(ތޭރަވަނަ ބައި)
މިކާޝްއާއި އައިރީން އަނެއްކާ ވެސް ހިނގައިގަތީ އާޓިފިޝަލްގައި ހުރި ގޮނޑިއާ ދިމާއަށެވެ. ކަންވީގޮތުގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް ފަހުގައެވެ. ޒޫނާއަށް ގެއްލުވާލަން އުޅުނު މީހުން ހައްޔަރު ކޮށްގެން ފުލުހުން އެތަނުން ދިޔުމުންނެވެ. އެމީހުންނާއެކު ހަނީފު ވެސް ހިނގައިގަތެވެ.
"ކޮބައިތަ އެ ޝަމް؟ އަހަންނާއެކު މިތަނަށް ވަން މީހާއަށް ވީގޮތެއް ނޭނގުނު؟" ހަނީފު ސުވާލުކޮށްލީ އައިރީންނަށެވެ.
އައިރީން ބަލައިލީ މިކާޝްގެ މޫނަށެވެ. މިކާޝް ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
"ފާޚާނާއަކަށް ދާން ޖެހިގެން ދިޔައީ، ނުބުނޭތަ؟" އައިރީން ވާހަކައެއް ހަދައިލިއެވެ.
"އާނ! ކިހިނެއް އައިރީންނަށް އެނގުނީ؟" ހަނީފު ސުވާލުގެ ނަޒަރުން ބަލައިލީ ސީދާ އައިރީންގެ މޫނަށެވެ.
"މެސެޖު ކުރި. ހަނީފުއާއެކު އަންނަމުން ވެސް މެސެޖު ކުރި. ދަމުން ވެސް ކުރި." އައިރީން ހިނިތުންވެލަމުން ފޯނުގެ ސްކުރީން ހަނީފަށް ދައްކާލިއެވެ.
"އެހެންތަ! މަ އަދި ހީކޮށްގެން މިއުޅެނީ އެ އުޅޭ ސުޕަރނެޗްރަލް ހީރޯއަކީ ޝަމްކަމަށް. އަނެއްހެން އޭނާގެ ބޮޑީ ޝޭޕާ އެ ކާޝްއެއްގެ ބޮޑީ ޝޭޕާ ވައްތަރު،" ހަނީފު ފުށްކިބައިގައި ކަނާއަތުން ފިރުމާލަމުން ބުނެލިއެވެ. "އެ ކާކުތަ؟ މިރޭ ވެސް ހާދަ ފިލްމީ މަންޒަރުތަކެއް އަހަރުމެންނަށް ފެނިއްޖޭދޯ! ހީވަނީ ހަމަ ހޮލީވުޑްގެ ފިލްމެއްގެ މަންޒަރު ފެނުނު ހެން. އަދިވެސް މިހުންނަނީ ގަބޫލުކުރަން ދަތިވެފަ. ރާއްޖެ ކަހަލަ ތަނަކުން މިކަހަލަ އާދަޔާ ހިލާފު މަންޒަރުތަކެއް ފެނުނީމަ ގަބޫލުކުރަން ވެސް އުނދަގޫ. އެކަމަކު ގަބޫލު ނުކޮށް ވެސް ވާހަކަށް ނެތް މިހާރަކު."
"އާނ! އެކަމަކު ވެސް އެއީ ހަގީގަތްތާ ދޯ! އަހަރުމެން އެންމެ ކުރިމަތީގައި ހުރިހާ ކަމެއް ވެ ނިމިގެން އެ ދިޔައީ ވެސް." އައިރީން ހިނިތުންވެލިއެވެ.
"ތިވާހަކައޭ މި ދައްކަނީ،" ހަނީފު ބަލައިލީ މިކާޝްއާ ދިމާއަށެވެ. "މި ކޮން ކުއްޖެއްތަ؟ ކުރިން ނުފެންނަ ކުއްޖެއް މި."
"ތި ތި..." އައިރީނަށް ބުނަންވީ އެއްޗެއް ނުވިސްނުނެވެ.
"ހަބީބާ. މިއަދު މާލެއައީ." މިކާޝް އިސްވެ ވާހަކަދެއްކިއެވެ.
