވަންވީ ކޮންކޮޅަކަށްކަން ނޭނގިފައި މާހާ ހުރެވެނީއެވެ.

ކައިވެނީގެ ތާރީޚު ކަނޑައެޅުނު ދުވަހަކީ ޢާއިލާގެ އެންމެން ސިހުނު ދުވަހަކެވެ. ކެންޒާ ހަޅޭލަވަން ފެށީ ބުއްދި ގޯސްވެފައި ހުރި މީހަކު ހެންނެވެ. އެންމެންގެ ތެރޭ މިފްރާހުއާ ކައިވެނިކުރަން އޭނާ އިންކާރު ކުރިއެވެ. ދެއަތް ޖޯޑުކޮށް އާދޭސް ކުރިއެވެ. ފިލައިގެން ހިނގައިދާނޭކަން ބުނެ އިންޒާރު ދިނެވެ. އެ ދުވަހު މިފްރާހު ރުޅިއައި ވަރަށް އޭނާ ރުޅިއައިސްފަ ހުއްޓާ އެ ޢާއިލާއިން ދުވަހަކުވެސް ނުދެކެއެވެ. އެކަމާމެދު ޢާއިލާ ކަންބޮޑުވެ ވާހަކަދައްކަން ބޭނުންވެފައި ތިއްބަސް، އެންމެންގެ ސަމާލުކަން އަތުލީ ޖެހިގެން އައި ދުވަހު ހެނދުނު އެ ޢާއިލާއަށް މުބީން ކުރި ވީޑިއޯ ކޯލުންނެވެ. ޢާއިލާގެ ހުރިހާ މެންބަރުންނާ އޭނާ ވާހަކަދެއްކިއެވެ. ދަރީން ދުށުމަށް ބޭނުންވާކަމާއި މިފްރާހުގެ ކައިވެނީގެ ހުރިހާ ކަމެއް ނިމެންދެން އެނބުރި ޢާއިލާގެ ގާތަށް އަންނަން ބޭނުންވާކަން އޭނާ ހާމަކުރިއެވެ. އަނބިމީހާ ސަނާގެ ހާލު އޮޅުންފިލުވައި، އެތައް އިރަކު އޭނާއާ ވާހަކަދެއްކިއެވެ. ރައުދާއާއި ކަލީމުގެ އިޒުނައަށް މުބީން އެދުނެވެ. ފިރިމީހާ ދުށުމަށް ބޭނުންވެފައި ހުރި ސަނާއަށް ވެސް ހިތާ ދެކޮޅެއް ނުވެވުނެވެ. ދުވަސްކޮޅަކަށް ވިޔަސް ފިރިމީހާއާއެކު ވަގުތު ހޭދަކޮށްލެވުމުގެ ނަސީބު ލިބެން އުޅޭތީ އެ ފުރުޞަތު ގެއްލޭކަށް ސަނާއަށް އެއްބަހެއްނުވެވޭނެއެވެ. ފިރިމީހާގެ ހުރި ހުރިހާ އުނިސިފަތަކެއް ނުފެންނަކަމަށް ހެދެން ސަނާ ގަސްދުކުރީ އެހެންވެއެވެ. ރައުދާ ގާތުން މުބީންއަށް ހުއްދަ ދިނުމަށް އޭނާ އެދުނެވެ. ކެންޒާ ހަމައިން ނެއްޓުނީ އެރެއެވެ.

ބަދިގެއަށް ވަދެގެން އައި ކެންޒާ އެތައް އިރަކު މަޑުކޮށްގެން ހުއްޓެވެ. ލައިތު ކޮބާތޯ ތަކުރާރުކޮށް އަމިއްލަ ނަފްސާ އޭނާ ސުވާލުކުރިއެވެ. ވިސްނުން ބަލިކަށިވެ ދިރިހުރުމުގެ އުންމީދު މުޅިން ގެއްލިއްޖެއެވެ. ލައިތާއި އެ ޢާއިލާއަށް ރައްކާތެރިކަން ބޮޑީ އެމީހުންނާ ވީހާ ވެސް ދުރުގައި ކެންޒާ ހުރެގެންކަން ޤަބޫލުކުރިއެވެ. އެކަމަކު އޭރުން ކެންޒާ ޖެހޭނީ މިފްރާހަށް ބޯލަނބާށެވެ. މުސްތަޤުބަލެއްނެތްއިރު އުފާވެރިކަމުގެ ކުނޑިފުކެއް ވެސް އެ ނިންމުމުން ކެންޒާއަށް ލިބުމެއްނުވެއެވެ. ބަދިގެ ތެރޭ ހުރި ވަޅި އެތިން އުފާރި ވަޅިއާއެކު ފަހަތުން މިފްރާހުގެ އަޑު އިވުނެވެ. ނަމަވެސް ކެންޒާ ނުހުއްޓުނެވެ. އޭނާގެ ކަންފަތާ ހަމައަށް މިފްރާހުގެ އަޑު ފޯރިހެން ވެސް ހިޔެއްނުވެއެވެ. ދެއަތުގެ ނާރު ބުރިވެ ވަޅި ވެސް ތަޅުން މައްޗަށް ވެއްޓުނީއެވެ. މިފްރާހުގެ ހަޅޭކުގެ އަޑު އިވިއިވި ހުއްޓެވެ. ޢާއިލާގެ މެންބަރުންތައް އެގޮތް މިގޮތަށް އައިސް ބަދިގެއަށް ޖަމާވިއެވެ. ދެއަތަށް ގެއްލިފައި ހުރި ފަދައިން ހަރަކާތެއްކޮށްނުލައި ކެންޒާ ހުރީއެވެ.

ހޮސްޕިޓަލަށް ކެންޒާ ދެވުނުއިރު އޭނާގެ ހެޔެއްނެތެވެ. ލޭ މަނާ ކުރެވުނުއިރު އެހަށިގަނޑަށް ވަނީ ލޭ އަޅަން ޖެހިފައެވެ. ޑަކްޓަރުންނާއި ހޮސްޕިޓަލުން ކުރިމަތިވި ސުވާލުތައް ގިނައެވެ. ކެންޒާ ހޭ އަރާނޭ އިރެއްގެ އިންތިޒާރުގައި އެންމެން ތިބިއިރު މާހާއަށް ހިމޭނަކުން ނީނދެވުނެވެ. ކެންޒާ ނުނިދާ އުޅޭކަން އޭނާ އެންމެން ގާތު ބުންޏެވެ. އިންސާނަކަށް ނުނިދޭނަމަ އެކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ބުއްދިއަށް ކަމުގައި މާހާ ބުންޏެވެ. ޑަކްޓަރާ އެކަން މަޝްވަރާ ކުރަން ޖެހޭނެކަމުގައި މާހާ ބުނުމުން ރައުދާއާއި މުރާދު ވެސް އެއްބަސްވިއެވެ. މިފްރާހު ދެކޮޅަށް ވާހަކަދައްކަން އުޅުމުން މާހާ ނުރުހުން ފާޅުކުރިއެވެ. އަނތްބަކަށް ވުމުގެ ކުރީން ކެންޒާ ބުއްދިގޯސްވެ، މޮޔައިން ތިބޭފަދަ އިންސްޓިޓުޓަކަށް ފޮނުވާލަންތޯ މިފްރާހު ބޭނުންވަނީ މާހާ ސުވާލުކުރިއެވެ.

ލޯ ހުޅުވުނުއިރު ކެންޒާގެ ގާތުގައި އެކަކުވެސް ނެތެވެ. ދެއަތުގައި ހުރި ރިހުން އިޙްސާސްވީ ދެނެވެ. ދެއަތް ހިއްލާލައި އޭނާ ބަލާލިއެވެ. ބެންޑޭޖުއަޅައިފައިވާ ދެއަތުން ލޭކުލައެއް ނުފެނެއެވެ. ވަށައިގެންވި ހިމޭންކަން އޭނާއަށް ކަމުދިޔައެވެ. ބަޔާންކުރަން ނޭނގޭ ފަދަ ހަށިހިމޭންކަމެއް ސިކުނޑިއަށް ވެރިވެފައިވާ ކަހަލައެވެ. މޫނުން އަސަރެއް ފާޅުނުވިޔަސް ހިތުގެ ރުއިން އެ ދެ ލޮލުން ސިއްރެއްނުވިއެވެ. ލޮލުގެ ހިމަކޮޅުން ފައިބައިގެން އައި ކަރުނައިގެ ތެތްކަން ކަންފަތުވޮށީގައި ހަރުލިއެވެ. އަމިއްލަ ޟަމީރާ ކެންޒާ ސުވާލުކުރިއެވެ. އޭނާއަށް ކުރެވުނީ ކޮންކުށެއް ހެއްޔެވެ؟ މި ދިރިއުޅުމަކީ އޭނާ އަމިއްލައަށް ލިބިގަތް ދިރިއުޅުމެއް ހެއްޔެވެ؟ ލައިތުގެ އެނބުރި އަތުވެދާނޭ ހެއްޔެވެ؟ އެއްވެސް މީހަކު އޭނާއަށް ހަމްދަރުދީވެ ސަލާމަތުގެ އަތެއް ދިއްކޮށްލަފާނޭ ހެއްޔެވެ؟

ގާތުން އަންހެނެއްގެ އަޑު އިވި ކެންޒާގެ ނަޒަރު އެ ދިމާއަށް ދަތުރުކޮށްލިއެވެ. ނަރުސްކުއްޖަކު އައިސް ކެންޒާގެ އެނދުކައިރީ މަޑުކޮށްލިއެވެ. ހިނިތުންވުމެއް ދިނެވެ. ރޮވެނީ ކީއްވެތޯ ސުވާލުކުރުމާއެކު ތަދުވަނީތޯ އެއްސެވެ. ކެންޒާ މަޑުމަޑުން ދެ ފަރާތަށް ބޯހޫރުވާލިއެވެ. އޭރު ވެސް ކެންޒާގެ މޫނުން އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. ހަރަކާތް ހުއްޓިފައިވާ ކަހަލައެވެ.

ހޮސްޕިޓަލުގައި ހަފްތާއެއް ވަންދެން ކެންޒާ ބޭއްވިއެވެ. ވަރުދެރަވެފައިވާތީއާއެކުއެވެ. އަނެއްކާވެސް ކެންޒާ ބަދަލުވެއްޖެކަން މިފްރާހު ދެނެގަތެވެ. ކުރިއަށްވުރެ ވެސް ކެންޒާ ހިމޭންވީއެވެ. ކެންޒާ އެއްޗެކޭ ބުންޏަސް ހީވަނީ، ދިރުމެއް، ހަރަކާތެއްނެތް މީހަކު އެއްވެސް އަސަރެއްނެތި ވާހަކައެއް ބުނެލާ ހެންނެވެ. ނަމަވެސް ގެއަށް އައުމުގެ ކުރީން ކެންޒާއާއި މިފްރާހުގެ ދެމެދުގައި ބޮޑު އެއްބަސްވުމެއް ހިނގިއެވެ. އެ ދެމީހުން ފިޔަވާ އެކަން އެނގޭނޭ އިތުރު ބަޔަކުނެތެވެ.

ހޮސްޕިޓަލުން ގެއަށް އައީ ކެންޒާގެ މަސްގަނޑު ކަހަލައެވެ. ވިހައި ގަދަނުވާ ނޫރާ ހުރީ އެމީހުންގެ އިންތިޒާރުގައި ގޭގައެވެ. އޭނާއަށް ވެސް ކެންޒާ ފެނި ނޭނގޭ ގޮތްތަކެއް ހިތަށް ވިއެވެ. ޔަގީނުން ވެސް އެ އިޙްސާސަކީ ހިތުގެ ހަމަޖެހުން ގެއްލުވާލާފަދަ އިޙްސާސެކެވެ. ކެންޒާ ގޮވައިގެން ކޮޓަރިއަށް އައި މިފްރާހެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭ ޢާއިލާގެ ހަމަޖެހުން ގެއްލި ހާސްކަން އެންމެންގެ ސިކުނޑިތަކަށް ހެރޭ ކައްޓަކަށްވެއްޖެއެވެ. އެރޭ މަންމައާއި ބައްޕައާ މިފްރާހު ބައްދަލު ކުރިއެވެ. ކައިވެނި ފަސްކުރިއެވެ. ކެންޒާ އެދެނީ ތިން މަސް ފަހުން ކައިވެނި ކުރަން ކަން މިފްރާހު ބުންޏެވެ. ކަލީމްމެން ވެސް ކައިވެނި އިހަށް ފަސްކުރަން ބޭނުންވެފައިކަން ތިބީ ހާމަކުރިއެވެ. ކެންޒާގެ ހާލު އެހާތަނަށް ރަނގަޅުވާން ރައުދާއަށް އެދެވުނުއިރު މިފްރާހުގެ މަންމައާ އެއްބައިވިއެވެ. އެމީހުންގެ ވާހަކަތައް ކުރިއަށް ދަނިކޮށް ސަނާ އެތަނަށް އައެވެ. މުބީން ގުޅާފައި އާދެވެން ނެތްކަން އޭނާ ހާމަކުރީ ކުރެހިފައިވާ އަޑަކުންނެވެ. އެހާ އުންމީދުކޮށްގެން ހުއްޓާ މުބީން ނާންކަން އެނގުމުން ސަނާގެ ހިތަށް ވަރަށް އަސަރު ކުރީއެވެ. ކުދީން ތިބީ ބައްޕަ ދުށުމަށް އެދި އިންތިޒާރުގައިކަން ވެސް އެނގޭތީއާއެކުއެވެ.

ފާއިތުވަމުން ދުވަސްތައް ދިޔައެވެ. އާ އަހަރެއް ފެށުނީއެވެ. ކެންޒާގެ ހިތާއި ނަފްސާ އެންމެ ގާތުގައިވީ އޭނާގެ ފޯނެވެ. ލައިތުގެ ހާދިސާއާ ގުޅިގެން ދެ މީހަކު ހައްޔަރު ކުރެވުނުކަން ރާއްޖޭގެ ޚަބަރުތަކުގައި އޮތެވެ. އެ ދެ މީހުން އެކަމަށް އެއްބަސްވެއްޖެކަން ވެސް އޮތެވެ. ލައިތުގެ ޢާއިލާއާ ބެހޭ އެއްވެސް ތަފްސީލެއް ޚަބަރަކުން ނުފެނުނެވެ.

ކޮންމެ ދުވަހަކު ހަވީރު ކެންޒާ ގެއިން ނުކުންނާތީ މާހާގެ ސަމާލުކަން އަޅައިގަތެވެ. އޭނާ ދަނީ ކޮންތާކަށްތޯ ބަލަން ބޭނުންވީ މިފްރާހަށް އެނގިހުރެ ވެސް ނުބުނީމައެވެ. ސިއްރުން ގެއިން ނުކުމެ ކެންޒާއަށް ފާރަލަމުން މާހާ އައެވެ. އެހިސާބުގައި ހުރި ޕާކަށް ކެންޒާ ވަންނާތީ މާހާ ދުށްޓެވެ. އެ ޕާކަކީ ކުޑަކުދީން މަޖާކުރުމަށް ޚާއްޞަކޮށްފައިވާ ތަނެކެވެ. ނަމަވެސް އެތަނުގައި ހުރި އާލަތްތައް ބާވެ ހަލާކުވެފައިވާއިރު އެތަނަށް މީހުން އައުންވަނީ މަދުވެފައެވެ. ބޮޑެތި ގަސްތަކުގެ ހިޔަލުގައި ބެންޗުތައް ޖަހާފައި ހުއްޓެވެ. ކެންޒާ ގޮސް އިށީނީ އެތަނުން ގޮނޑިއެއްގައެވެ. ޕާކަށް ވަންނަ މީހުންނަށް ފުރަގަސްވާނޭހެން ހުރި ގޮނޑިއެއްގައެވެ. މަޑުކޮށްލައިގެން ހުންނަތާ އިރުގަނޑެއް ފަހުން މާހާ އަޖައިބުވީ ފަހަކަށް އައިސް ނުފެންނަ މަންޒަރެއް ފެނުނީމައެވެ. ކެންޒާ ރޮނީއެވެ. ގިސްލަނީއެވެ. ފޯނަށް ބަލަން ކެންޒާ އިންއިރު ދެކަންފަތަށް ހެޑްސެޓު ޖަހާލާފައި ހުއްޓެވެ. އޭނާ އަބަދު އަޑު އަހަނީ ކޯއްޗެއް ކަމެއް މާހާއަކަށް ނޭނގެއެވެ. އެއީ ވެސް މާހާ ހޯދަން ޝައުގުވެރިވެފައި ހުރި ކަމެކެވެ. ގޭތެރޭގައި ކެންޒާ ރޯތަނެއް އެއްގޮތަކަށް ވެސް ނުފެނެއެވެ. އޭނާ އަދިވެސް ހިތާމަކުރާކަން ޚުދު މާހާ ވެސް ނުދެނަހުއްޓެވެ. އޭނާ ހީކޮށްގެން ހުރީ ކެންޒާ މިހާރު ހަމައަކަށް އެޅިއްޖެކަމުގައެވެ. ސުވާލުތަކުން ފުރިގެންވި ސިއްރުވެރި އަންހެންކުއްޖެއްގެ ގޮތުގައި މާހާއަށް ކެންޒާ ސިފަވިއެވެ.

* * * * *

ލައިތަށް ބަލަން ޔާދިން އިނދެފައި ޓިޝޫކޮޅު ލޯ ކައިރީ ޖައްސާލިއެވެ. އެމޫނު މިލާފައިވާކަން ޔާދިންއަށް ޔަގީންވެއެވެ. ހަމައެއާއެކު އޭނާގެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ. އަދިވެސް ލައިރާގެ ގިސްލުމުގެ އަޑު ޔާދިންގެ ކަންފަތުން ކެނޑިގެން ނުދާ ފަދައެވެ. ހޮސްޕިޓަލަށް އައުން ލައިރާ ހުއްޓާލީ ލައިތާ ކުރިމަތިލާނޭ ހިތްވަރު ނެތިގެންނެވެ.

"ކިހާ ދުވަހަކުތިހެން އޮންނާނީ، ކެން ދެކެ ފޫހިވީތަ؟ އޭނާގެ މުހިންމު ކެނޑުނީތަ؟ އަހަރެމެންނޫނީ އޭނާގެ އެކަކުވެސްނެތް، އޭނާގެ ހާލު އެނގޭކަށް ބޭނުމެއްނޫންތަ؟ އެހެންމީހަކު އޭނާއާ ކައިވެނި ކުރަންދެންތަ ތި އޮންނަނީ؟ ކެން އެހެން މީހަކުދެކެ ލޯބިވެއްޖެއްޔާ ދެން ކިހިނެއް ހަދާނީ... ކެތްކުރެވޭނެތަ؟ ކެން... ޝީ ނީޑްސް ޔޫ... އޮންލީ ޔޫ... އޭނާގެ މައްޗަށް މީހަކު ވަރަށް އަނިޔާވެރިވެއްޖެ، އެނގޭކަށް ބޭނުމެއްނޫންތަ؟" ޔާދިންގެ ކޯތާފަތް ތެމުނު ހިނދު ނިކަން އަވަހަށް ކަނާއަތުގެ ބޮޑުވައި އިނގިލިން ކަރުނަ ފުހެލައިފިއެވެ.

"ސީރިއަސްލީ... ނިވޭކަމަށް ހެދިގެން މަސްގަނޑެއް އޮތަށް އަހަރެންނަށް އެނގޭ އަޑުއިވޭކަން މިދައްކާ ވާހަކަ، ޔޫ ނޯ ވަޓް... އައި ޖަސްޓް ވޯންޓު ކިލް ޔޫ ނައު، ޔޫ ޑޯންޓް ޑިޒާވް ހާ، އިޓް ވިލް ބޭޓާ ފޯ ހާ އިފް ޔޫ ހޭވް ޑައިޑް." ޔާދިން ތެދުވުމާއެކު ހަޅޭލަވައިގަތެވެ. ދެން އަނެއްކާ ވެސް ކޯތާފަތް ފުހެލާފައި އައިސް ލައިތުގެ އެނދުގައި ކައިރީ ގޮނޑިގައި އިށީނދެއްޖެއެވެ.

ކުރިއެރުމެއް ނުލިބުމުގެ އިތުރުން އޭނާއަށް އެނގުނު ހަޤީޤަތުގެ ސަބަބުން އެ ހިތުގައި ޖެހިފައިވިއެވެ. ލައިތު ތެދުވެގެން ނޫނީ އެއްވެސް ކަމެއް ރަނގަޅެއްނުވާނޭކަން ޔާދިންއަށް އެނގެއެވެ. ލައިތު ތެދުވެއްޖެނަމަ މިފަހަރު ކޮންމެ ގޮތަކުންވިޔަސް އޭނާ ރައްކާތެރިކުރާނޭކަމުގެ އަޒުމް ޔާދިންގެ ހިތުގައި އޮތެވެ. ލައިތާއި ކެންޒާ ވަކިވިޔަ ނުދޭން އޭނާއަށް ކުރެވެން އޮތްކަމެއް ކުރާން ހުރީ ތައްޔާރަށެވެ. ވިސްނުމުގެ ތެރެއަށް ގެއްލިފައި ޔާދިންއަށް އިނދެވުނީ ކިހާއިރެއް ވަންދެން ކަމެއް ނޭނގެއެވެ. އެނދުގައި ވިއްދާލާފައި އިން ވައަތުގެ އުޅަންބޮށި ކައިރިން އެއްޗެއް ހޭކޭހެން ހީވެގެން އަތްތިލައިގެ ތެރެއިން މޫނު ހިއްލާލައި ބަލާލިއެވެ. ސިހުނުވަރުން ޔާދިންއަށް ފުންމައިގަނެވުނެވެ. ފަހަތަށް ގޮނޑި އަރިއަޅާލައި ނުވެއްޓުނީ ކިރިޔާއެވެ. ޔަގީންނުވެ ހުރެވެސް އަވަހަށް ލައިތު ހިއްލާލި އަތުގައި ހިފައިފިއެވެ. ނަރުސްކުދީންގެ އެހީއަށް ކުއްލިއަކަށް ބޭނުންވެއްޖެ ހިނދަކު އޮބާލަން ހުރި ފިތަށް ޔާދިން ފިތާލިއެވެ. ލައިތުގެ އަތުން ޔާދިން ދޫކޮށެއްނުލައެވެ. ބާރަށް ހިފަހައްޓާލައިގެން ހުރިއިރު އެ މޫނަށް ލައިތުގެ ލޯ އަމާޒުވެފައި ހުއްޓެވެ. ހިނދުކޮޅެއްގެ ތެރޭ ލައިތު ބޭއްވިފައި އޮތް ކޮޓަރިއަށް ނަރުހުން އަތުވެއްޖެއެވެ. ޑަކްޓަރު އެބައާދޭކަން އިސްކޮށް ހަރަކާތްތެރިވި ނަރުސްކުއްޖާ ބުންޏެވެ. ޔާދިން އެއްފަރާތްވެލީ ޢާއިލާއަށް ގުޅާފައި އެ ޚަބަރު ފޯރުކޮށްދޭށެވެ.

* * * * *

ޒުބިންގެ ގައިގާ ބައްދާލައިގެން ހުރެ ލައިރާއަށް ރޮވެނީއެވެ. މަންމަ އެވަރަށް ރޯތީ އިލިއާނާ ވެސް ރޮނީއެވެ. ކެންޒާއާމެދު ހިތާމަކުރަނީ ލައިރާ އެކަންޏެއްނޫނެވެ. ޒުބިންގެ ހިތަށް ވެސް ވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައެވެ.

"ނުކުރޭނެ ދޭކަށް... ލައިތަށް ކަމެއްވެއްޖެއްޔާއޯ، އޭނާ ރަނގަޅުވެލަންދެން ދުވަސްކޮޅަކަށް މަޑުކޮށްލަން ބޭނުމީ، މިހާރު ހުރިހާކަމެއް އެނގިއްޖެއްނަމަ އޭނާ ޝޮކަށް ހިނގައިދާނެ، އަހަރެން ބިރުގަނޭ... އެ ދެމީހުންދެކެ ވެސް އަހަރެން ވަރަށް ލޯބިވޭ... ޒުބިން... ކިހިނެއްމިވީ..." ޒުބިންގެ ގަމީހުގެ މޭމަތި ލައިރާގެ ކަރުނުން ފޯވެއްޖެއެވެ.

