މިދިޔަ އަހަރުގެ ތެރޭގައި ޓެރަރިޒަމްގެ ހަމަލައެއް ދޭން އުޅޭ ކަމުގެ ތުހުމަތަށް ތ. ތިމަރަފުށިން ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ބޭއްވި އަޑުއެހުމުގައި ކޯޓުން ނިންމީ މި މީހުން ދޫކޮށްލައިފިނަމަ މުޖުތަމައަށް އެ މީހުންގެ ސަބަބުން ނުރައްކަލެއް ފޯރައިފާނެ ކަމަށް، ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށެވެ.
ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލު ހިންގަން އުޅުނު އަށް މީހުންނަށް ޕީޖީން ދައުވާކޮށްފައި ވަނީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.
އައިސިސް އާއި ގުޅުން އޮންނަ ހަރުކަށި ފިކުރުގެ އަށް މީހަކު މި މައްސަލައިގައި ދައުވާކޮށްފައިވާއިރު، މި މީހުންގެ މައްޗަށް ޖުމްލަ 20 ދައުވާއެއް ވަނީ އުފާލައެވެ. ތ. ތިމަރަފުށި ފެހިވިދުވަރު، އަބްދުﷲ ޝަރީފްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދައުވާ އެވެ.
ތިމަރަފުށި ކެނެރީގެ، އަހުސަން މުހައްމަދުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދައުވާ އެވެ.
ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
ތިމަރަފުށި، އަސުރުމާގެ، މުހައްމަދު އާސިރުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު ރ. ކަނދޮޅުދޫ، ފެހިވިލާ، އަލީ އަރުހަމް މުހައްމަދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާގެ އިތުރުން ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.
ތިމަރަފުށި، ސައިމާ، ޝަމާހް ޝަރީފްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އަދި ނ. ކުޑަފަރި، ރޯޒްމީޑް، އިބްރާހިމް ލޫތުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެެވެ.
މި މައްސަލާގައި ހައްޔަރުކުރި ރ. މަޑުއްވަރީ، ބީޗް ހައުސް، އަބްދުﷲ އިމާދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އަދި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.
ޓެރަރިޒަމްގެ އަަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭ އޮޕަރޭޝަނެއް ހިންގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް "ނަސާހް 3" ކިޔާ ދޯންޏަކުންނެވެ. އެއޮޕަރޭޝަން ހިންގާފައިވަނީ އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ތައްޔާރުކުރުމަށް ބޭނުންވާ އާލާތްތައް އެއްކޮށް، އެދޯނީގައި އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިގެންނެވެ.