ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޅ. ފެލިވަރަށް ވަޑައިގެން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އެކި ސަރަހައްދުތައް ބައްލަވާލައްވައިފި އެވެ. އެ މަނިފާނު ފެލިވަރަށް ވަޑައިގެންނެވީ، ފާދިއްޕޮޅަށް މިއަދު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ މެރީނާގައި ބަހައްޓާފައިވާ 4000 މެގަޓަނުގެ އައު ކޯލްޑް ސްޓޯރޭޖްގެ ފަރުމާ ބައްލަވާލައްވާފައިވެއެވެ. އަދި ކޯލްޑް ސްޓޯރޭޖް އެޅުމަށް ބިން ހިއްކާ ސަރަހައްދަށް ޒިޔާރަތްކުރައްވާ، އެ ތަން ވެސް ބައްލަވާލެއްވިއެވެ.
އެމަނިކުފާނު ވަނީ ފެލިވަރުގައި މިހާރު މަސްގަނެ ރައްކާކުރުމަށް ބޭނުންކުރާ ކޯލްޑް ސްޓޯރޭޖްގެ ހާލަތު ބައްލަވާލައްވައި މަސްބަންދުކުރާ ކާރުހާނާގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް ބައްލަވާލައްވާފައެވެ. މިހާރު ބޭނުންކުރާ ކޯލްޑް ސްޓޯރޭޖް ހުރި އިމާރާތް ވަނީ ވަރަށް ބޮޑަށް ބާވެފައެވެ. އަދި މި ސްޓޯރޭޖްގެ އައިސް އުފައްދާ މިންވަރަކީ މިހާރަށް އެންމެ އެކަށީގެންވާ މިންވަރެއް ނޫން ކަމުން އިތުރަށް އައިސް އުފެއްދުމަށް ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރު ކުރުމަށް ވަނީ ބޭނުންވެފައެވެ.
ފެލިވަރަށް ކުރެއްވި މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އެ ވަގުތު ފެލިވަރު ފަޅުގައި އޮތް މަސްދޯންޏަކަށް އަރާވަޑައިގެން އެ ދޯނީގައި ތިބި މަސްވެރިންނާ ބައްދަލުކުރައްވައި މަސްވެރިނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަށް އޮޅުން ފިލުއްވާފައެވެ. މަސްވެރިން ވަނީ އައިސް ލިބުމުގައި ހުރި ދަތިތަކާއި މަސްކިރުމުގައި ދިމާވާ ދަތިތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.
އެ މަނިކުފާނު ފެލިވަރަށް ޒިޔާރަތްކުރެއްވުމުގެ ކުރިން ޅ. މާފިލާފުށްޓަށް ޒިޔާރަތްކުރައްވާ ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.