ރައީސް އަބްދުﷲ ޔާމީން

މުގައްރަރު ބަދަލު ކުރުމަކީ ބޮޑު ނުރައްކަލެއް: ޔާމީން

ދަރިވަރުންގެ މުގައްރަރު އިސްލާހު ކުރުމުގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ މަސައްކަތަކީ ވަރަށް ނުރައްކާތެރި މަސައްކަތެއް ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ތުލުސްދޫއަށް ވަޑައިގެން އެ ރަށުގައި ތިއްބެވި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ތައުލީމީ ދާއިރާ ދަތުރު ކުރަމުން ދަނީ ރަނގަޅު މިސްރާބަކަށް ނޫން ކަމަށެވެ. އެގޮތުން ތުއްތު ކުދިންގެ މުގައްރަރު އިސްލާހު ކުރުމުގެ ނަމުގައި އެ މަސައްކަތް އިނގިރޭސިވިލާތުގެ ބަޔަކާ ހަވާލު ކޮށްފައިވާ ކަމަށް ވިދާޅު ވިއެވެ.

އެއީ ނުރައްކާތެރި މަސައްކަތެއް ކަމަށާ އެކަމާއި ގުޅިގެން ޕީޕީއެމް / ކޮންގްރެސްގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް އިޝާރާތް ކުރައްވާ އިދިކޮޅު ލީޑަރު ވިދާޅުވީ އެ ކަންބޮޑުވުންތައް ހިއްސާ ކުރަން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލު ކުރަން ގިނަ މަސައްކަތްތަކެއް ކޮށް ކާމިޔާބުވެފައި ނުވާކަމަށެވެ.

"މިހާރު ފެށިގެން އެ އުޅެނީ ނުރައްކާތެރި މަސައްކަތްތަކެއް. އެ މަސައްކަތްތަކުގެ ތެރޭގަައި މަދަރުސާ ކުދިން، ތުއްތު ކުދިން ކިޔަވާ މުގައްރަރު އިސްލާހު ކުރުމުގެ ނަމުގައި، އިސްލާހު ކުރުން ހަވާލު ކޮށްގެން އުޅެނީ އިނގިރޭސިވިލާތުގެ ބަޔަކާ. އަޅުގަނޑުމެންގެ ޕާޓީން އެކި ފަހަރު އެދެފިން އަޅުގަނޑުމެންގެ އިލްމުވެރިން ބޭނުންވެއޭ ތިޔަ ބޭފުޅުންނާ ބައްދަލު ކުރަން. ލިޔުމުން ދަންނަވައިފިިން. އެކި ގޮތްގޮތުން މަސައްކަތް ކޮށްފިން. އަދި އަޅުގަނޑުމެންނަކާ އެޑިއުކޭޝަންގެ މަސްއޫލުވެރިންނަކާ ބައްދަލުވާ ގޮތެއް ނުވޭ." ރައީސް ޔާމީން ވިދާޅުވި އެވެ.

މިހާރު ފެށިގެން އުޅޭ މަސައްކަތްތަކުގެ ތެރޭގަައި މަދަރުސާކުދިން، ތުއްތު ކުދިން ކިޔަވާ މުގައްރަރު އިސްލާހު ކުރުމުގެ ނަމުގައި، އިސްލާހު ކުރުން ހަވާލުކޮށްގެން އެ އުޅެނީ އިނގިރޭސިވިލާތުގެ ބަޔަކާ... އަޅުގަނޑުމެންގެ ޕާޓީން އެކި ފަހަރު އެދެފިން އަޅުގަނޑުމެންގެ އިލްމުވެރިން ބޭނުންވެއޭ ބައްދަލުކުރަން، ލިޔުމުން ދަންނަވައިފިިން... އެކި ގޮތްގޮތުން މަސައްކަތްކޮށްފިން. އަދި އަޅުގަނޑުމެންނަކާ އެޑިއުކޭޝަންގެ މަސްއޫލުވެރިންނަކާ ބައްދަލުވާ ގޮތެއް ނުވޭ
އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު

ރައީސް ޔާމީން ވިދާޅުވީ ދިވެހި ދަރިވަރުންނަށް ދެވޭ ތައުލީމަކީ އިސްލާމްދީނާ ބީރައްޓެހި ކުރުވަން ދޭން ތައުލީމަށް ވާނަމަ އެއީ ކަމެއް ނޫންކަމަށް ދެކެ އަޅައިނުލައި ނުތިބޭނެ ކަމަށެވެ. އެކަމަކު ވިދާޅުވީ އިލްމީ ގޮތުން ކުރިއަށްދާން ސަރުކާރުން ކުރާ މަސައްކަތްތަކަށް ގޮންޖެހުން ކުރިމަތިކުރުވާ ބަޔަކަށް ޕީޕީއެމް / ކޮންގްރެސް ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ސަލާމަތްކަން އޮތީ އެއް އުންމަތެއްގެ ގޮތުގައި، އެއް ދީނެއްގެ މަތީގައި ތިބި ބަޔަކަށް ވެގެން. އެ ގޮތުގައި ތިބުން."

ރައީސް ޔާމީން ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ދަރިންގެ ތަރުބިއްޔަތަށް ކަމަށާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ އިސްވެރިން އެކަން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.