ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބިދޭސީންތަކެއް ހަމަނުޖެހުން ހިންގީ ގައިޑްލައިނަށް އަމަލު ކުރަން އެންގުމުން

މާލެ އަތޮޅު ރަށްފަޅު ހުރާގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގީ ކޮވިޑް-19 އާ ގުޅިގެން އެ ރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް މެނޭޖްމަންޓުން ކުރި މަސައްކަތާމެދު ހިތްހަމަނުޖެހުނު ބައެއް ކަމަށް ފުލުހުން ބުނެފި އެވެ.

ރަށްފަޅު ހުރާއަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށެކެވެ. ރަށްފަޅު ހުރާ، ހިއްކައިގެން ރިސޯޓް ތަރައްގީ ކުރަމުންދަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ރިސޯޓު ބްރޭންޑް ކަމަށްވާ "ދަ ރިޓްޒް ކާލްޓަން" އިންނެވެ. ރަށްފަޅު ހުރާ ހިއްކައިގެން ހަތަރު ރަށެއް ތަރައްގީ ކުރަމުންދާއިރު އެ ރަށްރަށުގައި 2،000 ވުރެ ގިނަ މުވައްޒިފުން މަސައްކަތް ކުރަމުން ދެއެވެ. ކޮވިޑްގެ އެންމެ ބޮޑު ކްލަސްޓާއެއް މިހާރު އޮތީ އެ ރަށުގައެވެ. އެ ރަށުގެ 200އެއްހާ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ފުލުހުން ބުނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށްފަޅު ހުރާ ހަތަރެއްގައި މަސައްކަތް ކުރާ ބިދޭސީންތަކެއްގެ މެދުގައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. އެ ހަމަނުޖެހުން ފުލުހުން ގޮސް ހައްލުކޮށްފައިވާ ކަމަށާ އެ ހަމަނުޖެހުމުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

ފުލުހުން ބުނީ ހަމަނުޖެހުން ހިންގާފައިވަނީ ކޮވިޑް-19 އާ ގުޅިގެން އެ ރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް މެނޭޖްމަންޓުން މުވައްޒިފުންނަށް ވަކި އުސޫލުތަކެއްގެ މަތިން ކަންކަން ކުރުމަށް އަންގާފައިވާތީ އެކަމާއިމެދު ހިތްހަމަ ނުޖެހިގެންކަން މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ރަށްފަޅު ހުރާއިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވުމުން އެޗްއީއޯސީގެ ޓީމެއް ރަށްފަޅު ހުރާގެ ހަތަރު ރަށައް ދަތުރުކޮށް އެސެސްމަންޓެއް ވަނީ ހަދާފައެވެ.