ޗެމްޕިއަންސް ލީގް

ޝަކްޓާއިން ރެއާލް އަޑިއަށް ގަންބާލައިފި

ރެއާލް މެޑްރިޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޔޫކްރޭންގެ ޝަކްޓާ ޑޮނެސްކުން ތާވަލުގެ ދެ ވަނަ މަގާމަށް ޖެހިލައި ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރަށް ކޮލިފައިވުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

ކިއޭވްގައި ކުޅުނު މެޗަކީ ޝަކްޓާއިން ރެއާލް ބަލި ކުރި ދެ ވަނަ ފަހަރެވެ. މެޑްރިޑްގައި ކުޅުނު މެޗު ޝަކްޓާ ކާމިޔާބު ކުރީ 3-2 ންނެވެ. މެޗުން ބަލިވުމުން ޒިދާންގެ ޓީމު ގުރޫޕް ސްޓޭޖުން ކަޓައިގެން ދިއުމުގެ ބިރު ވަނީ ކުރިމަތި ވެފަ އެވެ.

ފުރަތަމަ ހާފުގައި ރެއާލްއިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. މާކޯ އެސެންސިއޯ ފޮނުވާލި ބޯޅަ ގޯލް ދަނޑިއަށްވެސް އަމާޒުވި އެވެ. ދެ ވަނަ ހާފުގައި ރެއާލްއަށް އެކަށީގެންވާ ފުރުސަތުތަކެއް ނުއުފެއްދުނެވެ. ޝަކްޓާއިން ހަމަލާ އުފައްދަމުން ދިޔައީ ފަހަތުގައި ތިބެ ލިބޭ ކައުންޓަ އެޓޭކްގެ ފުރުސަތުތަކުންނެވެ. އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ބުރުނޯ ފެރެއިރާ (ޑެންޓީނިއޯ) އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މެޑްރިޑްގައިވެސް ރެއާލް ކޮޅަށް ލަނޑު ޖެހި މަނޯރު ސޮލްމަން އެވެ.

ޝަކްޓާ އާއި ރެއާލްއަށްވެސް ލިބިފައިނީ ހަތް ޕޮއިންޓެވެ. ޝަކްޓާއަށް ކުރި ލިބެނީ ރެއާލްގެ މައްޗަށް ހެޑްޓް ހެޑްގައި ކުރި ހޯދާފައި ވުމުންނެވެ.

އެ ގުރޫޕްގައި އިންޓަ މިލާންއިން ވަނީ އެއް ވަނައިގައި އޮތް ބުރޫޝިއާ މޮންޗެންގުލެޖްބާކް 3-2 ންން ބަލި ކޮށްފަ އެވެ. ދެ ވަނަ ހާފުގައި އިންޓަގެ ރޮމެލޫ ލުކާކޫ ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ބުރޫޝިއާ ޕާކުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އިންޓަގެ މާޓާއޯ ޑާމިއަން އެވެ. ގުލެޖްބާކްގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ އެލަސަން ޕްލިއާ އެވެ.

މެޑްރިޑްގައި އެތުލެޓިކޯ މެޑްރިޑް، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް އަތުން މޮޅު ނުވެވުމުން އެތުލެޓިކޯއަށް އަދިވެސް ދެ ވަނަ ބުރުގެ ފުރުސަތު ޔަގީން ނުކުރެވެއެވެ. މެޗު އެއްވަރުވީ 1-1 ންނެވެ. އެތުލެޓިކޯގެ ޔޯއާ ފެލިކްސް އެޓީމަށް ލީޑް ނަގައި ދީފައި ވަނިކޮށް މެޗުގެ ފަހު ވަގުތުގައި ބަޔާންގެ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ތޯމަސް މުލާ އެވެ.