ބޭންކް އޮފް މޯލްޑިވްސް

11 އިގެ ކުރިން ލިބޭ ޓީޓީތައް އެ ދުވަހު ޕްރޮސެސް ކުރާނެ: ބީއެމްއެލް

ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވަން ލިބޭ ހުށަހެޅުންތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ޕްރޮސެސް ކޮށްދޭނީ އެ ދުވަހެއްގެ 11:00 ޖެހުމުގެ ކުރިން ބީއެމްއެލް އަށް ލިބޭ ހުށަހެޅުންތަކަށް ކަމަށް ބޭންކް އިން ބުނެފި އެވެ.

ކޮވިޑް-19 އިގެ ހާލަތު ގޯސްވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅުގެ ގޮތުގައި އެމްއެމްއޭ އިން ބޭންކުގެ ހިދުމަތްތައް ދޭ ވަގުތުތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެކަމާ ގުޅިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލްގެ ހިދުމަތްތަކަށް ގެނައި ބަދަލުތައް އެ ބޭންކުން ވަނީ އާންމު ކޮށްފަ އެވެ.

ބީއެމްއެލް އިން ބުނީ މެންދުރު 12:00 ގެ ކުރިން މުވައްޒަފުންގެ މުސާރަ ފޮނުވުމުން ޖަމާ ކޮށްދޭނެ ކަމަށެވެ. އެ ގަޑިއަށް މުސާރަ ޖަމާ ކޮށްދޭނީ ބީއެމްއެލް އެކައުންޓްތަކަށް އެކަންޏެވެ. އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާ ކުރާނަމަ އެދުވަހަކު ޕްރޮސެސް ކޮށްދޭނީ ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކެވެ.

އޭޓީއެމް މެދުވެރިކޮށް ޖަމާ ކުރާ ބީއެމްއެލް ޗެކްތަކުގެ ތެރެއިން ޕްރޮސެސް ކުރާނީ މެންދުރު 12:00 ގެ ކުރިން ޖަމާ ކުރާ ޗެކްތަކެވެ. އަދި ހެނދުނު 9:30 ގެ ކުރިން އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ކްލިއަރިން ޗެކްތައް ވެސް އެދުވަހަކު ޕްރޮސެސް ކުރާނެ އެވެ.

މާލޭ ސިޓީގައި ބޭންކިން ހިދުމަތް ހޯދާ ފަރާތްތަކުން ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެގުމަށް ބީއެމްއެލް އިން އިލްތިމާސް ކުރެ އެވެ. އަދި ހިދުމަތް ހޯދުމަށް ބޭންކަށް ދިއުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިބި ކަސްޓަމަރުންގެ އަދަދު ޗެކް ކުރުމަށް ވެސް ބީއެމްއެލް އިން އިލްތިމާސްކުރެ އެވެ.

މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުތަކުން ހިދުމަތް ދޭނީ ހޯމަ އަދި އަންގާރަ އާއި ބުރާސްފަތި ދުވަހެވެ. އެދުވަސްތަކުގައި ބޭންކުން ހިދުމަތް ދޭނީ ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ.