އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އޯހައިއޯގެ މީހެއް ކަމަށްވާ ޖޯ ޑިއަމްބްރޯސިއޯ 20 އަހަރު ޖަލުގައި ހޭދަ ކޮށްފައި ވެއެވެ. އަދި އެއީ އޭނާގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމެއް ތަންފީޒު ނުކުރެވި ދިޔަ މުއްދަތެކެވެ. އެއް އިރެއްގައި ހަމަ ދެންމެ ދެންމެ އޭނާއަށް މަރުގެ ހުކުމް ތަންފީޒު ކޮށްފާނެ ހެން ހީވެ ދުވަސްތަކެއް ވެސް ދިޔަ އެވެ. އެ ފަހަރު އޭނާއަށް މަރުގެ ހުކުމް ތަންފީޒު ކުރަން އެންމެ ދުވަހަށް ވެފައި އެކަން ހުއްޓުނެވެ.
މަރުގެ ހުކުމް ކޮށްފައިވާ އެހެން މީހުންނާއި ޖޯގެ ތަފާތަކީ އޭނާއަށް ކޮށްފައި ވަނީ އޭނާ ނުކުރާ ކުށެއްގެ ހުކުމް ކަމަށް ވާތީ އެވެ. ޖޯ އަކީ ކުށެއް ނެތް މީހަކަށް ވާތީ އެވެ.
މި ހާދިސާ ހިނގި ގޮތް ޖޯ ކިޔައިދީފައި ވަނީ ސީއެންއެން އިން ދެއްކި ޕްރޮގްރާމެއްގައި ބައިވެރިވެ އެވެ. ޖޯ ކިޔައިދިން ގޮތުގައި އޭނާ 20 އަހަރު ޖަލުގައި ހޭދަކުރީ 1988 ގައި ޓޯނީ ކްލެން ކިޔާ 19 އަހަރުގެ ޒުވާނަކު މަރާލި ކަމުގެ ކުށުގަ އެވެ. މި ޒުވާނާގެ ހަށިގަނޑު ފެނުނީ ކްލީވްލޭންޑްގެ ކިޔާ ހިސާބަކުންނެވެ. މަރާލި މީހާ އޮތް ހިސާބާ ކައިރީގައި ޖޯ އުޅުނުކަމުގެ އެއްވެސް ހެއްކެއް ނެތެވެ. ނަމަވެސް ޖޯ އާއި އިތުރު ދެ މީހުން ކަމަށްވާ މައިކަލް ކީނަން އާއި އެޑް އެސްޕިންޒޯ ހައްޔަރުކޮށް އެމީހުންނަށް ދައުވާކޮށް ކުށް ސާބިތުވީ ކަމަށް ނިންމައި ހުކުމް ކުރީ އެވެ.
ޖޯގެ މައްޗަށް ކުށް ސާބިތުކުރީ އޭނާއާއެކު ހައްޔަރުކުރި އެސްޕިންޒޯގެ ހެކިބަހަށެވެ. ޖޯ އާއި ކީނަން އާ ދެކޮޅަށް ހެކިބަސް ދިނީ އެސްޕިންޒޯ އެވެ. އޭނާއަށް ވެސް ކުރަން އޮތް މަރުގެ ހުކުމް 12 އަހަރުގެ ޖަލު ހުކުމަކަށް ބަދަލު ކޮށްދޭ މަތިންނެވެ.
ޖޯގެ މައްޗަށް ދައުވާ ކޮށް ޝަރީއަތް ނިންމާލަން ނެގީ އެންމެ ތިން ދުވަހެވެ. މިއީ އޯހިއޯގެ ތާރީހުގައި ވެސް ކުރި އެންމެ ކުރު ޝަރީއަތެވެ. އެސްޕިންޒޯގެ ހެކިބަހަށް ޖޯ އާއި ކީނަންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި މަރަން ހުކުމް ކުރީ އެވެ.
ޖޯ އަށް ސަލާމަތްވާނެ ފުރުސަތު ލިބުނީ ޖަލަށް ޒިޔާރަތްކުރި ނީލް ކޫކޫތީ ކިޔާ މީހެއްގެ ފަރާތުންނެވެ. އެއީ ކުރީގެ ގާނޫނީ ވަކީލެކެވެ. އަދި ނަރުހެކެވެ. އޭނާ ޖަލަށް ދިޔައީ ޖަލުގައި ހުރި އެހެން މީހަކާ ބައްދަލު ކުރާށެވެ. ޖޯގެ ކުށެއް ނެތްކަން އެ ދުވަހު އެމީހާއަށް އެނގުމުން އޭނާ ސަލާމަތްކޮށް ދިނުމުގެ މަސައްކަތް ފެށި އެވެ.
ގާނޫނީ ވަކީލު ނީލް ގަބޫލުކުރި ގޮތުގައި މީހެއްގެ މައްޗަށް ކުށް ސާބިތުވެ މަރުގެ ނިޔާއެއް ކަނޑައެޅުމަށް ދެ ތިން ދުވަހުގެ މުއްދަތަކީ މާ ކުޑަ މުއްދަތެކެވެ. އެހެންވެ އޭނާ ޖޯގެ ކޭސް މަޑުމަޑުން ކޮންނަން ފެށީ އެވެ. މި ހޯދި ހޯދުންތަކުން އޭރު އެ ސަރަހައްދުގެ ޕްރޮސެކިއުޓަރުންނަށް ތިބި މީހުން އެ މައްސަލައިގެ ވަރަށް މުހިއްމު ހެކިތަކެއް ފޮރުވާފައި ހުރިކަން ޔަގީން ކުރެވުނެވެ. އެ ހެކިތަކަކީ ޖޯ އަށް މަރުގެ ހުކުމުން އަދި އެ ދައުވާ އިން މުޅިން ސަލާމަތް ވެވޭ ވަރުގެ ހެކި ތަކެކެވެ.
ނީލް ބުނި ގޮތުގައި މަރުގެ ނިޔާ ކަނޑައަޅާ މައްސަލަތަކުގައި 15 ވޮލިއުމުގެ ލިޔެކިޔުން އާއްމު ގޮތެއްގައި ހުންނާނެ އެވެ. އަދި އެންމެ މަދުވެގެން ހަތަރު ހަފުތާ އާއި ހަ ހަފުތާގެ މުއްދަތެއް އެ ފަދަ ހުކުމެއް ކުރަން ނަގާނެ އެވެ.
"އެހެންވެ ޖޯ އަހަރެން ކައިރީގައި އޭނާގެ ޝަރީއަތަށް ނެގީ އެންމެ ދެ ތިން ދުވަސް ކަމަށާއި ހުށަހެޅީ އެންމެ ވޮލިއަމެއްގެ ލިޔެކިޔުން ކަމަށް ބުނުމުން އަހަރެން ހައިރާން ވެގެން ގޮސް ބުނާނެ އެއްޗެއް ވެސް ނޭނގުނު. ސަބަބަކީ ތާރީހުގައި ވެސް މިފަދަ ބޮޑު ހުކުމެއް މިހާ ކުރު މުއްދަތެއްގައި ކޮށްފައި ނުވާތީ،" ނީލް ބުންޏެވެ.
ދެން ނީލް ބެލީ އެސްޕިންޒޯ ދީފައިވާ ބަޔާނެވެ. އޭގައި ބުނެފައިވަނީ ކްލެން މަރާލި ރޭ އޭނާގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ފުންކޮށް ޒަޚަމްކޮށްލުމުން އޭނާ ހަޅޭއްލަވަމުން އެހީއަށް އެދެމުން ދުވެފައި ދިޔަ ކަމަށެވެ.
"އެ ހިސާބުން އަހަންނަށް އެނގިއްޖެ އެސްޕިންޒޯ ހަދާފައިވަނީ ދޮގުކަން. ސަބަބަކީ ކަރު އެހާ ބޮޑަށް ކަފާލާފައިވާ މީހަކަށް ހަޅޭއް ނުލެވޭނެކަން ޔަގީންވާތީ. ކްރިޓިކަލް ކެއާ ނަރުހެއްގެ ގޮތުގައި ކަރަށް ހޮޅި ގުޅާފައި ތިބޭ ބަލި މީހުންނަށް ޚިދުމަތް ކުރުމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާތީ އަހަންނަށް އެކަން ވަރަށް ރަނގަޅަށް އެނގޭ،" މި ކަމާ ގުޅޭ މައުލޫމާތު ދެމުން ސީއެންއެން އަށް ދީފައިވާ އިންޓަވިއު އެއްގައި ނީލް ބުންޏެވެ.
ނީލްގެ އެހީތެރިކަމާއެކު މައްސަލަ އަލުން ކޯޓުގައި ބެލުމަށްފަހު ޖޯގެ ކުށެއް ނެތް ކަމަށް ސާބިތުވެ އޭނާ ޖަލުން މިނިވަން ވީއެވެ. ޖޯ އަކީ އެމެރިކާގައި މަރުގެ ހުކުމް އިއްވައި ޖަލަށް ލާފައި ތިބި މީހުންގެ ތެރެއިން 1973 ގެ ފަހުން މިގޮތަށް ކުށެއް ނެތްކަން ސާބިތުވެ ޖަލުން ސަލާމަތްވި 140 ވަނަ މީހާ އެވެ.