ރިޕޯޓް

ޝަރުއީ ދާއިރާ: އިސްލާހަށްތަ ނޫނީ އަޅުވެތިކަމަށްތަ؟

ސުޕްރީމް ކޯޓް
33.3%
0%
66.7%

އަޅުގަނޑުމެން އެންމެ ކުޑަ އިރުއްސުރެ އަޑު އަހަމުން އައީ ރާއްޖޭގެ ފަނޑިޔާރު ގޭގައި ހުރި ކަންބޮޑުވުންތަކާއި، އެކަންކަން އިސްލާހު ކުރުމަށް ކުރަންޖޭހޭ، އެހެން ނަަމަވެސް ކުރެވެން ނެތް ކަންކަމުގެ ވާހަކަ އެވެ. ދޯނިން، މެޖިސްޓްރޭޓް ކޯޓުގެ ގާޒީގެ ގެޔަށް މަސް ހިފައިގެންދާ މީހާ ސަރުކާރުގެ ވުޒާރާއެއްތެރޭ ދެބައި އުމުރުގެ އަންހެނަކާއި ބޮޑު މާރާމާރީއެއް ހިންގައި، އުމުރުދުވަހަށް އެ އަންހެންމީހާއަށް ބޭސް ކުރަން ޖެހުމުން، މުޅި މައްސަލައިގެ ބަދަލުގެ ގޮތުގައި 200 ރުފިޔާއިން އެ މީހާ ޖޫރިމަނާ ކުރުން ފަދަ ބޭއިންސާފު އެތަކެއް ކަމެއް އެ ފަނޑިޔާރު ގެތަކުގެ ތެރޭގައި ދިޔައީ ހިންގަމުންނެވެ. އެކަމުގެ ޝަކުވާ ހިފައިގެންދާނެ ތަނެއް އޭރަކު ނެތެވެ. އެހެން ނަމަވެސް މިއަދުގެ މާހައުލު މުޅިން ތަފާތެވެ. މިއަދު ޝަކުވާ އުފުލި އެމައްސަލަ ބަލާ އެކަމަށް ފައިސަލާ ކުރުންވެސް އެބަ އޮތެވެ.

އޭރު މަސްކޮޅަކަށް ވިކުނު ފަނޑިޔާރުން މިއަދު ގުޑަނީ ލައްކައިން ފައިސާ އަށާއި، މުދަލަށެވެ. އުފުލޭ މުދަލާއި ނޫފުލޭ މުދަލަށެވެ. އޭރުއްސުރެ އަޑުއިވޭ ވާހަކަތަކެވެ. ކުރެވޭ ތުހުމަތުތަކެވެ. މިކަންކަން ބޮއްސުން ލައިގެން ގޮސް، ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމްގެ ތެރެއިން އެކަން ރެގިއުލޭޓްކޮށް، އެ ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމަށް އުފަން ކުރި ކޮމިޝަންވެސްވީ ބޮޑު ނުކުޅެދުންތެރިކަމަކާއި އެކު އުފެދުނު އެއްޗަަކަށެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާލާފައިވަނީވެސް އޭގެ ތެރެއަށް ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވެއްދޭ ފަދަ ގޮތަކަށެވެ. އިހަށް ދުވަހު އޮތް ސަރުކާރުގައި ކަން އޮތީވެސް އެގޮތަށެވެ. އަދި މިއަދުގެ ސަރުކާރުގައިވެސް އެކަން އޮތީ ހަމަ އެގަޮތަށެވެ. އަދިވެސް އެތަނުގައި އޮތީ ސިޔާސީ ނުފޫޒެވެ. ވެރިކަމުގައި މިއަދު އޮތް އެމްޑީޕީއަށްވެސް އެކަން ބަދަލު ކުރަންޖޭހޭކަން ވިސްނި އެކަމަށް އެއްބަސްވެސްވެވެއެވެ. ނަމަވެސް އަދިވެސް ބަދަލު ކުރާކަށް މަސައްކަތެއް ކުރާތަނެއް ނުފެނެ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެކެވަޑައިގަންނަވާ ގޮތުގައި ޖުޑީޝަރީ އިސްލާހު ކުރުމުގެ ނަމުގައި މިހާރު ކުރަމުންދާ މަސައްކަތަކީ ޖުޑިޝަރީ އަޅުވެތި ކުރުމެވެ. ހާއްސަކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އޮތް ނުފޫޒާއި، ރައްޔިތުންގެ މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން މިހާރު ކުރަމުންގެންދާ ހުރިހާ މަސައްކަތެއް ކުރަމުންގެންދަނީ ޖުޑިޝަރީ އަޅުވެތި ކުރުމުގެ ބޭނުމުގަ އެވެ. އެކަމުގައި އެމްޑީޕީގެ އިސްލާހުގެ ނިޔަތެއް ނެތެވެ.

"ސުޕްރީމް ކޯޓަށްވެސް ހަމަ އެމީހުންނަށް ތަބާވާ މީހުންލީ. އަނެއްހެން މިނިވަން މީހުންލީކީއެއް ނޫން. ޖުޑީޝަރީ މިނިވަން ކުރަނީކީއެއް ނޫން. ޖުޑިޝަރީ އަޅުވެތި ކުރަނީ އެމީހުން ކޮޅަށް. އެއީ މި ފެންނަ މަންޒަރަކީ އަސްލު. އެމީހުންގެ ކިބައިން ގުޑް ގަވަނެންސް ލިބޭނެ ކަމަށް އުމްމީދު ކުރި މީހުން މިހާރު ތިބީ މާޔޫސްވެފައި. އަޅުގަނޑުމެންނަށް ކުރިންވެސް އެނގޭ މިކަން ދާނީ މިހެންކަން" އުމަރު ވިދާޅުވި އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު -- އުމަރު ވިދާޅުވީ، އެމްޑީޕީން ގެންދަނީ ޝަރުއީ ދާއިރާ އަޅުވެތި ކުރަމުން ކަމަށް--

އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަދި ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އެމްޑީޕީން ކުރިން ބުނަމުން ދިޔައީ، ފަނޑިޔާރުން ބަދަލު ކުރުމާއި، ވަކި ކުރުމުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދޭ ވާހަކަ ކަމަށާއި، އެމީހުންގެ ވެރިކަމުގައިވެސް ކަން ހިނގަމުން އަންނަނީ އެގޮތަށް ކަމަށެވެ.

"ބައްލަވާ އަހަރު ދުވަސްވީ އިރު، ސްޕްރީމްކޯޓުގައި ތިބި، ހުރިހާ ފަނޑިޔާރުން ވަރަށް ރީތިކޮށް ހަމަ އެމީހުންނަށް އެއްވެސް ވަރަކަށް މިވަނީ ކިހިނެއްކަމެއްވެސް ނޭނގޭ ގޮތަށް ތިއްބާ ނޫންތޯ އެމީހުންގެ މުޅި ކެރިއާ ބަރުބާދު އެކޮށްލީ. އެހުރީ ނޫންތޯ އެކަން ކުރެއްވި ގޮތް. އަނެއްކޮޅުން މިހާރު ބައްލަވާ، އަޅުގަނޑުމެން ތަކުރާރުކޮށް ކިޔަކިޔާ އޮއްވާ ފަނޑިޔާރުންނަށްވެސް ހަމަ އެކްޓިވިސްޓުން ނޫންތޯ އެ ލާ ނިންމީ. އެހެންވީމަ އެމީހުންނަށް ޖުޑިޝަރީ އިސްލާހު ކުރުމޭ، ރަނގަޅު ކުރަންށޭ ކިޔައިގެން އެހެން ވާހަކަ ދެއްކުމުގެ ހައްގެއްވެސް ނޯންނާނެ އިނގޭތޯ" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޖޭއެސްސީ މިހާރު އޮތީ، މުޅި ޝަރުއީ ނިޒާމަށް ސިދާ "ބޯވަ"އެއްހެން ފަތުރާލާފަ ކަމަށެވެ. އަދި ރަށްރަށުގައި ތިބޭ މެޖިސްޓްރޭޓުންނަށްވެސް އެމީހުން ހުކުމްތައް ނެރެންވީ ކޮން ގޮތަކަށްކަން މިހާރު އެނގޭނެ ކަމަށާއި، އެގޮތަކަށް ހުކުމް ނުނެރެފިނަމަ، ކޮންމެވެސް ސުލޫކީ މައްސަލައެއް ވައްދައިގެން، ކޮންމެވެސް އެއްޗެކޭ ކިޔާފަ އެ ފަނޑިޔާރަކު ބޭރުކުރާނެ ކަން މިހާރު އެނގޭނެ ކަމަށެވެ.

