ރިޕޯޓް

ރާ ވިއްކޭނެ މަގު ހޯދަނީ ކީއްކުރަން؟

މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ހާއްސަކޮށް ހަދާފައި ހުންނަ ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ރާ ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަން ޖެހޭ ކަމަށް ބުނެ އެކަމުގެ އަޑު ރައްޔިތުންގެ މަޖިލީހުގައި ވަނީ ގަދަކޮށްލާފައެވެ. މިއީ މަޖިލީހުގައި މި ބަހުސް މިގޮތަށް ފުޅާކޮށްލި ފުރަތަަމަ ފަހަރު ނަމަވެސް މީގެ ކުރިން ސަރުކާރުން ވަނީ މާލޭގައި ހިންގާ ހޮޓަލަކަށް ރާ ވިއްކުމުގެ ހުއްދަ ދިނުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެކަމާއި ގުޅޭ ދެ އިއުލާނެއް ރައީސް ނަޝީދުގެ ސަރުކާރުގައި ޓްރޭޑް މިނިސްޓްރީން ގެޒެޓްވެސް ކުރިއެވެ. ނަމަވެސް ރައްޔިތުންގެ ރުޅިވެރި ބަސްތަކާއި ދެކޮޅު ހެދުމުގެ ސަބަބުން އެ ދެ ފަހަރުވެސް އިއުލާނު ނަގަން ޖެހުނީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ފަހުން މި ބަހުސް ފެއްޓެވީ ރަށު ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާކޮށްފައިވާ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިއާނެވެ. ޓުއަރިޒަމްގެ ގާނޫނަށް އިސްލާހުގެ ގެނައުމަށް ސަރުކާރުން ހުށައެޅި ބިލްގެ ކޮމެޓީ މަރުހަލާގައި ވާހަކަދައްކަވަމުން ޝިޔާން ވަނީ ރިސޯޓްތަކަށް އަންނަ ފަތުރުވެރިންނަށް ރާ ވިއްކުމުގެ ހުއްދަ އޮންނައިރު ރަށްރަށުގައި ހިންގަމުންދާ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ރާ ވިއްކުމުގެ ހުއްދަ ނޯންނަ ކަމަށް ވިދާޅުވެފައެވެ. އަދި ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން އެކަން ކުރަން ބޭނުންނަމަ ދާންޖެހެނީ ދުރުގައި ހުންނަ ރިސޯޓްތަކަށް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރިއެވެ.

އޭނާ ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށްވެސް އެރަށުން ބޭރުގައި ފަޅުތެރޭގައި ނުވަތަ ވިލުގައި ނޫންނަމަ ކަނޑުތެރޭގައިވެސް އެ ހިދުމަތް ދެވޭނެ އިންތިޒާމެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

"ލޯކަލް ޓޫރިޒަމް މިހާ ބޮޑަށް ފެތުރިގެންދާއިރުގައި އަޅުގަނޑުމެން ސަރަހައްދުގައި ވަރަށް ގިނަ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެއް އެއީ ރިސޯޓްތަކުގައި މި އަންނަ ފަތުވެރިންނަށް އެބަ ލިބޭ ރާ ވިއްކުމުގެ ހުއްދައާ މިކަންކަން އެބަ ލިބޭ. އެހެންވީމަ މީހުން ދިރިއުޅޭ ރަށްރަށުގައިވެސް ރަށުން ބޭރުގައިވިޔަސް އެ ފެސިލިޓީ ގާއިމް ކުރެވޭނެ ގޮތް ފަޅުތެރޭގައިވިޔަސް އަދި ވިލެއްގައި ވިޔަސް ކަނޑުތެރޭގައިވިޔަސް އެ ހިދުމަތް ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށައް އަންނަ ފަތުރުވެރިންނަށް އެ ރަށުން ބޭރުގައި އެކަން ކުރެވޭނެ އިންތިޒާމެއް އެބަ އޮންނަން ޖެހޭ،" މުޅި މަޖިލީހުގެ ކޮމެޓީގައި ވާހަކަދައްކަމުން ޝިޔާން ވިދާޅުވިއެވެ.

