ޓެރަރިޒަމްގެގެ ތުހުމަތުގައި ދޫނިދޫގައި ބަންދުގައި ހުރި ތ. ތިމަރަފުށި، އަސްރަފީވިލާ، އަހްސަން މުހައްމަދު ޖަލު ގޮޅިއަށް ވެއްދުމުގައި ފުލުހުން ބާރު ބޭނުންކޮށްފައިވާގޮތާއި މެދު އާއިލާއިން ޝަކުވާ ހުށައެޅުމުން އެކަން ހިނގާދިޔަ ގޮތް ފުލުހުން ސާފުކޮށްދީފި އެވެ.
ފުލުހުން ބުނީ ޓެރަރިޒަމްގެ ތުހުމަތުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި އަހްސަން މުހައްމަދު، ގޮޅީގައި ހަރުކޮށްފައިހުރި ކެމެރާއަށް ނުފެންނަގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށް ތަކުރާރުކޮށް ކެމެރާ ބްލައިންޑް ކުރުމާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހުގެ ރޭ އަށެއްޖަހާ އެހައިކަންހާއިރު ގޮޅިން ބޭރަށް ނެރެފައިވާ ކަމަށާ އޭނާ ގޮޅިން ނެރުމަށްފަހު ކެމެރާގައި އުނގުޅާފައިހުރި ދަތްއުނގުޅާ ބޭސް ސާފުކޮށް ކެމެރާ ބްލައިންޑް ކުރުމަށް ބޭނުންކުރާ ތަކެތި ގޮޅިން ނެރެ، އަލުން ގޮޅިއަށް ވަނުމަށް އޭނާއަށް އެންގި ކަމަށެވެ. ނަމަވެސް، ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އަހްސަން ދެކޮޅު ހަދައި އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް އިންޒާރުތައް ދީފައިވާ ކަމަށެވެ.
"...ސުލްހަވެރިކަމާއެކު ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ނަމަވެސް އެކަމަށް އަހްސަން މުހައްމަދު އިންކާރުކޮށް، އަހްސަން މުހައްމަދު ގޮޅިއަށް ވެއްދުމަށް މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުން ގައިގައި ޖަހައި މާރާމާރީ ހިންގުމުން ފުލުހުން ވަަނީ ޕެޕާ ސްޕްރޭ ބޭނުންކޮށް އަހުސަނު މުހައްމަދު ޖަލު ސަރަހައްދުން ނެރެ ބިޑިއަޅުވާފައި. އެއަށްފަހު، އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުރުމަށް އޭނާއަށް ނަސޭހަތްތެރިވެ އެރޭގެ ފަހުގެ ވަގުތެއްގައި ވަނީ ގޮޅިއަށް ވައްދާފައި،" މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވެއެވެ.
ފުލުހުން ބުނީ މިކަން ކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލްތަކުގެ ތެރެއިން އަމަލުކޮށްފައިވޭތޯ ޔަގީން ކުރުމަށް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވުއު ކޮމިޓީ އަށް ހުށަހަޅައި ބަލަމުންދާ ކަމަށެވެ. އަދި ބެލުންތަކަށް ފުލުހުން އަމަލުކޮށްފައިވަނީ ހަމަޖެހިފައިވާ އިޖުރާތުތަކާއި ހިލާފަށް ނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އަހުސަން ހައްޔަރުކޮށްފައިވަނީ ޓެރަރިޒަމްގެ ހަމަލައެއް ދޭން އުޅޭ ކަމުގެ ތުހުމަތަށް ތ. ތިމަރަފުށިންނެވެ. ޓެރަރިޒަމްގެ ތުހުމަތަށް ހައްޔަރުުކުރި މީހުންގެ ތެރެއިން އައިސިސް އާއި ގުޅުން އޮންނަ ހަރުކަށި ފިކުރުގެ އަށް މީހަކަށް ދައުވާކޮށްފައިވާއިރު މި މީހުންގެ މައްޗަށް ޖުމްލަ 20 ދައުވާއެއް ވަނީ އުފާލައެވެ އަހުސަން މުހައްމަދުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ކުށުގެ ދައުވާ އެވެ.