"ލައި... ޕްލީޒް، ދެން ހުއްޓާލާ، ލައިތު ހޭ ވެސް އެރީނު، ކެން ވެސް އަހަރެމެންނަށް ލިބޭނެ... ޔާދުއާއި ސެހެރް މީހަކާ ވާހަކަދައްކަމުން އެދަނީ، ކެން ހުރީ އޮސްޓްރޭލިއާގަކަން އަހަރެމެންނަށް އެނގުނުހެން، ލަހެއްނުވެ އޭނާ ހުރި އެޑްރެސް ވެސް ލިބޭނެކަން ޔަގީން..."

"އެތަނުން ބައްދަލުވާނީ އަހަރެމެން ހޯދަން ބޭނުންވި ކެންއަށް ނުވެއްޖެއްޔާޔޯ؟" ޒުބިންގެ ވާހަކަ މެދުކަނޑާލަމުން ލައިރާ ބުނެލިއެވެ.

"ކެންއަކީ އަބަދުވެސް ފައިޓާއެއް، ލައި ޕްލީޒް... ދެން ހުއްޓާލަބަލަ، މިވަގުތު ލައިތުގެ ގާތުގައި އަހަރެމެން އެންމެން ތިބެންވާނެ، އޭނާއަށް އަހަރެމެން އެންމެންގެ ހިތްވަރާއި އެއްބާރުލުން ބޭނުންވާނެ، ލައިއަށް ބަދަލުތަކެއް އަތުވެއްޖެކަން އެކަކަށްވުރެ ކުރީން ލައިތު ދެނެގަންނާނެ... ވީ ހޭވް ޓު ބީ ކެއާފުލް، ވިޒިޓްނުކޮށް ތިބުމުން އެކަން ފާހަގަވާލެއް އަވަސްވާނެ."

"އާން!...އާން!..." ލައިރާ އަވަސްއަވަހަށް ބުނެލިއެވެ. މޫނުމަތި ދެ އަތުން ފުހެލިއެވެ. ލައިތުގެ ކުރިމަތީ އެކަކުވެސް ރޮއެގެންނުވާނޭ ބުނެލިއިރު ހީވީ އަމިއްލަ ނަފްސަށް ލައިރާ ވަޢުދުވެލީ ހެންނެވެ.

* * * * *

ސެހްރާނު އައިސް ކޮޓަރިއަށް ވަންއިރު ހީވީ ދުވަމުން އައި މީހަކު ހެންނެވެ. އޭނާ ލައިތުގެ ގައިގާ އޮޅުލައިގަތީ އަހަރުތަކެއް ވަންދެން ޚަބަރެއްނުވެ ދުރުގައި ތިބި ދެ މީހުން ފަދައިންނެވެ. ހުރިހާކަމެއް ހިނގައި ދިޔައިރު ވެސް ސެހްރާނު ނުރޮއެވެ. އެކަމަކު އޭނާ ލައިތުގެ ގައިގާ އޮޅުލައި ގަތުމާއެކު ނުހިފެއްޓުނެވެ. ފަނޑުކޮށް ނަމަވެސް ޔާދިންގެ ތުންފަތުގައި ހިނިތުންވުމެއް ނުފިލާހުއްޓެވެ. މިނޫނީ ދުވަހަކުވެސް ލައިތު ފެނިގެން އޭނާ މިހާ ހިތްހަމަޖެހުނު ދުވަހެއް ނާދެއެވެ. މޭގައި ނުފިލާ ހުރި ފިއްތުންތައް ނެތިގެން ގޮސް ނޭވާލާން ފަސޭހަވެއްޖެހެން ޔާދިންއަށް ހީވިއެވެ. މޭގައި ކަނާއަތް ޖައްސާލުމާއެކު ފުންނޭވާއެއް އޭނާ ލިއެވެ.

"ހީކުރިވަރަށްވުރެ މާބޮޑަށް ވެސް ލަސްވެއްޖެ، އެހެންވިޔަސް ޕްލީޒް... ޕްލީޒް ވެއިޓް ފޯ އަސް ކެން..." ހިތާ ހިތުން ޔާދިންއަށް ތަކުރާރުކޮށްލެވުނެވެ.

(ނުނިމޭ)