"އެހެންތަ؟ ހާދަ އިހުގެ ނަމެއް. އެކަމަކު ވަރަށް ޔުނީކް ތިޔަ ނަން ވެސް. ނަމާ އެއްވަރަށް ރީތިވެފައި ފުރިހަމަ." ހަނީފު ހިނިތުންވެލިއެވެ.
"މި ދިވެހި ފިރިހެނުންނަށް އެނގޭނެހާ ވެސް ކަމަކީ މީހުންނަށް ތައުރީފުކޮށް އަންހެން ކުދީންގެ އިހުސާސްތަކާ ކުޅުން. ދެން އޮންނާނީ ދެ އިރު ދެ ދަޅަޔަށް ކޮފީ ބުއިމާއި ހުސް އަނގަތެޅުން. ދެން އޮންލައިން ގޭމުކުޅުން، އެނޫން ކަމެއް ނުކުރާނެ." އައިރީން ހިނިތުންވެލަމުން ހަނީފާ ދިމާކޮށްލިއެވެ.
"އާނ! އެކަމަކު ދެރައީ އައިޝަމްއަކީ ވެސް ދިވެހި ފިރިހެނަކަށްވީކަންދޯ." ހަނީފު ނިތްއަރުވާލަމުން މިކާޝްއަށް ބަލައިލިއެވެ.
"ޝަމްއަކީ ދިވެއްސެއްކަން ކިހިނެއް އެނގެނީދޯ؟" މިކާޝް ހިނިތުންވެލިއެވެ.
"ދިވެހިރާއްޖެއަށް އުފަންވެ، ދިވެހި ރުކުގެ ހިޔާދަށުގައި އުޅެ ދިވެހި ދިދައެއްގެ މިނިވަންކަމުގެ ދަށުން ބޮޑުވެ، ދިވެހި އައިޑީކާޑެއް އޮވެ، ދިވެހިބަހުން ވާހަކަދައްކާ ދިވެއްސެއްގެ ގޮތުގައި އުޅޭނީ ދިވެހިންތާ! އެއީ އެއްނު ދިވެހި ގަޑީ ދަސްކުރި ވާހަކަތަކަކީ." ހަނީފު ހޭންފެށިއެވެ.
"އެހެންވީމަ ތިޔަހުރީ ދިވެހި ފިލާވަޅު އެކަނި ދަސްކޮށްފަ." މިކާޝް ވެސް އެވާހަކައިގެ ތެރެއަށް ވަނެވެ.
"މާނައަކީ؟" ހަނީފު ސީރިއަސްވާން ފެށިއެވެ.
"ސައިންސް ގަޑިއަށް މަކަރު ހެދިވާހަކަ. ބައޮލޮޖީ ގަޑީގައި ކުލާހުން ބޭރުގައި އުޅުނު ވާހަކަ." މިކާޝް ހިނިތުންވެލިއެވެ.
"ކިހިނެއްވީ މިހާރު؟ ކީއްވެ ބަހެއް ނުބުނެ އިރުގަނޑެއް މިވީ." އައިރީން ދިމާކުރާ ރާގުގައި ހަނީފަށް ބަލައިލިއެވެ.
"އަސްލު، ކިހިނެއް އެނގުނީ އަހަރެން އެހެން އުޅުނު ކަމެއް؟" ހަނީފުގެ ރާގު ބަދަލުވިއެވެ.
"ތިބުނީ؟" އައިރީން ވެސް ހައިރާންވިއެވެ.
"މިބުނީ ހަބީބާ އެ ބުނި ވާހަކަ." ހަނީފު ޝައްކުގެ ނަޒަރުން ބަލައިލިއެވެ.
"އެބުނީ ރަނގަޅަށް. މިއީ ކުލާހުގައި ކިޔަވަން އުޅުނު ސޮރެއް ނޫނޭ. އަބަދު ކަމަކީ ބޭރަށް ނުކުތުން. ނަސީބެއް ރަނގަޅު ވަޒީފާ ގަނޑެއްގައި ހަރުލައިފަ ހުރިކަން ވެސް." އެމީހުން ފަހަތުން އައިޝަމްގެ އަޑު އިވުމުން އެންމެން އެކުގައި ބަލައިލިއެވެ.