ޝިއާންގެ މި ވާހަކަތައް މީޑިއާތަކުން ގެނެސް ދިނުމުން ރައްޔިތުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން އޭނާ ވަނީ އޭނާ ދެއްކެވި ވާހަކަތައް އޮޅުވާލީ ކަމަށާ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާ އޭނާ ދެކޮޅު ކަމަށެވެ. އަދި އިއްޔެގެ މަޖިލީހުގައިވެސް އެ ވާހަކަ ތަކުރާރު ކުރައްވާ އެންމެ ފަހުން މައާފަށްވެސް އެދިވަޑައިގެންނެވިއެވެ.

ލޯކަލް ޓޫރިޒަމް މިހާ ބޮޑަށް ފެތުރިގެންދާއިރުގައި އަޅުގަނޑުމެން ސަރަހައްދުގައި ވަރަށް ގިނަ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެއް އެއީ ރިސޯޓްތަކުގައި މި އަންނަ ފަތުވެރިންނަށް އެބަ ލިބޭ ރާ ވިއްކުމުގެ ހުއްދައާ މިކަންކަން އެބަ ލިބޭ. އެހެންވީމަ މީހުން ދިރިއުޅޭ ރަށްރަށުގައިވެސް ރަށުން ބޭރުގައިވިޔަސް އެ ފެސިލިޓީ ގާއިމް ކުރެވޭނެ ގޮތް ފަޅުތެރޭގައިވިޔަސް އަދި ވިލެއްގައި ވިޔަސް ކަނޑުތެރޭގައިވިޔަސް އެ ހިދުމަތް ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށައް އަންނަ ފަތުރުވެރިންނަށް އެ ރަށުން ބޭރުގައި އެކަން ކުރެވޭނެ އިންތިޒާމެއް އެބަ އޮންނަން ޖެހޭ
ހަސަން ޝިޔާމް | ތޮއްޑޫ ދާއިރާގެ މެންބަރު

އެ ބަހުސް މަރުވިޔަ ނުދީ އަލުން ފެއްޓެވީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ. އޭނާގެ ވާހަކަތައް މިފަހަރު ކުރީން އައި ވާހަކަތަކަށް ވުރެ ތިލަކޮށް ލެއްވިއެވެ. އަދި ލޯކަލް ޓޫރިޒަމް އިތުރަށް ތަރައްގީ ކުރުމަށްޓަކައި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތެއް ހޯދައިދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"މިއަދު މި ސުވާލު އުފެދެނީ ރަށްރަށުގައި ރާ ވިއްކަން ހުއްދަ ދިނީމާ، ދެން ވާނީ ކިހިނެއްތޯ؟ މި ވާހަކަ އަޅުގަނޑުމެން އެބަ ދައްކަންޖެހޭ. މިކަން ކުރެވޭނެ ގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ،"

ދެން ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރި ފެށުމުން ރައްޔިތުން ކާފަރު ނުވި ކަމަށެވެ. އަދި ދިވެހިންގެ އަގީދާއަކީ ބަލިކަށި އަގީދާއެއް ނޫން ކަމަށާ ރާއްޖެ ތަރައްގީކޮށް ކުރިއަށް ގެންދަން ޒަމާނާ އެއްގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި ކޮންމެ ކަމެއްވެސް ކުރެވޭނެ ގޮތެއް އޮންނާނެ ކަމަށެވެ.

"ރަށްރަށުގައި ގެސްޓުހައުސް ވިޔަފާރި ފެށިގެން ދިޔައީމަ، އެ ރަށްތަކުގެ ރައްޔިތުން ކާފަރު ވެގެންނެއް ނުދޭ. އެ ރަށްރަށުގެ ރައްޔިތުން އެ ވިޔަފާރިއާ އެކީގައި ދިރިއުޅެން އެ ދަނީ ދަސް ކުރަމުން. ކޮންމެ ކަމެއްވެސް ކުރެވޭނެ ގޮތެއް އޮންނާނެ. އެ ގޮތް އަޅުގަނޑުމެން ހޯދަން މި ޖެހެނީ. އަޅުގަނޑުމެން އެ ގޮތް ހޯދައިގެން މި ރާއްޖެ ކުރިއަށް ގެންދަން އަޅުގަނޑުމެން މި ޖެހެނީ،"

މިއަދު މި ސުވާލު އުފެދެނީ ރަށްރަށުގައި ރާ ވިއްކަން ހުއްދަ ދިނީމާ، ދެން ވާނީ ކިހިނެއްތޯ؟ މި ވާހަކަ އަޅުގަނޑުމެން އެބަ ދައްކަންޖެހޭ. މިކަން ކުރެވޭނެ ގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. ކޮންމެ ކަމެއްވެސް ކުރެވޭނެ ގޮތެއް އޮންނާނެ. އެ ގޮތް އަޅުގަނޑުމެން ހޯދަން މި ޖެހެނީ. އަޅުގަނޑުމެން އެ ގޮތް ހޯދައިގެން މި ރާއްޖެ ކުރިއަށް ގެންދަން އަޅުގަނޑުމެން މި ޖެހެނީ
އަބްދުﷲ ޝަހީމް އަބްދުލްހަކީމް | ކަނޑިތީމު ދާއިރާގެ މެންބަރު

ދެ މެންބަރުންގެ މި ވާހަކަތަކާއެކު ރައްޔިތުން ތިބީ ވަރަށް ބޮޑަށް ރުޅިގަދަ ވެފައެވެ. އަދި މިއީ ވަކި މަގުސަދެއްގައި ދައްކަމުންދާ ހީލަތްތެރި ވާހަކަތަކެއް ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ. ދިވެހިންގެ އަގީދާ ބަލިކައްޓެއް ނޫނެވެ. ހަމަ އެހެންމެ ރާއްޖޭގައި ރާ ވިއްކެނީ ހަމައެކަނި ރިސޯޓްތަކާއި ސަފާރީގައި ފަތުރުވެރިންނަށް އެކަންޏެވެ. ނަމަވެސް ރާއްޖޭގެ ހާލަތު ބައްލަވާށެވެ. ގާނޫނުގައި ބޮޑެތި އަދަބުތައް ކަނޑައަޅާ އެފަދަަ ކުށެއް ކުރޭތޯ ރެއާއި ދުވާލު ސައުވީސް ގަޑިއިރު ފުލުހުން ހަރަކާތްތެރިވާއިރު އެ ވަބާގައި ޖެހި ހަމަ ގެއްލިފައިވާ ކިތަށް މީހުން މި ރާއްޖޭގައި އެބަ އުޅޭ ހެއްޔެވެ. މިއީ ބޮޑުތަނުން މަނާ، އަދި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއްގައި ދިވެހިންގެ ތެރެއިން ބަޔަކު ޖެހިފައިވާ މިންވަރެވެ.

އެހެންވެއްޖެ ކަމަށްވާނަމަ މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސްތަކުގައި ރާ ވިއްކަން ހުއްދަ ދިނުމުން ދެން ވާނެ ގޮތް ރައްޔިތުންނަށް އެނގެއެވެ. އަދި އެ ވާހަކަތައް އެ ދައްކަނީ ފަތުރުވެރިންނަށް ރާ ވިއްކޭނެ މަގު ތަނަވަސްކުރުމަށް ނޫންކަންވެސް ރައްޔިތުންނަށް އެނގެއެވެ. އެއީ އެހެން ކަންކަމަށް ދޮރު ހުޅުވަން ކުރާ މަސައްކަތުގެ ބައެކެވެ.

އަދި އެކަމަށް ހުއްދަ ދިނުމަކީ މުޅި ރާއްޖެ ހަލާކުގެ މަގަށް ގޮސް މިހާރު އޮތް ހާލަތު އެތަށް ތަނެއް ގޯސްވެގެންދާނެ ކަމެއްކަން ޔަގީނެވެ. ދެން އޮތީ އެހެން ސުވާލެކެވެ. މި ވާހަކަ ދައްކަވާ މެންބަރުންނަށް ގެސްޓް ހައުސް ނުވަތަ ރަށު ފަތުރުވެރި ކަމަކީ ކޮބައިކަަން އެނގޭ ހެއްޔެވެ. މިއީ ތިމަންނަ މެން ރާއްޖެއަށް ގެނައި ކަމެއް ކަމަށް ވަކާލާތު ކުރާއިރު ރަށު ފަތުރުވެރި ކަމަކީ ދިވެހިން ސާފު، ސާދާ އަދި ހަމަ ހިމޭން މަޑުމައިތިރި ދިރިއުޅުން ތަޖުރިބާ ކޮށްލަން ފަތުރުވެރިންނަށް ހުޅުވާލި ފުރުސަތެއް ކަމެއްވެސް ހަނދާނެއް ނެތެވެ. އެއީ ހަމަ ބުއްދި ފިލާ މިންވަރަށް ރާ ބޯން އަންނަން ހުޅުވާލާފައި އޮތް ފުުރުސަތެއް ނޫނެވެ.

