ސޮނީ ޗެނަލުން ދައްކާ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އިން އެ ޝޯގެ އެންމެ އިސް އެއް ކޮމެޑީއަން ވަކި ކޮށްފައިވާ ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
ޝޯ އިން ބާރްތީ ވަކިކުރަން ނިންމީ ސޮނީން ކަމަށް ވެސް މ ޚަބަރުތަކުގައި ބުނެފައި ވެއެވެ. ބާރްތީ ޝޯ އިން ވަކިކުރި ކަމުގެ ޚަބަރުތަކެއް ފެންމަތި ވެގެން މި އުޅެނީ ޑްރަގް ގެންގުޅެ އެ ބޭނުން ކުރުމުގެ ތުހުމަތުގައި އިންޑިޔާގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބާރްތީ އާއި އޭނާގެ ފިރިމީހާ ހަރްޝް ލަމްބާޗިއާ އާ ސުވާލުކޮށް އެމީހުން ހައްޔަރުކޮށް ބެއިލް ބަހައްޓައިގެން ޖަލުން ދޫކޮށްލާފައި ވަނިކޮށެވެ.
އެންސީބީގެ އޮފިޝަލުންނާ ހަވާލާ ދީ އިންޑިޔާގެ ނޫސްތަކުން ބުނެފައި ވަނީ ބާރްތީ ޑްރަގް ގެންގުޅޭ ކަމަށާއި ބޭނުން ކުރާ ކަމަށް ވަނީ އެއްބަސްވެފަ އެވެ.
ބާރްތީ ހައްޔަރު ކުރިއިރު އޭނާ ހޯސްޓް ކުރަމުންދިޔަ ޝޯ އިންޑިއާޒް ބެސްޓް ޑާންސާގެ ފިނާލޭ އެޕިސޯޑް ވެސް ޝޫޓްކޮށް އޮތީ ނިމިފަ އެވެ. އެހެންވެ އެ ޝޯގެ ފިނާލޭ ދެއްކީ އޭނާ ޖަލުގައި ހުއްޓަ އެވެ. ނަމަވެސް ކަޕިލްގެ ޝޯއަށް ބާރްތީ ކޮންމެ ހަފުތާއެކު ވެސް ޝޫޓް ކުރަމުން ގެންގޮސްފައި ވެއެވެ.
ކަޕިލްގެ ޝޯ އިން ބާރްތީ ވަކި ކޮށްފި ކަމުގެ ޚަބަރު ފެތުރެން ފެށީ ބާރްތީ ޖަލުން ދޫކޮށްލިފަހުން ޝޫޓްކުރި އެޕިސޯޑްގައި އޭނާ ބައިވެރިވެފައި ނުވާތީ ކަމަށް ބެލެވެ އެވެ. ސަބަބަކީ ޝޯގެ އެހެން ބައިވެރިންނަށް ބާރްތީ އެ ޝޯއިން ވަކިކުރިކަން އެނގިފައި ނުވާތީ އެވެ.
ކަޕިލް ޝޯގައި ސަޕްނާގެ ރޯލު ކުޅޭ ކުރުޝްނާ އަބީޝޭކް ބުނި ގޮތުގައި ބާރްތީ ވަކިކުރުމަށް ދެކެވޭ ވާހަކަ ތަކަކީ ކަނޑައެޅިގެން ދޮގެކެވެ. އޭނާއާއި ކަޕިލް ވެސް ބާރްތީއަށް ތާއީދުކުރާ ކަމަށާއި އޭނާއާ އެކުގައިވާ ކަމަށް ކުރުޝްނާ ބުންޏެވެ.
ޝޯގެ އެހެން ބައިވެރިއެއް ކަމަށްވާ ކީކޫ ޝާރްދާ ވެސް ބުނީ ބާރްތީ ވަކި ކުރިކަން އޭނާއަށް ވެސް އެނގިފައި ނެތް ކަމަށެވެ. އަދި އެފަދަ ވާހަކައެއް ދައްކާ އަޑު އަހާފައި ވެސް ނެތް ކަމަށެވެ.
"އިއްޔެ އޮތް ޝޫޓިންގައި ބާރްތީ ބައިވެރިއެއް ނުވޭ. އެއީ ހަމައެކަނި އެނގޭ ވަރަކީ،" ކީކޫ ބުންޏެވެ.
ކުރުޝްނާ ބުނީ ޗެނަލުން އެފަދަ ނިންމުމެއް ނިންމިކަން އެނގިފައި ނުވާ ކަމަށާއި އަދި އެފަދަ ކަމެއް ކުރާނެ ކަމަށް ގަބޫލުވެސް ނުކުރެވޭ ކަމަށެވެ. އަދި އެފަދަ ކަމެއް ވިޔަސް އޭނާގެ ފުރިހަމަ ސަޕޯޓް ބާރްތީ އަށް އޮންނާނެ ކަމަށް ކްރުޝްނާ ބުންޏެވެ.
ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއު އެއްގައި ކްރުޝްނާ ބުނީ ބާރްތީ އަކީ އޭނާގެ ދައްތައެއްގެ ގޮތުގައި ދެކޭ ކަމަށެވެ. ވީމާ އޭނާއަށް ދެރަގޮތެއް ވާން ނޭދޭ ކަމަށެވެ. އަދި ކޮމޭޑިއަން ރާޖޫ ސްރީވާސްތާ ބާރްތީ އާ ދެކޮޅަށް މީޑިއާ ތަކުގައި ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ކަޕިލް އާއި ޝޯގެ ހުރިހާ ބައިވެރިން ވަރަށް ހިތްހަމަނުޖެހިފައި ތިބި ކަމަށް ވެސް ކްރުޝްނާ ބުންޏެވެ.