ލައިފްސްޓައިލް

ދެ އަވަށުގެ އިސް ވެރިޔަކީ އެހީއަށް ބޭނުންވާ އަންހެނެއް

ކަވީތާ ބޮންޑްވޭ އަކީ އިންޑިޔާގެ ޓިންޑޯރީ ޓަލުކާ އާއި ނާޝިކް ޑިސޓްރިކްޓްގެ ދެ އަވަށެއްގެ ސަރްޕަންޗް (ކަތީބު) އެވެ. އުމުރުން 34 އަހަރުގެ ކަވީތާއަކީ ޚާއްސައެހީއަށް ބޭނުންވާ މީހެކެވެ. ނަމަވެސް ދަނޑިގަނޑު ޖަހައިގެން ވަރަށް ހާލުގައި ހިނގާބިނގާވެ އުޅެވުނަސް ކަވީތާގެ ހިންގުމުގެ ގާބިލްކަން ވަރަށް ރަނގަޅެވެ. ހަށިގަނޑުގައި ނުކުޅެދުމެއް ހުރުމަކީ އެހެން މީހުންނަށް ޚިދުމަތް ނުކުރެވެންވީ ސަބަބެއް ކަމަކަށް ކަވީތާ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެ އެވެ.

ދެ އަވަށުގެ އެންމެ އިސް މީހާގެ ގޮތުގައި ކަވީތާ މަސައްކަތް ކުރާތާ މިހާރު ނުވަ އަހަރު ވެއްޖެ އެވެ. އާއްމުކޮށް އަވަށްތަކުގެ ވެރިންނަށް ނުކޮށްދެވޭ ވަރުގެ ގިނަ ކަންތައްތަކެއް ކަވީތާ މި މަގާމާ ހަވާލުވި ފަހުން އޭނާ ވަނީ ކޮށްދީފަ އެވެ.
ދެ އަވަށުގެ މަގުތައް ހެދުމާއި، ސާފު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުން، ފަދަ ގިނަ ކަންތައްތަކެއް ވަރަށް ފަގީރުން ގިނަ މި ދެ އަވަށަށް އޭނާ ވަނީ ކޮށްދީފަ އެވެ.

ކަވީތާއަށް ސަރްޕަންޗްކަން ލިބުނީ އުމުރުނ 25 އަހަރުގަ އެވެ. ފަސް އަހަރުގެ ފުރަތަމަ ޓާމް ފުރިހަމަ ކުރުމަށްފަހު ދެ ވަނަ ފަހަރަށް ވެސް ރައްޔިތުންގެ ވޯޓުން އޭނާ ވަނީ މަގާމަށް ހޮވިފަ އެވެ. ނަމަވެސް މި މަގާމަށް އޭނާ ހޮވުމަށް އަދި ދެމިހުރުމަށް ކަވީތާއަށް ގިނަ ގުނަ މަސައްކަތް ކުރަން ޖެހުނެވެ. ސޯޝަލް ޕްރެޝަރު އިންތިހާއަށް އޭނާއަށް ކުރިމަތިލާން ޖެހުނެވެ. އޭނާ އަކީ އަންހެނަކަށް ވެސް ނުކުޅެދުންތެރިކަމެއް ތަހައްމަލުކުރާ މީހަކަށް ވާތީ އެކަމުގެ މަލާމާތާއި ފުރައްސާރަ އާ ވެސް ކުރިމަތިވި އެވެ.

"އަހަރެންގެ ހަށިގަނޑުގައި ހުރި ނުކުޅެދުންތެރިކަމަށް މީހުން ވަރަށް މަލާމާތް ކުރޭ. އަހަރެންނަށް އަމިއްލަ ހާލައިގެން ނޫޅެވޭއިރު ދެ ވަށުގެ އެންމެންނަށް ކަންކަން ކޮށްދޭނީ ކިހިނެއްހޭ އެފަދަ މީހުން އަހަންނާ ދިމާލަށް ބުނޭ. އަހަރެން އެމީހުން ދައްކާ ވާހަކައަކަށް ސަމާލުކަމެއް ނުދެން. އަހަރެންގެ އާއިލާގެ ފުރިހަމަ ސަޕޯޓް އަހަންނަށް އޮތީމަ. އަހަރެންގެ ބޭބެ އާއި ބައްޕަ ކޮންމެ ދުވަހަކު އަހަރެން އޮފީހަށް ގެންގޮސް ގެނެސްދީ ހަދާނެ. އުމުރުން 25 އަހަރުގައި އަހަރެންނަށް ސަރްޕަންޗްކަން ލިބުމަކީ ބައެއް މީހުންނަށް އެއްގޮތަކަށް ވެސް ބަލައިގަނެވޭ ކަމަކަށް ނުވި،" އޭއެންއައި އަށް ދިން އިންޓަވިއު އެއްގައި ކަވީނާ ބުނެފައި ވެއެވެ.

ހިނގާބިނގާވެ އުޅުމުގައި ކިތަންމެ ބޮޑު ދަތިކަމެއް ހުއްޓަސް ކަވީތާ ވަނީ އޭނާ ބަލަހައްޓާ ދެ އަވަށަށް ވަރަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ގެނެސް ދެ އަވަށުގެ ރައްޔިތުންނަށް ވަރަށް ރަނގަޅު ޚިދުމަތެއް ދީފަ އެވެ. އަދި ގަވާއިދާ ޚިލާފަށް އެ ހިސާބުކުރަމުންދިޔަ ވަރަށް ގިނަ ކަންތައްތަކެއް ހުއްޓުވާފައި ވެއެވެ.

ކަވީތާއަށް ޕަންޗާޔަތުކަމަށް ކުރިމަތިލައި އެ މަގާމަށް ހޮވުމުގައި އެންމެ އިސް ދައުރެއް ކުޅުނީ އޭނާގެ ބައްޕަ އެވެ. ވޯޓު ލައިގެން އޭނާ ހޮވުނި ބައްޕަގެ މިންނަތް މަސައްކަތާއި ހިތްވަރު ދިނުމުން ކަމަށް ކަވީތާ ބުންޏެވެ.

ކަވީތާގެ ބައްޕަ އަކީ ވެސް 15 އަހަރު ޕަންޗާޔަތުކަން ކޮށްފައިވާ މީހެކެވެ. އޭނާއަށް މަގާމުގައި ދެމި ހުރުމަށް އެޅުނު އެންމެ ބޮޑު ހުރަހަކަށްވީ ތައުލީމު ނެތުމެވެ. އެހެންވެ ކަވީތާ އަށް ކިޔަވައިދީ ރަނގަޅު ތައުލީމެއް ހޯދާ ދިނުމަށްފަހު އޭނާއަށް ޕަންޗާޔަތުކަން ހޯދާދޭން މަސައްކަތް ކުރީ އެވެ. އަދި 2011 ގައި ޕަންޗާޔަތުގެ މަގާމަށް ވާދަކުރުމަށް އިރުޝާދު ދިނީ އެވެ.
ކަވީތާގެ ތައުލީމާއި އެހެން މީހުން ގޮވައިގެން މަސައްކަތްކުރުމުގައި އޭނާގެ ހުރި ކުޅަދާނަކަމުގެ ސަބަބުން ފާއިތުވީ ދުވަސްތަކުގައި އެ ދެ އަވަށަށް ވަރަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާ ކަމަށް ދެ އަވަށުގެ މީހުން ވެސް ގަބޫލު ކުރެ އެވެ. ދެ ވަނަ ދައުރަކަށް ވޯޓުން އޭނާ ހޮވުނީ އެހެންވެ އެވެ.