"އަހަންނަށް ލަސްވެއްޖެ އިނގޭ." މިކާޝް ތެދުވިއެވެ.
"ދަނީތަ؟" އައިޝަމް ބަލައިލީ ސީދާ މިކާޝްގެ ލޮލަށެވެ.
މިކާޝްގެ ލޮލުގެ އިޝާރާތުން ދެތިން ވާހަކަ ބުނެލިއެވެ. އައިޝަމާއި އައިރީންގެ ސިކުނޑިއަށް އެ ވާހަކަތައް ތަރުޖަމާ ވެގެން ދިޔައެވެ.
"އެކަނި ދާކަށް ނުވާނެއްނު. އަހަރެން ލިފްޓެއް ދެންތަ؟" ހަނީފު ހިނިތުންވެލިއެވެ.
"ތި އަނެއްކާ އަނެއް ކަންތައް. ފުރަތަމަ ހައި ބައި، ދެން ލިފްޓެއް، ސިކުންތެއް ފަހު އައި އޭމް އިން ލަވް... ދެ ދުވަސް ވާއިރަށް އެހެންވީ ކަމެއް ނޫނޭ. ޓައިމް ޕާސްކޮށްލީއޭ. މިއެއް ނޫންތަ ދިވެހި ފިރިހެނުންގެ ޑައިލޮގަކީ؟" އައިރީން ބަލައިލީ މިކާޝްގެ މޫނަށެވެ.
"އޭނަ އެކަނި ހިނގައިދާނެ. އެ މޮޅު ކުއްޖެކޭ. ކަންކަމަށް ފަރިތަ ހުޝިޔާރު ކަނބަލެކޭ ދޯ." އައިޝަމް އެއްލޯ މަރައިލަމުން މިކާޝަށް ބަލައިލިއެވެ.
"އޭ އައިރީން ގާތުގައި ބަހައްޓައިގެން ތި ކަޓުވަނީ އިނގޭ." ހަނީފު ދިމާކޮށްލީ ސީދާ އައިޝަމް އަށެވެ.
"އެއީ ހަގީގަތް. ހަގީގަތަކީ ކޮބައިކަމާއި، ހަގީގަތާ ކުރިމަތިލާން ޖެހޭނެ ކަން އަހަރުމެންނަށް ވިސްނެޔޭދޯ ޝަމް. އެހެންނޫނަސް އަހަރުމެންނަކީ އެއަށްވުރެ ބޮޑެތި ކަންކަމާ ކުރިމަތިލާން ޖެހޭނެ އަދި ކުރިމަތި ލައިގެން ކާމިޔާބު ހޯދާން ކެރޭ ބަޔަކަށްވާން ޖެހޭނެ. ދުނިޔޭގައި އެކި މީހުންނަށް ކުރިމަތިވާނީ އެކި އިމްތިހާނު. ހަނީފުމެން ހީކުރާ ގޮތާ ހިލާފަށް ވެސް ކަންކަން ހިނގައިފާނެ." އައިރީން މިކާޝްއާ ސަލާމްކޮށްލަމުން ހަނީފަށް ޖަވާބު ދިނެވެ.
މިކާޝް އައިޝަމްއަށް ބަލައިލަމުން ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އޭނާ ހިނގައިގަތީ މަޖީދީ މަގާ ދިމާއަށެވެ. އެ މަންޒަރު ބަލަން ތިން މީހުން ތިއްބެވެ. މަޖީދީމަގާ ހަމައަށް ގޮސް މިކާޝް މަންޒަރުގެ ތެރެއަށް ފޭދިގެން ދިޔައެވެ.
"އޭ ކިހިނެއް އެވީ؟" ހަނީފަށް ފެނުނު މަންޒަރު އޭނާގެ ހައިރާންކަން އިތުރުވިއެވެ.
"ކިހިނެއްވީ؟" އައިޝަމް ނޭނގޭ ކަމަށް ހެދިއެވެ.
"އެ ހަބީބާ ގެއްލުނީއެއްނު." ހަނީފު ބުނެލިއެވެ.
"އެހެރަ ދަނީއެއްނު. ސާބަސް މިހާރު އެ މަންޖެއާ ހިތާވީތަ؟" އައިޝަމް ލާނެތް ރާގެއްގައި ބުނެލިއެވެ.
"ތަފާތު ރީތި މަންޖެއެއް، ހިތް ކިޔާ ކަހަލަ ގޮތެއް އެބަހުރި. އައްޑޫ މަންޖެއެއްތަ؟ ބޭރު މުޑުވަކެއްހެން ވެސް ހީވޭ." ހަނީފު ހޭންފެށިއެވެ.
"ޕިސްޕިސް، ހަނީފުމެން ކޮން ދުވަހަކުން ތިއުޅުން ދޫކޮށްލާނީ." އައިރީން ހިތްހަމަ ނުޖެހުނެވެ.
"ކިހިނެއްވީ؟ ހަގީގަތް ބުނެވިދާނެއްނު މަށަށް ވެސް." ހަނީފު އެނބުރިލީ މޫދާ ދިމާއަށެވެ.
"އެކަމަކު މީހަކު ފެންނައިރަށް ބޮލަށް ތި އަރާ އައްސިގަނޑެއްދޯ. ތިޔަ ވިސްނުން ދޫކޮށްލާ ތަންކޮޅެއް ތަހުޒީބު ވިސްނުމެއް ގެންނާން ވެއްޖެއްނު. މިހާރު ތިޔައީ ޅަ ކުދީންނެއް ނޫންވިއްޔަ." އައިރީން ނަސޭހަތުގެ ރާގުގައި ބުނެލިއެވެ.
"މީ ދެން މަޖަލޭ ދޯ... އަނގަ ފޮނި... މަ ދެން ދިޔައީ އިނގޭ. މަ ގާތު ނުބެނެ ޝަމް މިތަނަށް މަ ގެނައީ ތިޔަ ލެކްޗަރުތައް ދޭންތަ؟" ހަނީފު ފޯނަށް ބަލައިލަމުން ބުނެލިއެވެ. "ދެ ކުދިން ދެން ފޮޅުވައިލާ."
"ތޭންކްސް." އައިޝަމް ހިނިތުންވެލިއެވެ.
ހަނީފު އެތަނުން ދަންދެން ދެމީހުން ބަލަހައްޓައިގެން ތިބީ އޭނާ އަށެވެ. އެކަކު އަނެއްކަކާ ޖެހި ފިތި ބާރުވެގެންނެވެ. އައިޝަމްގެ ގައިގައި އައިރީން ބާރަށް ބައްދައިލިއެވެ. އެއާއެކު ދެމީހުން އެކުގައި މައްޗަށް އެރިއެވެ. އައިރީނަށް ލޯ މަރައިލެވުނެވެ. ވައިގެ ތެރޭގައި ދެމީހުން އެކަތި ގަނޑެއްގެ ސިފައިގައި ކުރިއަށް ދިޔައެވެ. އެމީހުންގެ މިސްރާބު ހުރީ ސުނާމީ ބިނާއާ ދިމާއަށެވެ.
ސުނާމީ ބިނާގެ އެންމެ މަތީ ބޯޅައިގައި އިށީނދެގެން އެމީހުންގެ އިންތިޒާރުގައި މިކާޝް އިނެވެ. އައިރީން ލޯ ހުޅުވާލިއެވެ. އޭނާގެ ފައި ތަނެއްގައި ޖެހުމުންނެވެ. އެއީ މިކާޝް އިށީނދެ އިން ބޯޅައެވެ.
"ކިހިނެއްވީ؟ މި ހުރިހާ ދުވަހު ކޮންތާކު އުޅެފަ ތިޔައީ؟ ކިހިނެއް އައިރީން ހޯދީ؟" ސުނާމީ ބިނާގެ ދަގަނޑު އެ ބޯޅައިގެ މަތީގައި މިކާޝްގެ ގާތުގައި އިށީންނަމުން އައިޝަމް އެއްފަހަރާ އަމުނައިލިއެވެ.
"ވަރަށް އަނިޔާ ލިބިފަ ހުރި. ވަރަށް ހާލުގަ އުޅެފަ އައީ." ޖަވާބު ދިނީ އައިރީންނެވެ.
"ތިބުނީ؟" އައިޝަމް އަނެއްކާ ވެސް އަހައިލިއެވެ.
"ޝަމްގެ ދިފާއުގައި މިކާޝް ވަރަށް ބޮޑެތި ގުރުބާނީތަކެއް ވަމުން އެދަނީ. އަހަންނާ ދިމާވިއިރު ވެސް ކޮނޑުގެ އެތަން މިތަން ހުރީ ޒަހަމުވެފަ. މުޅި މީހާހުރީ ވަރަށް ވީކް ވެފަ." އައިރީން އަނެއްކާ ވެސް ޖަވާބު ދިނެވެ.
"ދެން؟" އައިޝަމްގެ މޭ ތެޅި ގަތެވެ.
"އައިގެ އަނގޮޓި،" މިކާޝްގެ އަޑުގައި ހުރީ ތުރުތުރު އެޅުމެކެވެ. "ހުރިހާ ވެސް ފަރުވާއަކީ އެ. އެހެންވެ އޭނާ ހޯދައިގެން އައީ."
"ނަސީބެއްނު އައިރީނަށް އެކަހަލަ އެއްޗެއް ދެވިފައި އޮތްކަން. އަނގޮޓިން އަހަންނަށް ވެސް ފަރުވާ ދިން. އަހަންނަށް ކަމެއް އެބަ ޝައްކުވޭ މިހާރު." އައިޝަމް ވިސްނަން އިނދެފައި އަހައިލިއެވެ.
"ތިބުނީ؟" އައިރީން ސުވާލުގެ ނަޒަރުން ބަލައިލީ ސީދާ އައިޝަމްގެ މޫނަށެވެ.
"ތިޔަ އަނގޮޓިން އެހެން މީހެއްގެ ޒަހަމުތައް ފަސޭހަވޭތަ؟" އައިޝަމް ބަލައިލީ މިކާޝްގެ މޫނަށެވެ.
"ނުވާނެ! އެއީ އިންސާނުންނަށް ފަރުވާއެއް އޮތް އެއްޗެއް ނޫން." މިކާޝް ފަނޑުގޮތަކަށް ބުނެލިއެވެ.
"މާނައަކީ؟" އައިޝަމް ދެ ބުމަ ކައިރި ކޮށްލިއެވެ.
"މާނައަކީ އެއީ އަހަރުމެންގެ ނަސްލަށް ފަރުވާ ލިބޭގޮތަށް އޮތް އެއްޗެކޭ." މިކާޝް ދެ ލޯ ފޮހެލިއެވެ.
"އަހަރުމެންގެ ނަސްލު، ވަޓް ޔޫ މީން." އައިޝަމް ސުވާލުގެ ނަޒަރުން މިކާޝަށް ބަލައިލިއެވެ.
"އާނ! އަހަރެން މިއައީ މި ހުރިހާ ކަމެއް އެނގުމުން. އަހަންނަށް މައާފުކުރާތި. އަހަންނަށް ކަންކަން އެނގެމުންދާ ވަރަކަށް ހިއްސާކުރަމުން މި ދަނީ. މިއަދު އަހަރެން ވަރަށް ލަދު ވެސް ގަނޭ. ދެރަވެސްވޭ." މިކާޝް ގިސްލެވެން ފެށުނެވެ.
"ނުވިސްނުނު." އައިރީންއާއި އައިޝަމް އެކުގައި ބުނެލިއެވެ.
"އަހަންނަށް ޝަމްގެ މަންމައާ ބައްދަލުވާނެ ގޮތެއް ވެދާނެތަ؟" މިކާޝް ކޮޅަށް ތެދުވެލިއެވެ.
"މިހާރު؟" އައިޝަމް ހާސްވާ ގޮތްވިއެވެ.
"މަންމަ؟ އެއީ؟" އައިޝަމް ދެ ފިކުރެއްގައި ހުރެ ބުނެލިއެވެ.
"ޕްލީޒް، އަހަންނަށް މިކަން ކޮށްދީ! އަހަރެން ދުވަހަކު ވެސް، ދުވަހަކު ވެސް މަންމައަކާ ދިމާނުވޭ. މަންމަ ހުންނަ ގޮތް ވެސް ނުފެނޭ." މިކާޝް ރޯންފެށިއެވެ. (ނުނިމޭ)