ދުނިޔެ

ޗައިނާއާ ޕާކިސްތާނުން މިލިޓަރީ ޑީލެއް ގައި ސޮއިކޮށްފި

ޗައިނާ އާއި ޕާކިސްތާނުން މިލިޓަރީ "މެމޮރޭންޑަމް އޮން އަންޑަސްޓޭންޑިން" (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ. މިއީ މިިލިޓަރީ ގުޅުން ވަރަށް ބަދަހި ދެ ގައުމެވެ.

ޗައިނާގެ ޑިފެންސް މިނިސްޓަރު، ޖެނެރަލް ވެއި ފެންގޭ، އިސްލާމްއާބާދަށް ވަޑައިގެން ޕާކިސްތާންގެ ވެރިންނާ ބައްދަލު ކުރައްވައި ވަނީ ރާވާލްޕިޑީގައި ހުންނަ ސިފައިންގެ ހެޑްކުއާޓަރަށް ޒިޔާރަތް ކުރައްވާފަ އެވެ.

ޖެނެރަލް ވެއި ފެންގޭ އަންގާރަ ދުވަހު ޕާކިސްތާންގެ ރައީސް، ޑރ. އާރިފް އަލްވީ އާއި ބޮޑުވަޒީރު، އިމްރާން ހާން އާ ވެސް ބައްދަލު ކުރެއްވި އެވެ. ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރެވުނީ މިލިޓަރީ ގުޅުން އިތުރަށް ހަރުދަނާކޮށް ރައްކާތެރިވުމަށް ދުރާލާ ވިޔަވަޅުތައް އެޅުމަށެވެ.

ޕާކިސްތާން މީޑިއާ ބުނާ ގޮތުގައި ދެ ގައުމުން "އެމްއޯޔޫ"އެއް ގައި ވެސް ސޮއިކުރި އެވެ. މިލިޓަރީ ޑީލެއް ކަމަށް ފާރަވެރިން ސިފަކުރާ އެއްބަސްވުމުގައި ސޮއިކުރީ، ސިފައިންގެ މައި މަރުކަޒުގަ އެވެ. މި ބައްދަލުވުމުގައި ޖެނެރަލް ވެއި ފެންގޭ އާއި ޕާކިސްތާން ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް ގަމަރު ޖާވިދު ބަޖްވާ ބައްދަލު ކުރެއްވި އެވެ.

ޗައިނާގެ ޑިފެންސް މިނިސްޓަރު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރާ ބެހޭ ގޮތުން ދުނިޔޭ ގައުމުތަކުން ދަނީ ލޯއަޅަމުންނެވެ. ޖެނެރަލް ވެއި ފެންގޭ ނޭޕަލަށް ފަހު ޕާކިސްތާނަށް ވަޑައިގަތް ބޭނުންފުޅަކާ ބެހޭ ގޮތުން ދަނީ މަޝްވަރާކުރެވެމުންނެވެ.

އިންޑިޔާ ސަރުކާރުން މި ދަތުރު ވަކި ގޮތަކަށް ސިފަނުކުރި ނަމަވެސް، އިންޑިޔާގެ މީޑިއާތަކުން ދަނީ އެކި ކުލަޖައްސަމުންނެވެ. ދެ ގައުމުގެ ގުޅުން، އިމުގެ މައްސަލާގައި، ޚަރާބުވެފައި އޮތްއިރު، ޗައިނާއިން ކުރަން އުޅޭ ކަމެއް ނޭނގޭ ކަމަށް ވެސް ބައެއް ނޫސްތަކުން ބުނެ އެވެ.