މި ރާއްޖޭގައި 1972 އަކުން ފެށިގެން ތަރައްގީކޮށް މުޅި ދުނިޔެއަށް ފުޅާކޮށް މަޝްހޫރު ކޮށްފައިވާ ފަތުރުވެރިކަމެއް އެބައޮތެވެ. މިއަދު ރާއްޖޭގައި 126 ރިސޯޓް އޮޕަރޭޝަނުގައި އެބައޮތެވެ. 29،052 ބެޑް އެބަހުއްޓެވެ. އެއިން ކޮންމެ ރިސޯޓަކުން ފަތުރުވެރިން ބޭނުންވާ ކޮންމެ ކެއުމެއް ކޮންމެ ބުއިމެއް ލިބެއެވެ. ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ކެއުންތަކާއި ބުއިންތަކެވެ. އަދިވެސް އެ ނޫން އެތަށް ކަމެކެވެ. އެއިން އެތަށް ކަމަކީ ދިވެހިންނާއި ބީރައްޓެހި ދިވެހިންގެ އަގީދާއާވެސް ފުށު އަރާ ކަންކަމެވެ. އެކަންކަމާއި ދިވެހިން ތާ އަބަދަށް ދުރުހުލެވިގެން ތިބި ކަންކަމެވެ.

އެކަންކަން ރިސޯޓްތަކުގައި ކުރުމުގެ ހުއްދަ ދީފައި އޮންނަނީ ފަތުރުވެރިންނަށްޓަކައެވެ. އެހެންވީމަ އަލުން ދިވެހިން ދިރިއުޅޭ ރަށްރަށައް އެ ރަށްރަށުގެ ގޮނޑުދޮށްތަކަށް ނުވަތަ ފަޅުތެރެއަށް އަދި ކަނޑުއަޑިއަށްވެސް ގެންނަން ޖެހޭ ސަބަބެއް ނެތެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ގެސްޓް ހައުސްތަކަށް އަންނާނީ އެތަންތަނުގައި ލިބެން ހުރީ ކޮންކޮން އެއްޗެއް ކަމާއި ގެސްޓްހައުސް ކޮންސެޕްޓަކީ ކޮބައިކަން އެނގޭވަރު މީހުންނެވެ. ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިން ރަލާއި އޫރުމަސް ނުލިބިގެން ނޫޅެއެވެ. އެހެންވީމަ ޒަމާނަށް ފެތެން ކަމަށް ބުނެ އަގީދާ ހަރުދަނާވާނެ ކަމަށް ބުނެ އެކަންކަން އާންމު ކުރަން އެ ކުރާ މަސައްކަތުގެ ފަހަތުގައި ފޮރުވިފައިވަނީ ނުބައި، ވަރަށް ނުބައި އެޖެންޑާއެއް ކަށަވަރެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި މިހާރު މަޖިލީހުގައި ފެށި ފުޅާ ކުރެވޭތޯ މަސައްކަތް ކުރާ ބަހުސަކީ ބަޔަކު ރާވައިގެން ފެށި ބަހުސެކެވެ. އަދި އެއީ ނުރައްކާތެރި އެޖެންޑާއެއްގެ ފެށުމެވެ. އުމަރު ވިދާޅުވި ގޮތުގައި 2008 ގެ އެމްޑީޕީގެ ސަރުކާރު ބަދަލުވީވެސް އެ ބަހުސްތައް ފެށުމުންނެވެ. އަދި ރާ ވިއްކުމަށް ފުރުސަތު ހޯދުމަށް ކުރެވުނު މަސައްކަތުގެ ސަބަބުންނެވެ.

"ކުރީ ފަހަރުވެސް އެމްޑީޕީގެ ވެރިކަން ނިމުނީ މިކަމާ ހެދި. ނަމަަވެސް މިފަހަރު ސަރުކާރުން މިފަދަ ވާހަކައެއް ދައްކާ ތަނެއް ނުފެނޭ. މި އަޑު މި އިވެނީ މަޖިލީހުން،"

އޭނާ ވިދާޅުވި ގޮތުގައި ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ރާ ލިބޭނެ މަގު ފަހި ކުރުމަށްފަހު މަސައްކަތް ހުއްޓާ ނުލާނެއެވެ. އޭގެ ފަހުން ދެން އަޑު އުފުލާނީ އެހެން ދީން ތަކަށްވެސް ފުރުސަތު ދިނުމަށެވެ. އަދި ޖުވާ ކުޅޭ ތަންތަނާއި އެއް ޖިންސުން ކައިވެންޏަށެވެ. މި ހުރިހާ ވާހަކަތައް ގެންނާނީ ޒަމާނީ ބަދަލުތައް އަންނަން ޖެހޭ ކަމަށް ބުނެއެވެ. ދިވެހިން ދިވެހިންގެ އަގީދާގައި ސާބިތުކޮށް ތިބޭނެ ކަމަށް ބުނެ ހީލަތްތެރި ވާހަކަތައް ދައްކަމުންނެވެ.

"ބަނގުރާ އާންމު ކޮށްގެން އެއްވެސް ގައުމަކަށް ލިބުނު ރަނގަޅެއް ނޯންނާނެ. ރައްޔިތަކަށް ލިބުނު ފައިދާއެއް ނެތް. އެކަން ކުރި ކޮންމެ ގައުމެއް އެ ވަނީ ހަލާކުވެ ގޮސްފައި. އަޅުގަނޑުގެ ނަޒަރުގައި މި އުޅެނީ ލާދީނިއްޔަތު ފަތުރަން ކުރާ މަސައްކަތުގައި ފިޔަވަޅެއް ކުރިއަށް އެޅޭތޯ. ރަށުގެ ފަޅުތެރޭއޭ ކަނޑުއަޑީގައޭ މިކަން ކުރާނީ ކިޔައިގެން މި އުޅެނީ އެހެން ދޮރުތަކެއް ހުޅުވަން،"

އުމަރު ވިދާޅުވި ގޮތުގައި މިހާރު މަޖިލީހުގައި އެ ފެށި ބަހުސް އަދިވެސް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރާނެ އެވެ. އެކަން ހުއްޓުވަން ރައްޔިތުން ނިކުންނަން ޖެހޭ ހިސާބަށްވެސް ކަންކަން ދާނެ އެވެ.

ބަނގުރާ އާންމު ކޮށްގެން އެއްވެސް ގައުމަކަށް ލިބުނު ރަނގަޅެއް ނޯންނާނެ. ރައްޔިތަކަށް ލިބުނު ފައިދާއެއް ނެތް. އެކަން ކުރި ކޮންމެ ގައުމެއް އެ ވަނީ ހަލާކުވެ ގޮސްފައި. އަޅުގަނޑުގެ ނަޒަރުގައި މި އުޅެނީ ލާދީނިއްޔަތު ފަތުރަން ކުރާ މަސައްކަތުގައި ފިޔަވަޅެއް ކުރިއަށް އެޅޭތޯ. ރަށުގެ ފަޅުތެރޭއޭ ކަނޑުއަޑީގައޭ މިކަން ކުރާނީ ކިޔައިގެން މި އުޅެނީ އެހެން ދޮރުތަކެއް ހުޅުވަން،
އުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުވެސް ވަނީ މަޖިލީހުގައި ދެ މެންބަރަކު ދެއްކެވި ވާހަކަތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ޝަރީފް ވިދާޅުވީ ރަށްރަށުގައި ރާ ވިއްކަން ހުއްދަ ދޭ ދުވަހަކީ އެކަން ހުއްދަ ކުރަން މަސައްކަތް ކުރި މީހުންނަށް ދިވެހި ގައުމުން ދުވަހަކުވެސް މައާފު ނުކުރާނެ ފަދަ ކަމެކެވެ.

"ބިރަކާ ނުލައި މަޖާ ކުރުމުގެ ވާހަކަ އެ ދައްކަނީ. ކުރިންވެސް އަޅުގަނޑުމެން ދެންނެވިން މި ދުވަސް އަދި އަންނާނެ އޭ. އެ ދުވަސް މި ފެންނަނީ،"

ޝަރީފް ވިދާޅުވި ގޮތުގައި ރަށު ފަތުރުވެރި ކަމަކީ ރަލެއް، ކެސީނޯއެއް އަދި ޖުވާ ކުޅުމެއް ނޫނެވެ. އެކަން ރައްޔިތުންނަށް އޮޅުވާލަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަމެއް ނުވާނެ އެވެ. ރަށު ފަތުރުވެރި ކަމަކީ ދިވެހިންގެ ދިރިއުޅުން ތަޖުރިބާ ކޮށްލަން ބޭރު މީހުންނަށް އޮތް ފުރުސަތެކެވެ. އެއީ އެމީހުންގެ އާންމު ދިރިއުޅުމުން ނިކުމެ އެހެން ބައެއްގެ އާންމު ދިރިއުޅުން ތަޖުރިބާ ކޮށްލަން ދެވޭ ފުރުސަތެކެވެ. ރަށްރަށައް ފަތުރުވެެރިން އަންނަނީ އެހެން ވެގެނެވެ.

"ރާ ބޭނުން ބައެއް ނަމަ ރިސޯޓްތަކަށް ނުވަތަ ސަފާރީތަކަށް ދާނީ. ރަށު ގެސްޓް ހައުސްއަށް އެ އަންނަނީ ރާ ބޯން އަންނަ ފަތުރުވެރިންނެއް ނޫން. އެހެންވީމަ ލޯކަލް ޓޫރިޒަމް ފުޅާ ކުރަންވާނީ ރަލާ ނުލައި،"

ރާ ބޭނުން ބައެއް ނަމަ ރިސޯޓްތަކަށް ނުވަތަ ސަފާރީތަކަށް ދާނީ. ރަށު ގެސްޓް ހައުސްއަށް އެ އަންނަނީ ރާ ބޯން އަންނަ ފަތުރުވެރިންނެއް ނޫން. އެހެންވީމަ ލޯކަލް ޓޫރިޒަމް ފުޅާ ކުރަންވާނީ ރަލާ ނުލައި
އާދަމް ޝަރީފް އުމަރު | މަޑުއްވަރީ ދާއިރާގެ މެންބަރު

ގެސްޓް ހައުސްތަކަށް އަންނަ ފަތުުރުވެރިންނަށް ރަށުގެ ފަޅުތެރެއިން ނޫނީ ރަށު ކައިިރި ބާއްވާ ސަފާރީއަކުން ރާ ލިބެން ޖެހޭ ނުވަަތަ އެކަމަށް ހުއްދަ ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އެހާ ފަސޭހައިން އެކަން ކުރެވޭ ގޮތަށް ހުއްދަ ދީފިނަމަ އެއީ އެ ރަށުގެ ތެރެއަށް ރާ ގެނައުން ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.

"އެހެންވީމަ މި މަސައްކަތާ ދެކޮޅަށް ދިވެހިން ތެދުވަން ޖެހޭ. ދިވެހިން ބަސް ބުނަން ޖެހޭ. އިރާދަކުރެއްވިއްޔާ އެކަމާ ދެކޮޅަށް ވަކާލާތު ކުރުމުގައި ދެމި ހުންނާނަން. އަދި އެކަމާ ދެކޮޅަށް ނިކުންނަ ކޮންމެ ބަޔަކާއެކު އަޅުގަނޑު ހުންނާނަން،"

މީހުން އުޅޭ ރަށްރަށައް އަންނަ ފަތުރުވެރިންނަށް ރާ ވިއްކޭނެ ގޮތް ހެދުމުގެ ވާހަކަ އައުކޮށް އެ ވާހަކަަ މަޖިލީހުގައި މެންބަރަކު ދައްކާފައިވާއިރު މިއީ ނުރައްކާތެރި ކަމެއްގެ ފެށުމެވެ. މިއީ މަޖިލީހުގެ ތަޅުމުގައި މިހާ މިނިވަންކަމާއެކު މެންބަރަކު މިފަދަ ވާހަކައެއް ދެއްކި ފުރަތަމަ ފަހަރުވެސް މެއެވެ.

އެ ވާހަކަތަކުގެ ނުރައްކާ އަދި ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ރާ ލިބެން ޖެހޭ ކަމަށް ބުނެ ދައްކާ ވާހަކަތަކާއި ދެކޮޅަށް އިލްމުވެެރިން ވަނީ ތެދުވެފައެވެ. މި ދެތިން ދުވަހު އިލްމުވެރިން ގެންދަވަނީ އެކަމާއި ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަ ދައްކަމުންނެވެ. އަދި އެކަމުގެ ނުރައްކާތެރިކަން ބުނެދެމުންނެވެ.