ހަބަރު

ޝައުގުވެރިކަން ނެތިގެން، ބަޖެޓު ބަހުސް ބަންދު ކުރަނީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރަން މެންބަރުންގެ މެދުގައި ޝައުގުވެރިކަން ކުޑަކަމުން، މިއަދުގެ ހެނދުނު ބަހުސް ކުރުމުގެ ފުރުސަތު ބަންދުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އިއްޔެ ކުރިއަށް ގެންދިއަ ބަހުސްގައި ބައިވެރިވެވަޑައިގެންފައިވަނީ ވަރަށް މަދު މެންބަރުން ކަމަށެވެ.

މިގޮތުން، އިއްޔެ ވާހަކަ ދައްކަވާފައިވަނީ އެންމެ 18 މެންބަރުންކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ބަހުސްގައި ބައިވެރިވާން މެންބަރުންގެ ޝައުގުވެރިކަން ކުޑަކަމަށް ފެންނާތީ، މިއަދު ހެނދުނު 10:00 ގައި ބަހުސްގައި ބައިވެރިވުމުގެ ފުރުސަތު ބަންދުކުރަން ނިންމަވާފައިވާ ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ ބަހުސް ކުރައްވަން [މެންބަރުންގެ] ޝައުގުވެރިކަން ހުރި ކަމަކަށް. އިއްޔެ ވެސް މެންބަރުން ބަޖެޓު ބަހުސްގައި ބައިވެރިވާން އެދިވަޑައިނުގަންނަވާ. އެހެންވީމާ އަޅުގަނޑަށް ޖެހުނީ މި ތަނުގައި ހަމަ އިންނަން. އެއީ މިކަމުގައި ރަނގަޅު ގޮތެއް ކަމަކަށް ނުދެކެން،" ނަޝީދު ވިދާޅުވި އެވެ.

ބަޖެޓު ބަހުސްގެ މަރުހަލާގައި، ޖުމްލަ 69 މެންބަރުން 16 ގަޑިއިރެއްހާއިރު ބަހުސް ކުރި އެވެ. ބަޖެޓު ކޮމިޓީގެ ރިޕޯޓަށް ހަތް މިނެއްޓުގެ އެއް ފުރުސަތު ދިނުމަށް އާއްމު ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

ނަމަވެސް، ބަޖެޓު ދިރާސާ ކުރަމުންދާ ކޮމިޓީން ވަނީ އެ އަދަދުތަކަށް ބައެއް ބަދަލުތައް ގެނެސްފައި އެވެ.

މިގޮތުން، ގިނަ މަޝްރޫއުތަކެއް އިތުރުކޮށް މިނިވަން މުއައްސަސާތަކާއި ބައެއް ސަރުކާރު އޮފީސްތަކުގެ ބަޖެޓު ބޮޑުކޮށްދޭން ކޮމިޓީން ނިންމުމުން، އަންނަ އަހަރުގެ ޖުމްލަ ބަޖެޓު ވަނީ 34.9 ބިލިއަން ރުފިޔާ އަށް އިތުރުވެފައި އެވެ.

ހަރަދުގެ އިތުރުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ 17.8 ބިލިއަން ރުފިޔާއަށް ވެސް ކޮމިޓީން ވަނީ ބަދަލުތަކެއް ހުށަހަޅައިފަ އެވެ.

އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހަޅާފައިވާ އާ ކަންތައްތަކުން ލިބޭނެކަމަށް ލަފާކޮށްފައިވާ 1.2 ބިލިއަން ރުފިޔާ އިތުރުކޮށްގެން، ޖުމްލަ އާމްދަނީ 3.3 ބިލިއަން ރުފިޔާ އިން އިތުރުކުރުމަށެވެ.

ބަޖެޓު ފާސް ކުރުން ފަދަ މުހިއްމު މަސައްކަތްތައް ނިންމުމަށް މަޖިލީހުގެ ތިން ވަނަ ދައުރު އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އިއްޔެ ވަނީ އިތުރުކޮށްފައި އެވެ.