ޓެރަރިޒަމް

ޓެރަރިޒަމް އޮޕަރޭޝަން: އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ ޓެރަރިރަޒަމްގެ އަމަލާ ގުޅުން ހުރި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.

ޓެރަރިރަޒަމްގެ އަމަލެއްގެ މައުލޫމާތު އިންޓަލިޖަންސަށް ލިބިގެން އެކަން ހުއްޓުވާ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރީ މި މަހުގެ 12 ވަނަ ދުވަހުގެ ރެއެވެ. މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ އަދި ތ. ތިމަރަފުށީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި އޭރު ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެއީ ތ. ތިމަރަފުށިން ހައްޔަރު ކުރީ ދެ މީހަކާއި މާލެއިން ހައްޔަރުުކުރި މީހެއް އަދި މާލެ އަތޮޅު ކަނޑުގެ ސަރަހައްދުން މަސް ދޯންޏަކުން ހައްޔަރުކުރި ތިން މީހުންނެވެ. އެއީ 31 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރާއި 18 އަދި 34 އަހަރުގެ މީހެކެވެ. މި އެންމެންނަކީ ދިވެހި ފިރިހެނުންނެވެ.

މިއަދު ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތަށް އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.

ފުލުހުން ހުއްޓުވާފައިވަނީ ހަރުކަށި ފިކުރުގެ ކޮން ބަޔަކު ކޮންތަނަކަށް ދޭން އުޅުނު ހަމަލާއެއް ކަމެއްވެސް ނުބުނެއެވެ. ހަމަލާ ދޭން ބަޔަކު ރޭވީ ތިމަރަފުށީގައި އޮތް ކުޑަކުދިންގެ ހަވީރަކަށް ކަމަށް ބުނެ ފެތުރުނު ވާހަކަތައް ފުލުހުން ދޮގު ކުރިއެވެ.