ދެހާސް ވިހި ވަނަ އަހަރަކީ ދުނިޔޭގައި އުޅޭ އެންމެންނަށް ވެސް ވަރަށް އުނދަގޫ ދަތިތަކެއް ތަޖުރިބާތަކެއް ކުރަން ޖެހުނު އަހަރެކެވެ. މިފަދަ ބަނަ ދުވަސްތަކެއްގައި ވެސް ބައެއް މީހުން ކުރާ އިންސާނީ ހިދުމަތުގެ ވާހަކަ އަޑުއިވޭ ކޮންމެ މީހެއްގެ ހިތަށް ވަރަށް އަސަރު ކުރެ އެވެ. އަދި މިފަދަ މީހުންގެ ފަރާތުން ދިރިއުޅުމުގެ އުންމީދު އާވެގެން ދެއެވެ. ރޭލޫ ވަސާވޭ އަކީ މިފަދަ އިންސާނީ ހިދުމަތްތެރިއެކެވެ.
އިންޑިއާގެ މަހަރަޝްތުރާގެ ނަންދުރްބަރްގައި ދިރިއުޅޭ ރޭލޫ އަކީ އާގަންވާދީ ވޯކަރެކެވެ. ނުވަތަ ހެލްތު ވޯކަރެކެވެ. އޭނާ ކޮންމެ ދުވަހަކު ކުޑަ ބައްތެއްޔެއްގައި ފަލި ޖަހާފައި ވަރަށް އެކަހެރިކޮށް އޮންނަ ގަބީލާތަކެއްގެ މީހުން ކައިރިއަށް ދިޔަ އެވެ. އެ ގަބީލާތަކުގައި ތިބި ހަ އަހަރުން ދަށުގެ ކުދިންނަށާއި މާބަނޑު މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މިއީ ރޭލޫގެ ވާހަކަ އެވެ.
ރޭލޫ ނިސްބަތްވަނީ ނާޝިކް ކިޔާ ރަށަކަށެވެ. އޭނާ އުޅެ ބޮޑުވީ ނަރްމަދާ ކޯރާ ކައިރީގައި ކަމުން ކުޑައިރުއްސުރެ ފަތަން ދަނެ އެވެ.
ކޮވިޑްގެ ބިރުވެރިކަން އޮތް ނަމަވެސް ބިރު ކަނޑާލާފައި މިދިޔަ އޭޕްރީލް މަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ރޭނޫ ގަބީލާތަކުގެ މީހުންނަށް ޒިޔާރަތް ކުރެ އެވެ. އެމީހުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ. އާގަންވާދީ ވޯކަރެއްގެ ހައިސިއްޔަތުން އޭނާއަށް ތުއްތު ކުދިންގެ ބަރުދަން ބެލުމާއި ސިއްހީ މައްސަލައެއް އުޅޭތޯ ބެލުން އަދި ކުދިން ހެދިބޮޑުވާ ގޮތް ދެނެގަތުމާއި މާބަނޑު މީހުންގެ ކަންތައްތައް ވެސް ބަލަހައްޓަން ޖެހެ އެވެ.
ރޭލޫ ދަތުރުކުރާ ސަރަހައްދަކީ އެއްގަމު މަގުން ވެސް މީހުންނަށް ދަތުރުކުރަން އުނދަގޫ ހިސާބެކެވެ. އެހެންކަމުން އެންމެ ފަސޭހައިން އެތަނަށް ދެވެން އޮންނަނީ ވަރަށް ދިގު ކޯރެއް ހުރަސްކޮށްފަ އެވެ. އެންމެ ކައިރީގައި އޮންނަ ހިކިފަސް ތަނަކުން ވެސް ގަބީލާތަކުގެ މީހުން އުޅޭ ހިސާބަށް 18 ކިލޯމީޓަރުގެ ދިގުމިނުގެ ރާސްތާއެއް ކަޑައްތު ކުރަން ޖެހެ އެވެ.
އެހެންކަމުން ރޭލޫ ވަނީ އެހިސާބުގެ މަސްވެރިއެއްގެ އަތުން ކުޑަ ބޯޓެއް ކުއްޔަށް ހިފާފަ އެވެ. ގަބީލާ މީހުން ދިރިއުޅޭ އަލީގަޓް ދާދަރް އަވަށަށް ޒިޔާރަތް ކުރުމަށެވެ. ރޭލޫ އަށް ޖެހެނީ ހަ އަހަރުން ދަށުގެ ކުދިންނަށް ސަރުކާރުން ފޯރުކޮށްދޭ ބޭސް ފަރުވާގެ ކަންތައްތައް އެމީހުންނަށް ދޭށެވެ.
ރޭނޫ ބުނި ގޮތުގައި ކޮންމެ ދުވަހަކު އެހާ ދުރު ރާސްތާއަކަށް ބައްތެލީގައި ފަލި ޖަހާފައި ދާން ޖެހުމުން އޭނާގެ އަތަށް ވަރަށް ތަދުވެ އެވެ.
"ކޮންމެ ކޮންމެ ދުވަހަކު ފަލި ޖަހާކަށް އެހާ ފަސޭހައެއް ނޫން. ހަވީރު ވާ ފަހުން އެނބުރި ގެއަށް އާދެވޭއިރު މަގޭ ދެ އަތަށް ވަރަށް ތަދުވޭ. އެކަމަކު އެކަމާ އަހަރެން ކަންބޮޑެއް ނުވޭ. މާބަނޑު މީހުންނާއި ކުޑަކުދިންގެ ސިއްހަތު ބަލާ މޮނިޓާ ކޮށް އެމީހުން ސިއްހަތު ސަލާމަތުން ތިބިތޯ ޔަގީންކުރުމަކީ މަގޭ ވަޒީފާ. ކޮވިޑް-19ގެ ކަންކަން ހަމަޔަކަށް އެޅެންދެން އަހަރެން މިގޮތަށް ދަތުރު ކުރަމުން ގެންދާނަން،" އޭއެންއައި ދީފައިވާ އިންޓަވިއު އެއްގައި ރޭލޫ ބުނެފައި ވެއެވެ.
ރޭލޫގެ މި ހިދުމަތުގެ ވާހަކަ މަހަރަޝްތުރާގެ ޗީފް މިނިސްޓަރުގެ އޮފީހަށް ވެސް މިހާރު ވަނީ އެނގިފަ އެވެ. އަދި ޗީފް މިނިސްޓަރުގެ ފަރާތުން ރޭލޫ އަށް ޝުކުރު އަދާކޮށްފައި ވެއެވެ.