ޕެރިހުގައި ކަޅު ނަސްލުގެ މީހަކަށް އަނިޔާކުރި ހަތަރު ފުލުހުންގެ މައްސަލަ ރަސްމީކޮށް ބަލަން ފަށައިފި އެވެ. ޕެރިސް ޕްރޮސެކިއުޓަރު، ރެމީ އޭޓްޒް ވިދާޅުވި ގޮތުގައި މައިކަލް ޒެެކްނާ އަށް އަނިޔާކޮށް މުދަލަށް ގެންލުން ދިނުމުގައި ބައިވެރިވި ހަތަރު ފުލުންގެ ތެރެއިން ތިން އޮފިސަރުން ތިބޭނީ، މައްސަލަ ނިމެންދެން ބަންދުގަ އެވެ.
ޔޫޓިއުބަށް ލީކުވެފައި ހުރި ވީޑިއޯތައް ބެއްލެވުމަށް ފަހު، ފްރާންސްގެ ރައީސް، އިމަނުއެލް މެކްރޯން ވިދާޅުވީ "ފްރާންސް ލަދުގަނެއްޖެ" ކަމަށެވެ.
ރެމީ އޭޓްޒް ވިދާޅުވީ ބަންދުގައި ތިބި ތިން އޮފިސަރުންނާ މެދު އަމަލުކުރެވޭނީ އަކުރުން އަކުރަށް ކަމަށެވެ. އެއީ އާންމު މީހެއްގެ މަސްލަހަތަށް ގަސްދުގައި އަރައިގަނެ، ހަތިޔާރުން އަނިޔާކޮށް، ބަހާއި އަމަލުން ނަސްލީ ތަފާތު ކޮށްފައި ވާތީ ކަމަށެވެ. ގާނޫނާއި ފުލުހުންގެ ގަވާއިދުގައި ހުރި އަކުރާއި ފިއްޔަށް ވެސް ވަކިވަކިން ބެލައި އަދަބު ކަނޑައެޅޭނެ ކަމަށެވެ.
މައިކަލް ޒެކްނާ އަށް ގެއްލުން ދިނުމުގައި ބައިވެރިވި ހަތަރު ފުލުހުންގެ ތެރެއިން އެކަކު، ޒެކްނާ އަށް އަނިޔާކުރުމުގައި ބައިވެރިނުވާ ކަމަށް ޕްރޮސެކިއުޓަރު ވިދާޅުވި އެވެ. އެކަމަކު ޒެކްނާ އުޅޭ ތަނަށް ކަރުނަ ގޭސް ގްރެނޭޑެއް އޭނާ އެއްލާފައި ވާތީ ވަޒީފާއިން ސަސްޕެންޑްކޮށް ޖުޑިޝަރީއާ ހަވާލު ކުރެވޭނެ ކަމަށެވެ.
ރެމީ އޭޓްޒް ނޫސްވެރިނާ ބައްދަލު ކުރައްވައި މައުލޫމާތު ދެއްވީ، ފުލުންގެ އަނިޔާއާ ދެކޮޅަށް މަގުތަކަށް ނިކުންނަ މީހުން ގިނަވެ ދެން އޮބިނޯންނާނެކަން ހީފުޅުވެ ވަޑައިގަތުމުންނެވެ. ނަސްލީ ތަފާތުކުރުމާއި ފުލުހުންގެ އަމަލުތަކާ ދެކޮޅަށް މަގުތަކަށް ނިކުންނަ މީހުން އެއްވަނީ ފުލުހުންގެ ފޮޓޯ އާއި ކާކުކަން އެނގޭ އިބާރާތްތައް ލިޔެގެންނެވެ. ސަރުކާރުން ބުނާ ގޮތުން 133،000 އަށް ވުރެ ގިނަ މީހުން ވަނި މަގުތަކަށް ނިކުމެފަ އެވެ.