ހަބަރު

ހިދުމަތް ކުރެއްވުމުގައި އިބްރާހިމްފުޅު ދެއްކެވީ ރީތި ނަމޫނާއެއް: ރައީސް

ބ. ތުޅާދޫ މަންޒިލް އަލްމަރްހޫމް އިބްރާހީމް ހުސައިންފުޅަކީ، ސަރުކާރަށް ހިދުމަތް ކުރެއްވުމުގައި ރީތި ނަމޫނާއެއް ދެއްކެވި އަދި ތުޅާދޫގެ ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ ބޭފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، އިބްރާހީމް ހުސައިންފުޅު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން އިބްރާހީމް ހުސައިންފުޅުގެ އަނބިކަނބަލުން ހަދީޖާ އިބްރާހީމަށް ފޮނުއްވި ތައުޒިޔާގެ ސިޓީފުޅުގައެވެ. އިބްރާހީމް ހުސައިންފުޅު އަވަހާރަވުމަކީ ތުޅާދޫގެ ރައްޔިތުންނަށް އަދި ހާއްސަކޮށް، ރާއްޖޭގެ ތައުލީމީ ދާއިރާއަށް ލިބުނު ހިތާމައެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން ހަދީޖާ އިބްރާހީމަށާއި އިބްރާހީމް ހުސައިންފުޅުގެ ބޭފުޅުންނަށާއި އާއިލާގެ މެންބަރުންނަށް ވަރަށް ތައުޒިޔާ ވިދާޅުވެފައިވެއެވެ.

އިބްރާހީމް ހުސައިންފުޅަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ހާއްސަކޮށް ތުޅާދޫ ސްކޫލަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. އަދި އިބްރާހީމް ހުސައިންފުޅަކީ، ތުޅާދޫގެ ވަރަށްގިނަ އަދަދެއްގެ ދަރިވަރުންގެ ލޮބުވެތި އުސްތާޒަކަށްވުމާއެކު، ކުޑަކުދިންނަށް ގުރްއާން ކިޔަވައިދެއްވުމުގައްޔާއި، ގުރްއާން ހިތުދަސްކޮށްދެއްވުމަށް ދެއްވި އަހަންމިއްޔަތާއި އެރޮނގުން ކޮށްދެއްވި މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އިބްރާހިމް ހުސައިންފުޅު ބ. ތުޅާދޫ ސުކޫލަށް 40 އަހަރަށް ވުރެ ވަންދެން ހިދުމަތް ކުރައްވާފައިވާއިރު އޭނާ ވަނީ ތުޅާދޫ ސުކޫލްވެސް ހިންގަވާފައެވެ. އިބްރާހިމް ހުސައިންފުޅު ވަނީ ހިސާބާއި ގުރުއާން އަދި އިސްލާމް މާއްދާ އާއި ދިވެހި ބަސްވެސް ކިޔަވައި ދެއްވާފައެވެ. އަދި ތުޅާދޫގެ ވެރިކަން ވެސް ކުރެއްވިއެވެ.

ތުޅާދޫގައި ވަރަށް ދިގު މުއްދަތަކަށް ގުރުއާން ކިލާހެއް އިބްރާހިމް ހުސައިންފުޅު ވަނީ ހިންގަވާފައެވެ. އިބްރާހިމް ހުސައިންފުޅުގެ ގޭގައި ހިންގެވި އެ ކިލާހުން އެ ރަށުގެ ވަރަށް ގިނަ ކުދިންނަށް ގުރުއާން ކިޔަވައިދެއްވާފައިވެއެވެ.

އިބްރާހިމް ހުސައިންފުޅުގެ ނުވަ ބޭފުޅުން ތިއްބަވައެވެ. އޭގެ ތެރޭގައި ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމާއި މަޝްހޫރު ލިޔުންތެެރިޔާ އަދި ޅެންވެރިޔާ އަންވަރު އިބްރާހިމާއި ފުޓްބޯޅަ ކުޅުންތެރިޔާ އަންސާރު އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ.