އިންޑީޔާގެ ހިމާޗަލް ޕްރަދޭޝް ސްޓޭޓްގެ ލާހޯލް-ސްޕީޓީ ޑިސްޓްރިކްޓަކީ ވަރަށް އެކަހެރިކޮށް ދުރުހިސާބެއްގައި އޮންނަ ސަރަހައްދެކެވެ. އެ ސަރަހައްދުގެ އެއް އަވަށުގައި ދިރިއުޅޭ އެންމެން ކޮވިޑަށް ޕޮޒިޓިވް ވީއިރު ބަލި ނުޖެހި އެންމެ މީހަކު ވަނީ ސަލާމަތް ވެފަ އެވެ. ފަރުބަދަމަތީގެ މި ހިސާބުގަނޑުގައި ދިރިއުޅޭ މީހުންނަށް މިފަހަރުގެ ކޮވިޑްގެ ކަންތައްތަކީ އެމީހުންގެ ހަޔާތުގައި ވެސް ދުށް އެންމެ ވަރުގަދަ ބަލިމަޑުކަމެވެ.
ތޮރަންގް އަވަށުގައި ދިރިއުޅޭ މުޅިއެކުވެސް 42 މީހުންނެވެ. އޭގެ ތެރެއިން 41 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 52 އަހަރުގެ ބޫޝަން ޓާކޫރްގެ ޓެސްޓްގެ ނަތީޖާ ދެއްކީ ނެގެޓިވް ކޮށެވެ. އެންމެންނަށް ބަލި ޖެހުނުއިރު ބޫޝަން އަށް ބަލި ނުޖެހުނީ ކީއްވެތޯ ވަރަށް ގިނަ ބަޔަކަށް ހައިރާންކަމާއެކު އޭނާއާ ވެސް ސުވާލު ކުރެ އެވެ.
މި ސުވާލުގެ ޖަވާބުގައި އޭނާ ބުނީ ކޮވިޑުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް އޭނާ ވަރަށް ފަރުވާތެރިކަން ބެހެއްޓީމަ ކަމަށެވެ. މާސްކް އެޅުމާއި އަތް ދޮވުން އަދި ގައިދުރުކަން ބަހައްޓައިގެންނެވެ.
"އަހަރެންގެ ނަތީޖާ ނެގެޓިވްކޮށް ދެއްކި އެންމެ މައިގަނޑު ސަބަބަކީ އަހަރެންނަކީ އަބަދުވެސް މާސްކް އަޅައިގެން ސެނިޓައިޒާ ފުޅިއެއް ހިފައިގެން އުޅޭ މީހަކަށް ވާތީ. އަދި އެހެން މީހުންނާ މާ ގާތް ގާތުގައެއް ނުހުންނަން،" ބޫޝަން ބުންޏެވެ.
ބޫޝަން ބުނި ގޮތުގައި އޭނާގެ އާއިލާގެ ހަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. އެހެންވެ އޭނާ މިހާރު އުޅެނީ އެމީހުންނާ ދުރުގަ އެވެ.
"އެމީހުން ތިބެނީ އެ ކޮޓަރިއެއްގަ. އަހަރެން އުޅެނީ އެހެން ކޮޓަރިއެއްގަ. އެމީހުން ވަކިން ކައްކަނީ. އަހަރެން ކާއެއްޗެހި ކައްކަނީ އަހަރެން އަމިއްލައަށް. މިހިސާބުގަނޑުގައި ކޮވިޑް ބާރަށް ފެތުރުނު ސަބަބަކީ ފިނިގަދަކަން. ފިނީގެ ސަބަބުން ގިނަ ބަޔަކު އަލިފާންގަނޑެއް ޖަހައިގެން އެއް ތަނެއްގައި ބޮނޑިއަކަށް ތިބޭތީ،" ބޫޝަން ބުންޏެވެ.
އެ ޑީސްޓްރިކެޓްގެ ޑެޕިއުޓީ ކޮމިޝަނަރު އިންޑިޔާ ނޫހަކަށް ވިދާޅުވި ގޮތުގައި ތޮރަންގް އަވަށުގައި ދިރިއުޅޭ މީހުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 160 މީހުންނެވެ. ނަމަވެސް ފަރުބަދަމަތިކަމަށް ވެފައި ފިނި މޫސުން ކަމަށް ވުމުން ގިނަ ބަޔަކު މި ވަގުތު ތިބީ ފިނި މަޑު ހިސާބުތަކަށް ގޮހެވެ. ކޮވިޑް ޖެހިފައިވަނީ ނުގޮސް ތިބި 42 މީހުންގެ ތެރެއިން 41 މީހަކަށެވެ.
މި އަވަށުގެ މީހުންނަށް ކޮވިޑް ޖެހެން ފެށީ އެ ރީޖަންގެ އެހެން ހިސާބެއްގައި އޮތް ދީނީ އަޅުކަމަކަށް ދިޔަ ބަޔަކު އަނބުރާ އައިއިރު ކޮވިޑް ޖެހިފައި ތިބީމަ އެވެ. އެ ހުރިހާ މީހުންނަށް ފަރުވާ ދޭ ޑޮކްޓަރު ބުނީ އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ސްޓޭޓްގެ ލާހޯލް-ސްޕީޓީ ޑިސްޓްރިކްޓްގައި މިވަގުތު ފިނި މިންހުރީ ޒީރޯ ޑިގްރީ އަށް ވުރެ ވެސް ދަށުގަ އެވެ. މީގެ ކުރިން ހަމަ އެ ރީޖަންގެ އެހެން އަވަށެއް ކަމަށްވާ ރަންގްރިކްގައި ދިރިއުޅޭ އެންމެންނަށް ވެސް ކޮވިޑް ޖެހިފައި ވެއެވެ. އެއީ 39 މީހުންގެ އާބާދީއެއް އޮންނަ އަވަށެކެވެ.