ހަބަރު

ކަރަންޓީނާއި ހިލާފުވި 15 ފަޅުވެރިއަކު ހައްޔަރުކޮށްފި

ކަރަންޓީންގެ އުސޫލާއި ހިލާފުވި 15 ފަޅުވެރިއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުންގެ ރައްކާތެރިކަމަށްޓަަކައި އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވި ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ ދ. ކުޑަހުވަދޫ ދިރުން ދޯނީގެ ފަޅުވެރިން ކަރަންޓީންވުމަށް އަންގާފައިވަނިކޮށް ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދައެއް ނެގުމަކާއި ނުލައި އެ ދޯނީގެ ފަޅުވެރިން ކަރަންޓީން ވުމަށް އެންގި އެންގުމާއި ހިލާފަށް ކުޑަހުވަދޫއިން ފުރައިގެން ގޮސްފައިވާ މައްސަލަ އެ ރަށު އީއޯސީއިން އިއްޔެ ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ދިރުން ދޯނީގެ 15 ފަޅުވެރިން ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުން ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އެ މީހުންގެ މައްސަލަ ތަހުގީގު ކުރަމުންދާއިރު އެ މީހުންގެ ބަންދަށް ދެ ހަފްތާގެ މުއްދަތު ކޯޓުން ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.