ވިޔަފާރި

ދުވާލަކު މީހަކަށް ނަގުނު ފައިސާ ނެގޭ އަދަދު 200،000ރ. ލިމިޓް ކުރަނީ

ރާއްޖޭގައި ދުވާލަކު މީހަކަށް ނަގުދު ފައިސާ ނެގޭ އަދަދު 200،000ރ. އަށް ލިމިޓް ކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

މަރުކަޒީ ބޭންކުގެ ސްޕޯކްސް ޕާސަން، މުހައްމަދު ނާސިހު ވިދާޅުވި ގޮތުގައި މި ބަދަލު ގެންނަން ނިންމީ، ޑިޖިޓަލް ޒަރިއްޔާ އިން ފައިސާ ބޭނުން ކުރަން ހިތްވަރު ދޭން ކަމަށެވެ. މި ބަދަލު ގެންނަން ނިންމާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބަދަލުގެ ސަބަބުން ވިޔަފާރިތަކަށް ނަގުދު ފައިސާ ބޭނުންކުރުމުގެ ސަބަބުން އޮންނަ ހިރާސްތައް މަދު ވާނެ. އަދި ޑިޖިޓަލް އަދި އިލެކްޓްރޯނިކް ޓްރާންސެކްޝަންތައް އިތުރުކުރުމަށް ހިތްވަރަކަށް ވާނެ،" ނާސިހު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ރާއްޖޭގައި މިހާތަނަށް ނަގުދު ފައިސާ ނެގޭނެ ވަކި ލިމިޓެއް ނޯވެ އެވެ. އަދި މިމަހުގެ 31 ގެ ފަހުން ލިމިޓް ކުރަން ހަމަޖައްސާފައިވާ 200،000ރ. އަކީ ނިސްބަތުން ބޮޑު އަދަދެކެވެ. މި ވަރުގެ ފައިސާގެ އަދަދެއް އާއްމު ގޮތެއްގައި ދުވާލެއްގެ މައްޗަށް މުއާމަލާތް ކުރަނީ މިފްކޯއިންނެވެ. އެއީ މަސްވެރިންނަށް ފައިސާ ދެއްކުމަށެވެ. ނަމަވެސް މިހާރު މިފްކޯ އިން ވެސް މަސްވެރިންނަށް ފައިސާ ދެނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށެވެ.