ބޮލީވުޑް

"އަޕްނޭ 2"ގައި ޑެއޯލް އާއިލާގެ ތިން ޖެނެރޭޝަން

ދަރިފުޅު ކަރަން ޑެއޯލް އާއެކު އާ ފިލްމެއް އުފައްދަން މަސައްކަތް ފަށާފައިވާކަން އެކްޓަރު ސަނީ ޑެއޯލް ހޯމަ ދުވަހު ވަނީ އިއުލާން ކޮށްފަ އެވެ. ސަނީ މިފަހަރު އުފައްދަނީ އޭނާ މީގެ އަހަރުތަކެއް ކުރިން އުފެއްދި "އަޕްނޭ"ގެ ސީކުއަލް އެކެވެ. "އަޕްނޭ 2"ގައި ސަނީގެ ބައްޕަ ދަރުމެންދުރަ އާއި ސަނީގެ ކޮއްކޮ ބޮބީ ޑެއޯލް ވެސް ބައިވެރިވާނެ އެވެ.

މިދިޔަ އާދިއްތަ ދުވަހު މި ފިލްމު ރަސްމީކޮށް އިއުލާން ކުރީ ދަރުމެންދުރަ އެވެ. އޭނާ ބުނި ގޮތުގައި ފިލްމު ތައްޔާރުކުރަނީ 2021 ގެ ނޮވެމްބަރުގައި ރިލީޒްކުރާށެވެ.

"އަޕްނޭ 2" ޑައިރެކްޓްކުރާނީ އަނިލް ޝަރުމާ އެވެ. ދީޕަކް މަހޫޓް ޕްރޮޑިއުސްކުރާ މި ފިލްމުގެ 2007 ގައި ރިލީޒްކުރި ފުރަތަމަ ބައި ވެސް ޑައިރެކްޓްކުރީ އަނިލް އެވެ.

ސަނީގެ ދަރިފުޅު ކަރަން ބޮލީވުޑަށް ނުކުތީ އޭނާގެ ބައްޕަ ޑައިރެކްޓްކުރި "ޕަލް ޕަލް ދިލް ކޭ ޕާސް" އިން 2019 ގައެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ވަރަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވެ ކަރަން އަށް ގިނަ ބައެއްގެ މަލާމާތް ވެސް ރައްދުވި އެވެ.

"އަޕްނޭ 2" އަކީ ފުރަތަމަ ފިލްމަށް ނުވިޔަސް ކަރަން އަށް ވަރަށް ޚާއްސަ ފިލްމަކަށް ވާނެ އެވެ. ސަބަބަކީ މިއީ އޭނާގެ އާއިލާގެ ތިން ޖެނެރޭޝަން އެއްކޮށް މަސައްކަތްކުރާ ފިލްމަކަށް ވާނެތީ އެވެ.

"އަޕްނޭ" އަކީ ސްޕޯޓްސް ޑްރާމާ އެކެވެ. އެ ފިލްމުގައި ދަރުމެންދުރަ ކުޅުނީ އެބުރު ގެއްލިފައިވާ ކުރީގެ ބޮކްސިން ތެޅި މީހެއްގެ ރޯލެވެ. ދަރިން މެދުވެރިކޮށް އޭނާގެ ގެއްލިފައިވާ އަބުރު އަނބުރާ ހޯދައި ކުރިން އޭނާއަށް މީހުން ދިން އިހުތިރާމާއި ލޯބި ހޯދަން ދަރުމެންދުރަގެ ކެރެކްޓާ އެ ފިލްމުގައި މަސައްކަތް ކުރެ އެވެ.
"އަޕްނޭ 2"ގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ އަންނަ މާޗުމަހު އެވެ.