އިދިކޮޅު ފަރާތްތައް

އިދިކޮޅު ހަރަކާތުގައި ބައިވެރިވި ދެ މުވައްޒިފަކަށް ފިޔަވަޅު އަޅައިފި

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލުގައި ހުންނަވާތާ އެއް އަހަރު ވުމާއި ދިމާކޮށް އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ބައިވެރިވި ސިވިލް ސާވިސް ދެ މުވައްޒިފަކަށް ފިޔަވަޅު އަޅާފައިވާ ކަަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން ބުނީ ހޮނިހިރު ދުވަހު އޮތް އިހުތިޖާޖުގައި ބައިވެރިވި ނ. ލަންދޫ ސްކޫލްގައި ވަޒީފާ އަދާކުރާ އިބްރާހީމް އަބްދުއްލަތީފް އާއި ހާލިދު އަބްދުލް ކަރީމް 30 ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އެ ކޯލިޝަނުން ވަނީ އެ ދެ މުވައްޒިފުން ސަސްޕެންޑްކޮށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި އެންގުންވެސް އާންމުކޮށްފައެވެ.

އެކަން ކުށްވެރިކޮށް އިދިކޮޅުން ބުނީ ރައްޔިތުން އިތުރަށް ނިކަމެތި ކުރުމަށް ސަރުކާރުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

"...ހަމަ އެއާއެކު އެ ދުވަހުގެ އިހްތިޖާޖުގައި ބައިވެރިވި ބައެއް ކުންފުނި ތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ ބައެއް ވަޒީފާތަކުގައި ތިބި ފަރާތްތަކަށް އިންޒާރުދީ ވަޒީފާއިން ކަނޑާލާނެ ކަމުގެ ބިރު ދައްކަމުންދާ ކަމަށްވެސް މި ކޯލިޝަނަށް މައުލޫމާތު ލިބެމުން އެބަދޭ. މި ފުރުސަތުގައި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި ހިޔާލު ފާޅުކުރުމުގެ ހައްގު ހުރިހާ ރައްޔިތުންނަށް ހޯދައިދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށް ހަނދުމަފުޅުކޮށް އަރުވަން. އަދި ބިރުދެއްކުމާއި އިންޒާރަށް ފަސްނުޖެހި ހައްގު ގޮތުގައި ރައްޔިތުން އަޑުއުފުލަމުންދާނެ ވާހަކަވެސް ދަންނަވަން،"

އިދިކޮޅު ކޯލިޝަނުން ބުނީ ނޮވެމްބަރު 28 ވަނަ ދުވަހު މުޅިރާއްޖޭގައި ކުރިއަށް ދިޔަ ސުލްހަވެރި އިހްތިޖާޖަކީ ދުރާލާ އިއުލާން ކުރެވިގެން "ރައީސް ޔާމީނަށް ކުރާ އަނިޔާ އާއި ދެކޮޅަށް ރާއްޖެ" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ އިހްތިޖާޖެއް ކަމަށާ ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ސޮއިކުރައްވާފައިވާ މުވައްޒިފުން ސަސްޕެންޑުކުރިކަން އެންގި ލިޔުމުގައި އެ ދުވަހުގެ މުޒާހަރާ ކުރިއަށް ގެންދިޔައީ "ރައީސުލްޖުމްހޫރިއްޔާ ދަންޖައްސާ މަރާލުމަށް" ކަމަށް އޮތުމަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި އެއީ އިދިކޮޅު ދެ ޕާޓީ ބަދުނާމުކޮށް ހަގީގަތްތް އޮޅުވާލުމަށް ކޮށްފައިވާ ވަރަށް ދަށު ދަރަޖައިގެ ހަޑިހުތުރު އަމަލެއް ކަމަށް ބުނެ އެކަމާގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ވަނީ ބުނެފައެވެ.