ޝީލާ ނަޖީބު

ރައީސްގެ ދެކަނބަލުން ޝީލާގެ ބްރެކްފާސްޓް ނަގައިފި

ފިލްމީ ތަރިންގެ ތެރެއިން ޝީލާ ނަޖީބު (ޝީލާ) ކައްކަން މޮޅު، ރަހަ ލައްވާލައި ލޮނުހެޔޮވަރުކޮށްލަން ކުޅަދާނަ އަންހެނެކެވެ. އެއީ ހަމައެކަނި ވާހަކައެއް ނޫނެވެ. އެކަން މިހާރު އެތައް ބަޔަކަށް ވާނީ ޔަގީންވެފައެވެ.

މިދިޔަ ދެތިން މަހެއްހާ ދުވަހުގެ ތެރޭ ހެނދުނަށް ޝީލާ ވިއްކަން ނެރޭ ހެނދުނުގެ ނާސްތާ ވަރަށް ހިނގާފައި ވެއެވެ. ގޭގެ އާއި އޮފީސްތަކާއި އޮޑި ދޯނި ފަހަރަށްވެސް ޝީލާގެ ބްރެކްފާސްޓް ފޮނުވައި ދެއެވެ. އެތައް ބަޔަކަށް ޝީލާ ބްރެކްފާސްޓް ފޯރުކޮށްދީފި އެވެ.

ފިރިމީހާ މަނިކުގެ އެހީތެރިކަމުގައި ފެށި މަސަައްކަތުގައި އެންމެ ބޮޑު އެހީތެރިއަކީ ވެސް މަނިކެވެ. ހަފުތާ ބަންދަށް އަދި ރަސްމީ ދެ ދުވަހު ޝީލާ ތައްޔާރުކުރާ ބްރެކްފާސްޓް ގޭގެއާއި އޮފީސްތަކާއި ބޯޓް ފަހަރަށް ގެންގޮސް ދެނީ މަނިކެވެ. އަދި ޝީލާގެ ދޮށީ ދަރިފުޅުގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް އޮވެ އެވެ.

ޝީލާގެ "ޓޭސްޓް ބްރެކްފާސްޓް" އަށް ދިވެހިންގެ ފަރާތުން ލިބޭ ތަރުހީބާމެދު އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފަ އެވެ. ކޮންމެ ކޮމެންޓަކީ ވެސް އެ މަސައްކަތުގައި ދެމި ހުރުމަށް އަދި ޝައުގުވެރިކަމާއެކު ކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. ނަމަވެސް އެ ހުރިހާ ކަމަކަށް ވުރެ ބޮޑު އުފަލެއް އޭނާ ވަނީ ލިބިފައެވެ.

އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު، ޝީލާގެ "ޓޭސްޓް ބްރެކްފާސްޓް" ނެންގެވުމެވެ. އެ ފުރުސަތު ލިބުމަކީ ޝިލާއަށް ލިބުނު އެންމެ ބޮޑު އެއް އުފަލެވެ. އަދި ބޮޑު އުފަލެއް ލިބުނީ ރައީސްގެ ދެކަނބަލުންނާއެކު ބްރެކްފާސްޓްގައި ބައިވެރިވުމުގެ ފުުރުސަތު ވެސް ލިބުމުންނެވެ.

"އަޅުގަނޑު ތައްޔާރުކުރާ ހެނދުނުގެ ނާސްތާ ރައީސްގެ ދެކަނބަލުންނަށް އެރުވުމުގެ ފުރުސަތު ދެއްވައި، ރައީސްގެ ދެކަނބަލުންގެ އަރިހުގައި މި ނާސްތާގައި ބައިވެރިވުމުގެ ޝަރަފު އަޅުގަނޑުމެން ދެމަފިރިންނަށް ދެއްވީތީ ރައީސްގެ ދެކަނބަލުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަން،" ވަރަށް އުފާވެފައި ހުރެ ޝީލާ ބުންޏެވެ.

އަވަސްއާ ވާހަކަ ދައްކަމުން ޝިލާ ބުނީ ރައީސްގެ ދެކަނބަލުންގެ ފަރާތުން ލިބުނު ކޮމެންޓްތަކުން އިތުރަށް އުފާވެފައި ހުރި ކަމަށެވެ. އަދި މިއީ މި މަސައްކަތުގައި ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"ވަރަށް ބޮޑަށް އުފާވެފައި މި ހުރީ. މެޑަމް ފަޒްނާ ވިދާޅުވި އަދި އޯޑަރު ވެސް ކުރައްވާނެ ކަމަށް. އަދި ނާސްތާއާމެދު ރައީސްގެ ދެކަނބަލުން ވެސް ވަރަށް ޕޮޒިޓިވް ކޮމެންޓް ކުރެއްވީ،"