"އެހާ ބޮޑަށް މިކަންކަމުގައި މުޅި ނިޒާމް ހަރާބުވެގެން އެދަނީ. އެކަމު އަދިވެސް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމުގެ އެއްވެސް ފިކުރެއްނެތް. އޭގެ ބަދަލުގައި، އެބޭފުޅުން އެއަށްވުރެ ގައުމީ ނިސްބަތުން ބަލާއިރު، އާދައިގެ ކަންތައްތައް ހުރި ބައިތައް ގާނޫނު އަސާސީން ބަދަލުކުރަމުން އެގެންދަވަނީ"

އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު --

ނަމަވެސް، މަޖިލީހުގެ ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ނައިބު މުގައްރިރު މޫސާ ސިރާޖު ވިދާޅުވީ، އެމްޑީޕީން ކުރަނީ ހެޔޮ ނިޔަތަކާއެކު ކުރާ އިސްލާހީ މަސައްކަތެއް ކަމަށާއި، މިހާރަށްވުރެ މިނިވަންކޮށް ޖޭއެސްސީ މަސައްކަތް ކުރާތަން މީގެ ކުރިން ފެނިފައިނުވާ ކަމަށެވެ. ދެހާސް ސާދަ ވަނަ އަހަރުން ފެށިގެންވެސް ހުށަހަޅާފައި ހުރި ފަނޑިޔާރުންނާއި ގުޅޭ ޝަކުވާތައް އެބަހުރި ކަމަށާއި، ޖޭއެސްސީން ބަލަމުންދަނީ އެ ޝަކުވާތައް ކަމަށްވެސް ސިރާޖު ވަނީ ވިދާޅުވެފަ އެވެ.

"ޝަކުވާ ހުށަހެޅީމަ އެޝަކުވާއަކީ ސުލޫކީ މައްސަލައަކަށް ވަންޏާ ފިޔަވަޅު އަޅަނީ. މިދޭތެރެއިން ވާނެ އެމްޑީޕީއަށް ކެމްޕެއިން ކޮށްދީގެން ފިޔަވަޅު އަޅާފައި. ފަނޑިޔާރަކަށް އެމްޑީޕީ މީހަކަށް ކެމްޕެއިނެއް ނުކޮށްދެވޭނެތާ. މީގަނުއެއް ބަލާނެ އެމީހެއްގެ ފިކުރަކަށް. މިކަން ކުރަނީ ވަރަށް އިހުލާސްތެރިކަމާއެކު. އިސްލާހު ކުރުމުގެ ކަންކަން އެކުރަނީ މިއިން ޒަމާނަކު ނުކުރާހާ ރަނގަޅަށް، ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް" ސިރާޖު ވިދާޅުވި އެވެ.

ސިރާޖު އިތުރަށް ވިދާޅުވީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތާއި މެދު އެމްޑީޕީއާއި އޭނާގެވެސް ކަންބޮޑުވުން އެބަހުރި ކަމަށެވެ. ރާއްޖޭގެ ޖޭއެސްސީ އެކުލެވިގެންވަނީ ދުނިޔޭގެ އެހެން އެއްވެސްތާކު އެކުލެވިގެން ނުވާ ގޮތަކަށް ކަމަށާއި، އެކަމަށް ބަދަލުތައް ގެންނަން ޖެހޭނީ އެންމެން ވާހަކަ ދައްކައި މަޝްވަރާކޮށްގެން ކަމަށެވެ. މީގެ އިތުރުން އެބަދަލުތައް ނުގެނެސްގެން އުޅޭހާ ވަގުތެއް އަދި ނުދޭ ކަމަށާއި، އެކަމަކީ ގާނޫނު އަސާސީއަށް ގެންނަ ބަދަލަކަށް ވުމުން އެކަން ވަރަށް ފުރިހަމަ ވާން ޖެހޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީއަށް ކުއްލި ކުއްލިއަށް ބަދަލުގެންނަން ބޭނުން ނުވާކަމަށާއި، ދުވާލަކު އެއްފަހަރު ގާނޫނު އަސާސީ ބަދަލު ކުރަންވެއްޖެ ނަމަ ނިކުންނާނީ ވަރަށް ނުބައި ނަތީއްޖާއެއް ކަމަށްވެސް ސިރާޖު ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ނައިބް މުގައްރިރު މޫސާ ސިރާޖް -- ފޮޓޯ : އަހްމަދު އަޔާދު | އަވަސް

ކޮންމެއަކަސް ދުނިޔޭގައި ކަން ހިނގާ އުސޫލަކީ އެއްބަޔަކަށް އިންސާފު ގާއިމް ކުރެވޭއިރު އަނެއް ބަޔަކަށް އެކަން ބޭއިންސާފަށްވުމެވެ. ރާއްޖޭގައިވެސް ފެންނަން މިއޮތީ އެމަންޒަރެވެ. މިއަދު އިދިކޮޅުގައި ތިބި ސިޔާސީ މީހުންނާއި ދެކޮޅަށް ނިންމޭ ކޮންމެ ނިންމުމަކީ ބޭއިންސާފު ނިންމުމެކެވެ. އެހެން ބުނުމުގެ ފުރުސަތު އެމީހުންނަށް ލިބެނީ އަދިވެސް އަމަލު ކުރަމުން އަންނަ އުސޫލުތަކާއި، މުއައްސަސާތައް ހަމަ އެގޮތުގައި ހުރުމުންނެވެ. ފަނޑިޔާރުގެ އެކީ އެކައްޗަކަށް ބަދަލު ކުރި ނަމަވެސް، ޖޭއެސްސީ ފަދަ އެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވޭނެ ދޮރެއް ހުޅުވިފައި ހުއްޓައި އެފަނޑިޔާރުން މިނިވަންވެދާނެ ކަމާމެދު އެ އޮންނަ ޝައްކު އެގޮތުގައި ދެމި އޮންނާނެ އެވެ.

އެ ޝައްކު ފިލުވާލައި، ރައްޔިތުންގެ ހިތްތަކަށް އަދުލު އިންސާފުގެ ހިތްހަމަޖެހުމެއް ގެނެސްދެވެން މިއޮތީ ރައްޔިތުންގެ މަޖިލީހަށެވެ. ގާނޫނު އަސަސީއަށް ބަދަލު ގެނެސް ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާކޮށްގެން މެނުވީ ޝަރުއީދާއިރާ މިނިވަންވިކަމަކަށް ނުބެލެވޭނެ އެވެ. ޖޭއެސްސީގައި ސިޔާސީ ޕާޓީއެއްގެ ވެރިއަކާއި، އެޕާޓީއަށް ނިސްބަތްވާ މީހުންގެ ކޮންޓްރޯލް އޮންނަހާ ހިނދަކު އިދިކޮޅަކަށް އެތަނެއް މިނިވަނެއް ނުވާނެ އެވެ. އަދި އެކަން އެގޮތަށް ބަލައިގަންނަން ރައްޔިތުންނަށްވެސް ދަތިވާނެ އެވެ. ޝަރުއީ ދާއިރާއަށް އޮތް ހައްލަކީ ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކޮށް، ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކޯޓު އޮފިސަރ

މިނިވަން ކަން ފަނޑިޔާރުން ނަށް ދިނީމަ އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ނޭނގުނީ. އޮފީހަށް 10 ޖަހާއިރު އައިސް 12 ޖަހާއިރު ނިކުމެގެންދާ ފަނޑިޔާރުން އެބަ އުޅޭ.. މައްސަލަތައް މޭޒު މަތީ ފުނި ޖެހިފައި އޮތީ. މިހާރު މަޑު މަޑުން ފަނޑިޔާރުންގެ ކަންކަން ރަނގަޅުވާހެން ހީވެ.

ސަނައްޓޭ

އެމްޑީޕީގެ މީހުންނަށް ރަނގަޅު ވާނެ އެމީހުން ބޭނުންގޮތަކަށް ކުރާ ހުރިހާކަމެއް..އެވާނީވެސް އިންސާފާ ހަމައަށް. އެހެން މީހަކު ހަމަ އެގޮތަށް ކަމެއް ކޮށްފިތަ އެވާނީ ނާއިންސާފާ އަނިޔާ އަށް. ވަގުބައެއް އެމްޑީޕީ އަކީ

555559

ސުޕާ މެޖޯރިޓީ އެމްޑީޕީއަށް ދިނީ އެ ނާއިންސާފު ފަނޑިޔާރުން ބޭރުކުރަން...ދެން ހަމަ އުމަރު ނޫން މީހެެއް (އާދަނު ފިޔަވައި) ގެ ކޮމެންޓެއް ނެތީތަ؟ ތިޔަ އުމަރަކީ އެކަހަލަ ވާހަކަ ދައްކަން އެއްގޮތަކަށް ވެސް ކުފޫ ހަމަވާ މީހެއް ނޫން!!

އަލިހަންދްރޯ

މިހާރު ސުޕްރީމް ކޯޓުގައި ތިބީ ކުރި ތިބި މީހުންނަށް ވުރެ ނަޒާހަތް ތެރި، ފަސްބައި ސާފު، ތައުލީމީ، ތަޖުރިބާހުރި، ގާބިލު މީހުން.

ޥަގުތުމާ

ރަގަޅޫ ވާހަކައެއް . ޢެކަމަކު ވަރަށް ސްލޯ.

އިބްރާހީމްސ

ފިތުނަ އުފެއްދުމުގެ ނިޔަތުގައި ލިޔެފައިއޮތް ލިއުމެއް.

ޝަމީމް

ތިޔައީ ޤާނޫނު އަސާސީ އެކުލަވާލި މަޖިލީހުން ޤާސިމް އާއި މައުމޫނުގެ ނުފޫޒުން ޖޭއެސްސީ އެކުލަވާލިގޮއް: އޭރަކު ހިޔެއް ނުކުރޭ މިދުވަސް އަތުވެދާނެ ކަމަކަށް ވެރިކަމާއި މަޖިލިސް އަބަދު ތިމަންނާ މެންގެ މުށުތެރޭ ގައި އޮންނާނެ ކަމައް ހީކޮށް ޖުޑިޝަރީގެ ބާރުނަގަން އޭރު ޖޭއެސްސީ އެގޮތައް އެކުލަވަން ޤާނޫނު އަސާސީގައި ލިއުނީ ވެރިކަން ކުރާ ޕާޓީ އަތް މަޖިލިސްގެ މެޖޯރިޓީ ލިބުނީމަ 3 ބާރު އެއްވީ: ޕީޕީއެމް އަތް ޤާނޫނު އަސާސީ އަތް އިސްލާހު ގެނައުމުގެ ފުރުސަތު ލިބުނު އިރު އެމީހުން ވެސް ޖުޑިޝަރީ އަތް ދަނޑި ނުބޭނެތީ އެކަމެއް ނުކުރި އިރު އެމްޑީޕީ ދެންވަކި އެކަންކުރާނެތޯ؟!

ހެއްވާމީހާ

މިލިޔުމުގައި އަދި ރައީސް ޔާމީނު ވިދާޅުވާ އެއްޗެއްވެސް އެޑް ކޮށްލިނަމަ ވަރަށް ފުރިހަމަވީސް

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910