ހަބަރު

ވޯޓް ނުދިނީ ގަބޫލު ކުރެވޭ ބަޖެޓަކަށް ނުވާތީ: ޖާބިރު

އަންނަ އަހަރަށް ލަފާ ކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ގެނައި ބަދަލުތަކާއެކު ދައުލަތުގެ ބަޖެޓު މަޖިލީހުން މިއަދު ފާސްކޮށްފައި ވާއިރު، ބަޖެޓަށް ރަތް ފާހަގަ ޖެއްސެވި ހަމައެކަނި މެންބަރަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ.

ކޮވިޑް-19 އިގެ ހާލަތުގައި ހުށަހަޅާފައިވާ ބަޖެޓުގެ ހަރަދުތަކާއި މަޝްރޫއުތަކާ ގުޅޭގޮތުން މަޖިލިސް ކޮންޓްރޯލް ކުރާ ގިނަ މެންބަރުން ބަހުސްގެ މަރުހަލާގައި ކަންބޮޑުވުންފާޅުކުރި އެވެ.

ނަމަވެސް، ގިނަ މަޝްރޫއުތަކެއް އިތުރުކޮށް މިނިވަން މުއައްސަސާތަކާއި ބައެއް ސަރުކާރު އޮފީސްތަކުގެ ބަޖެޓު ބޮޑު ކޮށްދޭން ކޮމިޓީން ނިންމައި، ސަރުކާރުން ހުށަހެޅި ވަރަށް ވުރެ ބޮޑުކޮށް، އަންނަ އަހަރުގެ ޖުމްލަ ބަޖެޓު ވަނީ 34.9 ބިލިއަން ރުފިޔާ އަށް އިތުރު ކޮށްފައި އެވެ.

އެ އަދަދުގެ ބަޖެޓެއް މަޖިލީހުން މިއަދު ފާސްކުރި ނަމަވެސް، ބަޖެޓަށް ވޯޓު ނުދެއްވީ، ކޮމިޓީ މަރުހަލާގައި ފާޅު ކުރެއްވި ކަންބޮޑުވުންތަކަށް އެއްވެސް މިންވަރަކަށް ރިއާއަތް ނުކުރުމުން ކަމަށް ޖާބިރު އަވަސް އަށް ވިދާޅުވި އެވެ.

މިގޮތުން، އިންތިހާއަށް ޑެފިސިޓް ބަޖެޓެއް ސަރުކާރުން ހުށަހަޅާފައިވާއިރު، އާމްދަނީ ލިބޭ ފަދަ މަސްވެރިކަމުގެ ސިނާއަތް ފުރިހަމައަށް ހުޅުވާލުމުގެ އިތުރުން، ދައުލަތުގެ ރިކަރަންޓް ހަރަދު ކުޑަކޮށް، ދައުލަތުގެ ފައިސާ އިސްރާފުވާ ދާއިރާތައް ހޯދައި، އެކަން ހުއްޓުވަން ކޮމިޓީ މަރުހަލާގައި ހުށަހެޅުއްވި ހުށަހެޅުންތައް ޖާބިރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ތަކުރާރުކޮށް ގޮވާލިން މަސްވެރިކަން ހުޅުވާލާށޭ. ދައުލަތުގެ ފައިސާ ބްލީޑުވާތަން ހުއްޓާލާށޭ. މިއިން އެއްވެސް ކަމަކަށް އަޅާނުލާ، ސަރުކާރުން ފޮނުވި ގޮތަށް ބަޖެޓު އެ ފާސްކުރީ،" ނަވާރަވަނަ މަޖިލީހުގައި އެންމެ ހަރަކާތްތެރި އަދި އެންމެ ހަރުއަޑުން ބަހުސް ކުރައްވައި އެއް މެންބަރު ޖާބިރު ވިދާޅުވި އެވެ.

ޑީއާރުޕީގެ ލީޑަރުކަން ކުރައްވާ ޖާބިރު އިތުރަށް ވިދާޅުވީ، ބަޖެޓަށް ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ދޫކުރައްވައި ވަޑައިގަތުމުން، އެމްޑީޕީގެ ލީޑަރު ވެސް ބަޖެޓަށް ތާއީދު ނުކުރައްވާކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

އަދި ބަޖެޓު ފާސްކޮށްފައި ވަނީ ދެން ރިޔާސަތާ ހަވާލުވެވަޑައިގެންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެ ވޯޓާ ނުލައިކަން ފާހަގަ ކުރައްވަމުން، ޖާބިރު ވަނީ އެއީ ބަޖެޓާ ދެކޮޅަށް މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ "އިހުތިޖު" އެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

"މިއީ ދުނިޔޭގެ އެއްވެސް ތާކުން ގަބޫލު ކުރާނެ ބަޖެޓެއް ނޫން. އައިއެމްއެފް އާއި ވާލްޑް ބޭންކުން ވެސް މި ބަޖެޓު ގަބޫލެއް ނުކުރާނެ،" ޖާބިރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.

ކޮމިޓީން ބަޖެޓަށް މައިގަނޑު ގޮތެއްގައި ކުޅިވަރު ދަނޑުތަކާއި ކްލާސް ރޫމް އެޅުން ފަދަ މަޝްރޫއުތައް އިތުރުކޮށްފައިވާއިރު، ހަރަދުގެ އިތުރުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ 17.8 ބިލިއަން ރުފިޔާއަށް ވެސް ކޮމިޓީން ވަނީ ބަދަލުތަކެއް ގެނެސްފައި އެވެ.

މިގޮތުން، އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހަޅާފައިވާ އާ ކަންތައްތަކުން ލިބޭނެކަމަށް ލަފާކޮށްފައިވާ 1.2 ބިލިއަން ރުފިޔާ އިތުރުކޮށްގެން، ޖުމްލަ އާމްދަނީ 3.3 ބިލިއަން ރުފިޔާ އިން ވަނީ އިތުރުކޮށްފައި އެވެ.

އޭގެ ތެރޭގައި ޓޫރިޒަމުން ލިބޭ އާމްދަނީ އެއް ބިލިއަން ރުފިޔާ އަށް އިތުރުކުރުމާއި އާ ކަންތައްތަކުގެ ތެރެއިން ބިން ވިއްކައިގެން ލިބޭނެކަމަށް ލަފާކޮށްފައިވާ 300 މިލިއަން ރުފިޔާ، އެއް ބިލިއަނަށް އިތުރުކުރުމަށް ވަނީ ހުށަހަޅުއްވައިފަ އެވެ.

ކޮމިޓީން ގެނައި ބަދަލުތަކާއެކު، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 12.3 ބިލިއަން ރުފިޔާއަށް ވަނީ ތިރިވެފައި އެވެ.

ބަޖެޓާ ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށް، ބަޖެޓު އަނބުރާ ގެންދިއުމަށް ތަކުރާރުކޮށް ގޮވާލުމަށްފަހު މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ފިޔަވައި، އިދިކޮޅުގެ އެއްވެސް މެންބަރަކު ވޯޓުގައި ބައިވެރިވެފައެއް ނުވެ އެވެ.