ޝީލާގެ ނާސްތާ ނެރޭނީ ހުކުރު ހޮނިހިރު ހިނެމޭ "ވީކެންޑް" ޕެކާއި ހޯމަ އާއި ބުދަ ދުވަހަށް ނެރޭ "އޮފީސް ޕެކް" ބްރެކްފާސްޓެވެ. ޝީލާގެ ބްރެކްފާސްޓް ޕެކޭޖްގައި ވަރަށް ގިނަ ބާވަތްތައް އޭނާ އަތުރަ އެވެ. ހިކި މަސްހުންޏާއި ރަތް މަސްހުންޏާއި ޑެވިލް ސޮސެޖާއި ގްރީންބީންސް އާއި ކުޅި ރިހާކުރާއި ތެލުލި ރިހާކުރާއި ބަށި އަދި މުގުރިހަ ވެސް ހިމެނެ އެވެ. މުޅި އަތުރާއިލުމުގައި 11 ބާވަތެއް ޝީލާ އެބަ ގެންގުޅެ އެވެ.

ޝީލާ ތައާރަފު ކުރި ދެ ޕޭކްޖްގެ ތެރެއިން ކޮންމެ ޕެކޭޖެއްގައި ބޭނުން ދެ ބާވަތެއް ހިމަނައި ދޭނެ އެވެ. އަދި އޭގެ ތެރެއަށް ފަސް ރޮށްޓާ، ބިސްގަނޑަކާއި ފޮނި ކާއެއްޗެއް ވެސް ލައިދޭނެ އެވެ. ޕެކޭޖް ފުރިހަމަ ކޮށްލަން ލިސްޓްގައި ހިމެނޭ ކޮންމެ ބާވަތެއް ވެސް އިތުރު ކޮށްލެވިދާނެ އެވެ. ވަރަށް ކުޑަ އަގެއްގައި ގިނަ ބާވަތްތަކެއް ހިމަނާލައިގެން މީރުކޮށް ހެނދުުގެ ސައެއް ބޯލެވޭނެ އެވެ.

ޝީލާގެ "އޮފީސް ޕެކް" ތައްޔާރުކޮށްފައި ވަނީ އޮފީސް މާހައުލަށް ހާއްސަކޮށެވެ. އެކަމަކު އަދި ހޯމަ ބުދަ ދުވަހު އެކަންޏެވެ. ވީކެންޑް ޕެކާއި އޮފީސް ޕެކަށް ވެސް އެއް ދުވަސް ކުރިން އޯޑަރު ދެވޭނެ އެވެ. އެ ދުވަހެއްގެ މެނޫގައި ހިމެނޭ ބާވަތްތައް ޝީލާގެ ފޭސްބުކް ޕޭކް އަދި އިންސްޓަގްރާމް ޕޭޖުން ފެންނަން ހުންނާނެ އެވެ.

މާލެ ވިއްޔާ ކޮންމެ ސަރަހައްދަކަށް ވިޔަސް ޑެލިވަރީ ކޮށްދޭނެ އެވެ. ހުޅުމާލެ އަދި ވިލިމާލެއަށް ވެސް ޑެލިވަރީގެ ހިދުމަތް ދެއެވެ. އެކަމަކު އެ ދެ އަވަށަށް ޑެލިވަރީ ކޮށްދެވޭނީ 100 ރުފިޔާއިން މަތީގެ އޯޑަރުތަކެވެ.

ޝީލާގެ "ޓޭސްޓް ބްރެކްފާސްޓް" ގައި ހާއްސަ އެހެން ކަމެއްވެސް ފާހަގަ ކޮށްލެވެ އެވެ. އެއީ ހަވާދުގެ ތަފާތު ގިނަ ބާވަތްތައް ހިމެނިފައި ނުވުމެވެ. ޝީލާ ބުނި ގޮތުގައި ހެނދުނުގެ ވަގުތު ހަވާދުގެ ބާވަތްތައް މާ ގިނައިން ބޭނުން ކުރާނަމަ މީހުނަށް ވަރަށް އުނދަގޫތައް ކުރިމަތިވެ އެވެ.

"އެހެންވީމަ ސޮސެޖް ވެސް ބަށި ވެސް އަދި އެހެން ބާވަތްތައް ވެސް ތައްޔާރު މި ކުރަނީ ހަވާދުގެ ބާވަތްތައް ނުހިމަަނާ،" އަވަސްއަށް ކުރިން ދިން އިންޓަވިއުއެއްގައި ޝީލާ ބުންޏެވެ.

ފިރިމީހާ މަނިކުގެ އެހީތެރިކަމުގައި މިހާރު ފަށާފައިވާ ސައި ތައްޔާރުކޮށް ދިނުން ފުޅާ ކުރުމަކީ ވެސް ޝީލާގެ އުންމީދެކެވެ. އަދި ބްރެކްފާސްޓްގެ އިތުރުން ޑައިޓްފުޑް ހިމެނޭ މީލްތަކެއް ތައާރަފު ކުރުމުގެ ވިސްނުން ވެސް ގެންގުޅެ އެވެ.