ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވާތާ އަހަރު ދުވަސް ވުމާއި ދިމާކޮށް މުޅި ރާއްޖޭގައި މިއަދު މުޒާހަރާކޮށްފި އެވެ. މާލެ ސަރަހައްދުގައި މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ ކަނޑުމަތީއެވެ.
މިއަދު ހަވީރު ފެށި މުޒާހަރާ ކުރިއަށް ދިޔައީ މާފުށީ ބޭރު ކަނޑުމަތީއެވެ. އެ ސަރަހައްދުގައި މުޒާހަރާ ކޮށްފައިވާއިރު ރައީސް ޔާމީން މިވަގުތު ބަންދުކޮށްފައިވަނީ މާފުށީ ޖަލުގައެވެ.
މުދާ އުފުލާ ތިން ދޯނީގައި މުޒާހަރާގެ ބައިވެރިން ތިބިއިރު މުޒާހަރާގެ ބައިވެރިން ގެންދިޔައީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އަޑުއުފުލަމުންނެވެ.
މި މުޒާހަރާގައި އިދިކޮޅު ލީޑް ކުރައްވާ ހުރިހާ ބޭފުޅުންހެން ބައިވެރިވިއެވެ. އަދި ޕީޕީއެމް އާއި ޕީއެންސީގެ މަޖިލިސް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މުޒާހަރާގެ ބައިވެރިންނާއި މުހާތަބުކޮށް ލީޑާޝިޕްގެ އިސްވެރިން ވަނީ ވާހަކަ ދައްކަވާފައެވެ. އެ ބޭފުޅުން ވަނީ ރައީސް ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެ ދެ ބޭފުޅުން މިއަދު ކުރައްވާ ކަންކަމާ ވަރަށް އަވަހަށް ބައްދަލުކުރަން ޖެހޭނެ ކަމަށް ވިދާޅުވެ އިންޒާރު ކުރެއްވިއެވެ.
ޕީޕީއެމް ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް މިއަދު މުޒާހަރާ ކުރިއަށް ދިޔަ ކަމަށެވެ. އެ މުޒާހަރާތައް ކުރިއަށް ދިޔައީ ރައީސް ޔާމީން މިނިވަން ކުރުމާއި އެމަނިކުފާނާމެދު ތަފާތު ޝުއޫރުތައް ލިޔެފައިވާ ބެނޭތަކާއި ރައީސް ޔާމީންގެ ފޮޓޯފުޅުތައް ހިފައިގެންނެވެ. އަދި އެ ސަރުކާރުގައި ހިންގި ތަރައްގީގެ އެކި މަޝްރޫއުތައް ފެންނަ ފޮޓޯތަކާއެކުއެވެ.
އިދިކޮޅު ދެ ޕާޓީން ވަނީ މީގެ ކުރިންވެސް ކަނޑުމަތީ މުޒާހަރާކޮށްފައެވެ. އެ ފަހަރުވެސް މުޒަހަރާކޮށްފައިވަނީ މާފުށީ ބޭރުން ކަނޑުމަތީއެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގަ އެވެ.