ބޮލީވުޑް

"ނަވްޔާ"ގެ އެކްޓަރު ޝަހީރް ކައިވެނި ކޮށްފި

ވަރަށް ރީތި ސިލްސިލާއެއް ކަމަށްވާ "ނަވްޔާ" އިން ޓީވީ އިންޑަސްޓްރީއަށް ނުކުތް ޒުވާން އަދި ރީތި އެކްޓަރު ޝަހީރް ޝޭޚް އޭނާގެ ޒަމާންވީ ލޯބިވެރިޔާ ރުޗިކާ ކަޕޫރާ ކައިވެނި ކޮށްފި އެވެ. "ނަވްޔާ"އަށް ފަހު ކުޅުނު ގިނަ ސީރީޒްތަކުން ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޝަހީރް ކައިވެނިކުރީ ކޯޓުގަ އެވެ.

ރުޗިކާ އާ އެންގޭޖް ވީކަން ޝަހީރް އިއުލާން ކުރީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ނަމަވެސް ކުއްލިއަކަށް ކައިވެނި ކުރުމުން އޭނާގެ ފޭނުންނަށް ވަރަށް ބޮޑު ސަޕްރައިޒެއް ވަނީ ލިބިފަ އެވެ.

ރުޗިކާ އާއި ޝަހީރް ކޯޓަށް ގޮސް ކައިވެނިކުރި ސަބަބެއް ކަމަށް ބުނެފައިވަނީ ކޮވިޑްގެ ބަލިމަޑުކަމާހެދި ކަމަށެވެ. އަދި އަންނަ އަހަރުގެ ޖޫންގައި އަލުން ސަގާފީ ސްޓައިލަށް ކައިވެނީގެ ރަސްމިއްޔާތެއް ބާއްވާނެކަމަށް ވެސް ޝަހީރް ބުނެފައި ވެއެވެ.

ކޯޓުގައި ކައިވެނި ކުރުމަށްފަހު ޝަހީރް އާއި ރުޗިކާ ވަނީ ޝަހީރްގެ އަމިއްލަ ރަށް ޖައްމޫއަށް ގޮސް އިސްލާމުން ކައިވެނިކުރާ ގޮތަށް ނިކާހް ސެރެމަނީއެއް ބާއްވާފަ އެވެ. އަދި އެނބުރި މުމްބައި އަށް އައިސް ރުޗިކާގެ ގޭގައި ވެސް ކުޑަ ރަސްމިއްޔާތެއް ބޭއްވި ކަމަށް ވެއެވެ.

ރުޗިކާ އަކީ އެކްތާ ކަޕޫރުގެ ބާލާޖީ ޓެލެފިލްމްސްގެ ކްރިއޭޓިވް ޕްރޮޑީއުސަރު އަދި އެގްޒެޓިވް ވައިސް ޕްރެޒިޑެންޓެވެ. އަދި އެކްތާ ކަޕޫރުގެ އެންމެ ގާތް އެކަކީ ވެސް ރުޗިކާ އެވެ.

ކްރިއޭޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ވަރަށް ގިނަ ފިލްމުތަކެއްގައި ރުޗިކާ މަސައްކަތް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ކަރީނާ ކަޕޫރާއި ސޯނަމް ކަޕޫރުގެ "ވީރޭ ދީ ވެޑިން" އާއި "ލައިލާ މަޖްނޫން" ހިމެނެ އެވެ.
އަދި ކަންގަނާ ރަނާވަތު އާއި ރާޖްކުމާރު ރާއޯގެ "މެންޓަލް ހޭ ކިޔާ"، "ޖަބްރިޔާ ޖޯޅީ"، "ޑްރީމް ގާލް" ފަދަ ފިލްމުތަކަކީ ވެސް ރުޗިކާ ކްރިއޭޓިވް ޕްރޮޑއުސަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާ ފިލްމުތަކެވެ.

ޚުދް ޝަހީރް ކުލެފައިވާ ގިނަ ސީރިއަލް ތަކެއްގެ ވެސް ކްރިއޭޓިވް ޕްރޮޑިއުސަރަކީ ރުޗިކާ އެވެ. އޭގެ ތެރޭގައި "ކުޗް ރަންގް ޕިޔާރް ކޭ އޭސޭ ބީ" އާއި އެންމެ ފަހުން އޭނާ ކުޅުނު ސިލްސިލާ "ޔޭ ރިޝްތޭ ހޭ ޕިޔާރް ކޭ" ހިމެނެ އެވެ.
ޝަހީރް އާއި ރުޗިކާ ބައްދަލުވީ "މެންޓަލް ހޭ ކިޔާ"ގެ ސެޓުންނެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ ދެމީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނެވެ.

ޝަހީރް އާއި އޭނާގެ "ކުޗް ރަންގް ޕިޔާރް ކޭ އޭސީ ބީ" ކޯސްޓާ އެރިކާ ފެނާންޑިސްގެ ލޯބިގެ ވާހަކަތަކެއް ވެސް އެ ސިލްސިލާ ކުރިޔަށް ދިޔައިރު ވަރަށް ބާރަށް ދެކެވުނެވެ. ނަމަވެސް ރުޗިކާ އާ ބައްދަލުވުމަށްފަހު އެރިކާ އާއި ޝަހީރްގެ ގުޅުން ކެނޑުނީ އެވެ.