ހަބަރު

އިމްތިހާންގެ ތެރެއިން ގޮއްވާލަން ރޭވީ ތިމަރަފުށި ސްކޫލްގެ ލެބޯޓަރީ

Jan 26, 2021
16

މިދިޔަ އަހަރު ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތަށް ތ. ތިމަރަފުށިން ހައްޔަރުކުރި މީހުން ރާވަމުންދިއައީ، އޯލެވެލް އިމްތިހާނު ކުރިއަށްދާ ވަގުތު އެ ރަށު ސްކޫލްގެ ލެބޯޓްރީ ގޮއްވާލަންކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި މިހާރު ޖުމްލަ އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ހުރިހާ މީހުންނަކީވެސް ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިސިސް އާއި ގުޅުން އޮންނަ ބައެއް ކަމަށެވެ.

އަދި އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފައިވާކަމަށް ވެސް ބުނެފައިވެ އެވެ.

ޓެރަރިޒަމުގެ އަަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭ އޮޕަރޭޝަނެއް ހިންގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް "ނަސާހް 3" ކިޔާ ދޯންޏަކުންނެވެ.

އެ އޮޕަރޭޝަން ހިންގާފައިވަނީ އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ތައްޔާރުކުރުމަށް ބޭނުންވާ އާލާތްތައް އެއްކޮށް، އެދޯނީގައި އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިގެންނެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހަކު އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެޖަމާއަތުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓެލެގްރާމްގެ އެކި ޗެނަލްތަކުގައި ފަންޑް ރެއިސްކުރުމުގެ އެކި ހަރަކާތްތައް ހިންގައި، އެކިފަރާތްތައް މެދުވެރިކޮށް ސީރިޔާއަށް ފައިސާ ފޮނުވާ، ރާއްޖޭގައި ލިބެންހުރި ގަސްކާނާއިން އެމޯނިއަމް ނައިޓްރޭޓް ވަކިކޮށް ހަމަލާއެއް ދިނުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

މިފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދިނުމަށް ހިއްވަރުލިބިގަތީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން "ޖަޒީރާގެ ޒުވާނުން" ނަށް މުހާތަބުކޮށް ދީފައިވާ މެސެޖަކާ ގުޅިގެން ކަމަށެވެ.

އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ތަރުޖަމާނުގެ މެސެޖާ ގުޅިގެން، ރާއްޖޭގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ގޮސްފައިވެ އެވެ.

މިގޮތުން 2020 ވަނަ އަހަރު ތ.އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާ ދިމާކޮށް އެ ސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވިކަމާއި، މިދުވަސްވަރު ސްކޫލްގެ ލެބޯޓަރީގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވެ އެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގްސަދަކީ ފުލުހުް ބުނި ގޮތުގައި އައިސިސް ޖަމާއަތަށް ތާޢީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި އެ މީހުން ލައްވާ ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުމެވެ.