ލައިފްސްޓައިލް

ބިހާރުގެ ޖަލެއްގައި އޭޓީއެމް ބަހައްޓަނީ

ޖަލުތަކުގައި އޭޓީއެމް ބެހެއްޓުމަކީ އާއްމުކޮށް ކޮށް އުޅޭ ކަމެއް ނޫނެވެ. ނަމަވެސް އިންޑިޔާގެ ބިހާރުގައި ހުންނަ ޕުރްނިއާ ސެންޓްރަލް ޖަލުގައި މިހާރު ވަނީ އޭޓީއެމް އެއް ބަހައްޓަން ނިންމާފަ އެވެ. ޖަލުގައި ތިބޭ މީހުން ކޮންމެ ދުވަހަކު ބޭނުންވާ އެއްޗެތި ގަންނަން މި އޭޓީއެމް ތަކުން ފައިސާ ނެގޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ޖަލުގެ އޮފިޝަލުންނާ ހަވާލާދީ އިންޑިޔާގެ ނޫހަކުން ބުނެފައި ވެއެވެ.

ޖަލުގެ އޮފިޝަލުން ބުނީ އޭޓީއެމް ބަހައްޓަން ޖެހުނީ ޖަލު މީހުންނަށް ފައިސާ ހިފައިގެން އައިސް ތިބޭ އެމީހުންގެ އެކުވެރިންނާއި އާއިލާގެ މީހުން ޖަލުގެ ބޭރުގައި ގިނަ ވަގުތު ކިއުގައި ތިބެން ޖެހޭތީ އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.

ޖަލުގެ ސުޕްރިންޓެންޑެންޓް ބުނީ އޭޓީއެމް އެއް ބަހައްޓައި ދިނުމަށް އެދި އެސްބީއައި އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ދެ ހަފުތާއެއް ތެރޭ އެ މެޝިން ބެހެއްޓޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އެ ޖަލުގައި މި ވަގުތު ތިބި 750 ގައިދީންގެ ތެރެއިން 600 ވަރަކަށް މީހުންގެ ބޭންކް އެކައުންޓްތައް ތަފާތު ބެންކްތަކުގައި ހުޅުވާފައި ވެއެވެ. އަދި 400 އަށް ވުރެ ގިނަ މީހުންގެ އަތުގައި ކާޑު އޮވެ އެވެ. ކާޑު ނެތް މީހުންނަށް ވެސް ކާޑު ހައްދައިދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ސުޕްރިނެޓެންޑެންޓް ވަނީ ބުނެފަ އެވެ.

ސުޕްރިންޓެންޑެންޓް ބުނި ގޮތުގައި ގައިދީންނަށް ކާޑު ބޭނުންކޮށްގެން ޖަލުން ގަންނަން ޖެހޭ ސައިބޯންޏާއި ދަތް އުނގުޅާ ބޭހާއި ބޮލުގައި ލާ ތެޔޮ ފަދަ އާއްމުކޮށް ބޭނުންކުރާ ތަކެތި ގަނެވޭނެ ކަމަށެވެ. އޭރުން ޖަލުގައި ތިބޭ މީހުންނަށް ފައިސާ ހިފައިގެން އާއިލާގެ މީހުންނަށް ޖަލު ކައިރިއަށް ނައިސް ފަރުޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޖަލުގައި ތިބޭ މީހުންނަށް ހަދާފައިވާ ގަވާއިދުތައް ބުނާ ގޮތުން އެމީހުންގެ އަތުގައި 500 ރުޕީސް އަށް ވުރެ ގިނަ ނޫން އަދަދެއްގެ ފައިސާ ބެހެއްޓޭނެ އެވެ. އަދި ޖަލުގައި ކުރާ މަސައްކަތަށް ޖެނުއަރީ 2019 އަށް އެ މީހުންނަށް ދޭ އުޖޫރަ ދީފައިވަނީ ޗެކުންނެވެ. ނަމަވެސް ދެން އެ ފައިސާ ޖަމާ ވާނީ އެމީހުންގެ ބޭންކް އެކައުންޓަށް ކަމަށް ސުޕްރިންޓެންޑެންޓް ބުނެފައި ވެއެވެ.

އިންޑިޔާގެ ޖަލެއްގައި އޭޓީއެމް މި ބަހައްޓަނީ އަލަކަށް ނޫނެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ނާގްޕޫރު ސެންޓްރަލް ޖަލުގައި ވެސް އޭޓީއެމް ބަހައްޓާފައި ވެއެވެ. މިއީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރި ކަމެކެވެ. މަހަރަޝްތުރާގެ ނުވަ ޖަލުގެ ތެރެއިން އެންމެ ގިނައިން މީހުން ތިބި ޖަލުތަކުގައި މި ޕްރޮޖެކްޓް ހިންގަން މިހާރު ވަނީ ނިންމާފަ އެވެ.